Advertisement

ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

12 މާރިޗު 2023 - 09:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި - ފޮޓޯ: ރައީސް އޮފީސް


ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

12 މާރިޗު 2023 - 09:29 0

ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅު ފެއްޓެވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެގޮތުން އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. ދޯހާގައި ރައީސް ވަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

އެ ކޮންފަރެންސްގެ ތެރެއިން ރައީސް ވަނީ ގިނަ ގައުމުތަކެއްގެ ވެރިންނާ ބައްދަލުކުރައްވާ އެކި މަޝްވަރާތައް ކުރައްވާފަ އެވެ.

އެގޮތުން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލުކުރައްވާ ފަލަސްތީނާއެކު ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފަ އެވެ. ރައީސް ފަލަސްތީނުގެ ރައީސާ ބައްދަލުކުރެއްވީ ފުރަތަމަ ފަހަރަށް ރާއްޖެއިން އެ ގައުމަށް ކަނޑައެޅުއްވި ސަފީރަކު ފަލަސްތީނުގެ ރައީސަކާ ބައްދަލުކުރައްވައި އެމަނިކުފާނަށް ފަތްކޮޅު އެރުވިތާ ތިން ދުވަސް ފަހުންނެވެ.

މި ދަތުރުފުޅުގައި ރައީސް ސާބިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ރައީސް ސޯލިހު ވަނީ ދޯހާގައި އެ ގައުމުގެ ރައީސް އެލެކްސެންޑްރާ ވުސިޗް އާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވާފަ އެވެ.

މީގެއިތުރުންވެސް ދޯހާގައި ރައީސް ސޯލިހު ވަނީ ސީޝެލްސް، އަދި މަލާވީގެ ރައީސްގެ އިތުރުން އ.ދ ގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރައްވާފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި ޖަރުމަނަށް ވަޑައިގެންނެވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެގޮތުން ރައީސް ވަނީ ޖަރުމަނުގެ ވެރިރަށް ބާލިންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއާއަށް ޒިޔާރަތް ކުރައްވާފަ އެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގަތެވެ.

އައިޓީބީއަށް ޒިޔާރަތް ކުރައްވާ ރައީސް ވަނީ އެ ފެއާގައި ހުރި ރާއްޖޭގެ ސްޓޯލަށް ވަޑައިގެން އެ ސްޓޯލުގައި ހުށަހެޅުނު އެކި އައިޓަމްތައް ބައްލަވާލައްވާފަ އެވެ. ރާއްޖޭގެ ސްޓޯލުން ރައީސަށް މަރުހަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

އެއަށްފަހު މި މަހުގެ 9 ގައި ރައީސް ވަނީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 24 ޕަސެންޓު ޑިއުޓީ ކަނޑާލުމަށް ކުރަމުންދާ މަސައްކަތުގައި ޖަރުމަނުގެ އެހީއަށް އެދިވަޑައިގެންފަ އެވެ.

ރައީސް ސޯލިހު، ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމާ އާ ބައްދަލުކުރެއްވީ މި މަހުގެ 10 ގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުން ނެގޭ ޑިއުޓީ ކުޑަކުރުމާއި ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.