11 މާރިޗު 2025 - 16:24 0
އަމަން ހަލީމް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ކާގިލްސްގެ ލޯނު ދައްކަން ޖެހެނީ މި މަހުގެ 26 ގެ ކުރިން -- ފޮޓޯ: ރައީސް އޮފީސް
11 މާރިޗު 2025 - 16:24 0
އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި އެ ލޯނު ނުދައްކާކަން "އަދަދު" އަށް އެނގިއްޖެ އެވެ.
ކާގިލްއިން ނެގި މި ލޯނަކީ ކުރީ ސަރުކާރުން ބަޖެޓު ސަޕޯޓަށް ނެގި ލޯނެކެވެ. ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މި ލޯނު ނެގީ 7.15 ޕަސެންޓު އިންޓްރެސްޓުގަ އެވެ. އިންޓްރެސްޓާއި އެހެނިހެން ހަރަދުތަކާ އެކީ މި ލޯނަށް އަނބުރާ ދައްކަން ޖެހޭ އަދަދަކީ 126 މިލިއަން ޑޮލަރެވެ.
ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި, ސަރުކާރުން ވަނީ އެ ލޯނު ދައްކައިފަ އެވެ. އެހެން ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މި ލޯނު ދައްކަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ, ފައިސާ ހަމަޖެހިފައި ހުއްޓަސް އަދި ލޯނު ނުދައްކަ އެވެ.
މައުލޫމަތު ދިން މަސްދަރުތަކުން ބުނި ގޮތުގައި މި ހިނގާ ހަފުތާ ނިމުމުގެ ކުރިން ލޯނު ދައްކާނަ އެވެ. އަދި މި ކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހުރީ ބީއެމްއެލް މެދުވެރިކޮށް ހަމަޖައްސާފަ އެވެ. ކާގިލްސްގެ ލޯނު ދައްކަން ޖެހޭ ތާރީހަކީ މި މަހުގެ 26 އެވެ.
އެންމެ ފަހުން އެމްއެމްއޭއިން އާންމުކުރި ރިޒާވުގެ ތަފާސްހިސާބުތަކުން ވެސް މި ލޯނު ދެއްކޭނެ ކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ. އެ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވުގައި 832 މިލިއަން ޑޮލަރު ހުރި އިރު, ބޭނުންކުރެވޭ ރިޒާވުގައި 179 މިލިއަން ޑޮލަރު ހުއްޓެވެ.
ސަރުކާރުން މި ލޯނު ދެއްކި ކަމަށް ބުނެ ނޫސްތަކަށް މައުލޫމާތު ދިނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭން ބިން ގަންނަން ތައްޔާރުވަމުންދާ ކަމުގެ ހަބަރު ފެތުރި, ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ސަރުކާރާއި އެމްއެމްއޭ އާއި އަދި އެޗްޑީސީން ހާމަނުކުރި ނަމަވެސް, ބިން ގަތުމުގެ މުއާމަލާތާގެން ކުރިއަށް ދާން ނިންމާފައިވާކަން ވަނީ ޔަގީންކުރެވިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހުޅުމާލޭން ބިން ގަންނަން އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެސެޓް ބޭސްޑް ޓްރާންސެކްޝަނެއްގެ ގޮތުގައި ހިނގިޔަސް, ފައިސާ ޗާޕުކުރުން ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
Comment