Advertisement

އިޒްރޭލް ސަރުކާރާ ދެކޮޅަށް އެތައް ލައްކަ ބަޔަކު މުޒާހަރާކޮށްފި

13 މާރިޗު 2023 - 06:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާގައި 500،000 މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނޭ. -- ފޮޓޯ: ރޮއިޓާޒް


އިޒްރޭލް ސަރުކާރާ ދެކޮޅަށް އެތައް ލައްކަ ބަޔަކު މުޒާހަރާކޮށްފި

13 މާރިޗު 2023 - 06:25 0

އިޒްރޭލުގެ ޖުޑީޝަލް ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާ މެދު ހިތްހަމަނުޖެހި އެތައް ލައްކަ ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

މުޒާހަރާ އިންތިޒާމް ކުރި ފަރާތުން ބުނީ އެއީ އިޒްރޭލުގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށެވެ. އެ މީހުން ދެކޭ ގޮތުގައި ސަރުކާރުން ހުށަހެޅި ބަދަލުތަކުން ޑިމޮކްރަސީ ގެއްލޭނެ އެވެ.

ޖުޑީޝަލް ނިޒާމަށް ބަދަލުތަކެއް ގެންނަން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވީ ސަރުކާރުގެ އެކި ގޮފިތައް ބެލެންސް ކުރުމަށް ކަމަށް ވިދާޅުވެ އެވެ.

ހޮނިހިރު ދުވަހުގެ މުޒާހަރާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ޔެއާ ލަޕީދް ވިދާޅުވީ މިއީ އިޒްރޭލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމަށެވެ.

ސަރުކާރުގެ ރޭވުންތަކާ މެދު އިޒްރޭލް ރައްޔިތުން މުޒާހަރާ ކުރާތާ 10 ހަފުތާ ވެއްޖެ އެވެ. މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ބުނީ ހޮނިހިރު ދުވަހު 500،000 މީހުން މުޒާހަރާގައި ބައިވެރިވި ކަމަށެވެ.

ތެލް އަވީވްގައި އެކަނިވެސް 200،000 މީހުން ޖަމާވި އެވެ. މުޒާހަރާގައި ބައިވެރިންގެ ތެރެއިން ޔުނިފޯމްގައި ހުންނެވި ފުލުހުންގެ ޗީފް އަމިޗައި އެޝެޑް ވަޑައިގެންނެވުމުން، އޭނާއަށް ގިނަ ބަޔަކު ސާބަސް ދިނެވެ.

އެޝެޑް މަގާމުން ވަކިކުރެވޭތޯ ނަތަންޔާހޫގެ ސަރުކާރުން ދާދި ފަހުން މަސައްކަތް ކުރި އެވެ. އެކަމަށް ހުރަސް އެޅީ އިޒްރޭލުގެ އެޓޯނީ ޖެނެރަލް އެވެ.

ތެލް އަވީވްގެ އިތުރުން އުތުރު ހައިފާ ސިޓީގައި 50،000 މީހުންގެ ބޮޑު ހިނގާލުމެއް ހޮނިހިރު ދުވަހު ބޭއްވި އެވެ.

ސަރުކާރުން ރާވާފައިވާ ބަދަލުތަކުގެ ދަށުން ފަނޑިޔާރުން އައްޔަން ކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭނެ އެވެ. އޭގެ އިތުރުން ވެރިކަން ހިންގާ ބާރާ ދެކޮޅަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ގާބިލްކަން ލިމިޓްކުރާނެ އެވެ.

އެ ރޭވުމާ މެދު އިޒްރޭލުގެ ގިނަ ބަޔަކު ހިތްހަމަނުޖެހެ އެވެ. އިޒްރޭލް ސިފައިންގެ ރިޒާވް ފައުޖުގައި ހިމެނޭ ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުގެ ގޮތުން ނިންމީ ސިފަައިންގެ މަސައްކަތަށް ނުނިކުތުމަށެވެ.

ރައްޔިތުން ދެކޭ ގޮތުގައި ސަރުކާރުގެ ހުށަހެޅުމުގެ ސަބަބުން ޖުޑިޝަރީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަަދެ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ އެވެ.