Advertisement

ސާފް ޕޮއިންޓުތައް ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުގައި ނުހިމެނޭ ގޮތް ހަދައިފި

14 މާރިޗު 2023 - 18:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބޯހުރާ ކައިރީ އޮންނަ މުލީކޮޅު ރާޅުގަނޑު - ފޮޓޯ: ލިކިއުފައި މޯލްޑިވްސް


ސާފް ޕޮއިންޓުތައް ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުގައި ނުހިމެނޭ ގޮތް ހަދައިފި

14 މާރިޗު 2023 - 18:21 0

ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާއިރު އެ ސަރަހައްދުގައި ހިމެނޭ ސާފް ޕޮއިންޓުތަކާއި، ފީނުމުގެ ސަރަހައްދުތައް ފަދަ ޓުއަރިސްޓު އެކްސްޓްރެކްޝަންތައް ނުހިމެނޭނެ ގޮތް ހަދައިފި އެވެ.

އެގޮތުން، މިއަދު ޓޫރިޒަމް މިނިސްޓްރީއިން ގެޒެޓުކޮށްފައިވާ 'ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު' ގައި ބުނެފައިވަނީ މިފަދައިން ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުން އިސްތިސްނާ ކުރެވޭނީ ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްފައިވާ ސަރަހައްދުތައް ކަމަށެވެ. އަދި އެފަދަ ސަރަހައްދުތައް ބޭނުންކުރުމަށް މިނިސްޓްރީން ވަކި އުސޫލެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދު ކަމުގައި ކަނޑައެޅުމުގައި ބަލާނީ އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ކަމަށެވެ. އަދި ހިއްކައިގެން ބޮޑުކުރާ ރަށްރަށުގައި ވެސް ބަލާނީ ހިއްކުމުގެ ކުރިން މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބު ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ރިސޯޓުތައް ހިންގާ ރަށްރަށުގެ މެދު ދިޔައިގައި ހިކިފަސް ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 މީޓަރަށްވުރެ ބޮޑު ފަޅެއް އޮންނަ ރަށެއް ނަމަ ފަޅުގެ ސަރަހައްދު ކަމުގައި ބަލާނީ 500 މީޓަރާއި ހަމައަށްވާ ސަރަހައްދެވެ. ނަމަވެސް އޭގެ އިތުރަށް އޮންނަ ސަރަހައްދު، 1،000 މީޓަރާއި ހަމައަށް އިތުރުކުރެވޭނެ އެވެ. އެގޮތައް އިތުރުކުރާނަމަ ފީއެއްގެ ގޮތުގައި 100،000 އެމެރިކާ ޑޮލަރު މީރާއަށް ދައްކަން ޖެހޭނެ އެވެ. އަދި އެ ސަރަހައްދު ރަށް ކުއްޔަށް ދިނުމަށް ހެދިފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހެއްގެ ގޮތުން އިތުރުކުރަންޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.

އަދި، ރަށުގެ ހިކިފަސް ސަރަހައްދުން ފަރުގެ ބޭރުކައިރިއާ ހަމައަށް 500 މީޓަރު ހަމަނުވާ ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ހިކިފަސް ހިސާބުން ފެށިގެން ފަޅުގެ ބޭރުކައިރިއާ ހަމައަށް ކަމަށް ވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައިވަނީ ރިސޯޓުތަކުން، އެ ރިސޯޓެއްގެ ފަޅުގެ ސަރަހައްދުން ބޭރުގައި މިނިސްޓްރީން ހުއްދަ ލިބިގެން ގާއިމުކޮށްފައިވާ ކޮޓަރިއެއް ނުވަތަ ފެސިލިޓީއެއް ހުރި ނަމަ އެ ރިސޯޓެއްގެ ފަޅުގެ ސަރަހައްދަކީ އެ ކޮޓަރިއެއް ނުވަތަ ފެސިލިޓީއެއްގެ ފުޓްޕްރިންޓުން ފެށިގެން 50 މީޓަރާއި ހަމައަށް ކަމަށެވެ.

މިއަދު އަމަލުކުރަން ފެށި މި ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުގައި ސާފް ޕޮއިންޓުތައް ނުހިމެނޭ ގޮތްތައް ހަދާފައި މިވަނީ މި އަހަރުގެ ޖެނުއަރީ މަހު މ. މުލި ކައިރީ އޮންނަ ބޯހުރާ ނަމަކަށް ކިޔާ ފަޅު ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް އިއުލާންކުރިއިރު އެ ރަށް ކައިރި އޮންނަ ސާފިން ޕޮއިންޓަށް ގެއްލުން ލިބޭނެ ކަމަށް ބުނެ ރާޅާއެޅުންތެރިންނާއި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާތައް ގުޅިގެން ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވަނިކޮށެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީން ބުނީ ބޯހުރާގެ އިހުތިސާސްގެ ތެރޭގައި އެ ސާފް ޕޮއިންޓު ނުހިމެނޭނެ ކަމަށެވެ. ނަމަވެސް، ފަހުން އެ މިނިސްޓްރީން ވަނީ ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ލިސްޓުން ބޯހުރާ އުނިކޮށްފަ އެވެ.