Advertisement

ރެފްރީ ރިޕޯޓްގައި ހިމަނާފައި ނެތުމުން އެމްބާޕޭގެ މައްސަލަ ނުބަލާ

13 މާރިޗު 2023 - 06:31 0


ރެފްރީ ރިޕޯޓްގައި ހިމަނާފައި ނެތުމުން އެމްބާޕޭގެ މައްސަލަ ނުބަލާ

13 މާރިޗު 2023 - 06:31 0

ޕެރިސް (މާޗް 13) - ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރެސްޓް އަތުން 2-1 އިން ޕީއެސްޖީ މޮޅުވި މެޗުގެ ރެފްރީ ރިޕޯޓްގައި ކީލިއަން އެމްބާޕޭ ބޯޅަ ނެތިސް ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ހިމަނާފައިނުވާތީ އެ މައްސަލަ މި ވަގުތު ބެލޭނެ ހާލަތެއް ނެތް ކަމަށް ކަނޑައަޅައިފި އެވެ.

ބްރެސްޓްގެ މިޑްފީލްޑަރު، ހަރީސް ބެލްކެބްލާ އާއި އެމްބާޕޭ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގިއިރު، ރެފްރީ ނިންމީ ބެލްކެބްލާ އާއި އެމްބާޕޭ އަށް ވެސް ރީނދޫ ކާޑު ދެއްކުމަށެވެ. އެ ކަންކަން ހިނގާދިޔަ ގޮތުގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމްބާޕޭ ވަނީ ބެލްކެބްލާ ގައިގައި ފައިން ޖަހައިފަ އެވެ. އެ އަށް ފިޔަވަޅެއް އަޅަން މައްސަލަ ބަލާނެ ކަމަށް ހީކުރެވުނު ނަމަވެސް މެޗު ރެފްރީގެ ރިޕޯޓްގައި ހިމަނާފައިނުވާތީ، އެ މައްސަލަ މި ވަގުތު ބެލޭނެ ޖާގައެއް ނެތެވެ.

އެެހެން ނަމަވެސް، ބްރެސްޓް ޓީމުން ވީޑިއޯ ހެއްކާ އެކު ރަސްމީ ސިފައެއްގައި ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅައިގެން އަދިވެސް އެ މައްސަލަ ކުރިއަށްދެވޭނެ ޖާގަ އެބައޮތެވެ.

ބްރެސްޓް ދަނޑުގައި ކުޅުނު މި މެޗުގެ 37 ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުނެގީ އެމްބާޕޭ ބައިވެރިވެގެން ކުރި އެޓޭކެއްގައި ކާލޮސް ސޮލެއާ ޖެހި ގޯލުންނެވެ. އެމްބާޕޭ، އޭރިއާބޭރުން ޖެހި ބޯޅަ ބްރެސްޓްގެ ކީޕަރު މާކޯ ބިޒޯޓް އަތުގައި ޖެހިފައި ނުކުތުމުން ސޮލެއާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ޕީއެސްޖީ ލީޑުގައި އޮތީ ފަސް ވަރަކަށް މިނިޓެވެ. މެޗުގެ 43 ވަނަ މިނިޓްގައި ބްރެސްޓުން ވަނީ ފްރޭންކް ހޮނޯރާޓް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ޕީއެސްޖީ ޑިފެންސް ފަހަތަށް ދިޔަ ބޯޅަ ހިފައިގެން ވަދެ، ހޮނޯރާޓް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ލިއޮނަލް މެސީ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ޕީއެސްޖީ މޮޅުކޮށްދީފަ އެވެ.

ފްރެންޗް ލީގުގެ ދެ ވަނައިގައި އޮތް މާސޭ ވަނީ އަމިއްލަ ދަނޑުގައި ސްޓްރާސްބޯއާ 2-2 އިން އެއްވަރުވެފަ އެވެ. އެ ނަތީޖާއާ އެކު، ޕީއެސްޖީ އަށް ވަނީ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ޕީއެސްޖީ އަށް 27 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، މާސޭގެ އޮތީ 27 މެޗުން 56 ޕޮއިންޓެވެ.