13 މާރިޗު 2023 - 10:08 0
މުހައްމަދު ހަފީޒު
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
13 މާރިޗު 2023 - 10:08 0
މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 1.72 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 18.6 ޕަސަންޓު އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.8 ޕަސަންޓު ދަށް އަދަދެކެވެ.
މީރާއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
އަދި މީގެ ކުރީ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 30.9 ޕަސަންޓު އިތުރުވެފައިވުމާއި، މިއަހަރުން ފެށިގެން ޖީއެސްޓީ ރޭޓް ބޮޑުވުވުމަކީ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައިވެސް މީރާއިން ބުނެފައިވެ އެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުން ކަމަށެވެ.
ނަމަވެސް، މިދިޔަ ފެބްރުއަރީ ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އެއީ 1.18 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އޭއީ 182.04 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފެބްރުއަރީ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment