Advertisement

ހަތް އަހަރަށް ފަހު އިރާނާއި ސައުދީ އަރަބިއްޔާއިން ގުޅުން ގާއިމްކުރަނީ

11 މާރިޗު 2023 - 09:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާއިން އިރާނާ އެކު އޮތް ގުޅުން ކަނޑާލީ 2016 ގައި. -- ފޮޓޯ: އީޕީއޭ


ހަތް އަހަރަށް ފަހު އިރާނާއި ސައުދީ އަރަބިއްޔާއިން ގުޅުން ގާއިމްކުރަނީ

11 މާރިޗު 2023 - 09:09 0

މީގެ ހަތް އަހަރު ކުރިން ގުޅުން ކަނޑާލި އިރާނާއި ސައުދީ އަރަބިއްޔާއިން ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކުރަން އެއްބަސްވެއްޖެ އެވެ.

އެކަމާ ގުޅޭ ކުއްލި އިއުލާނެއް ކުރީ އިރާނާއި ސައުދީގެ އޮފިޝަލުން ހަތަރު ދުވަސް ވަންދެން ޗައިނާގައި ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ސައުދީ އަރަބިއްޔާއިން އިރާނާ އެކު އޮތް ގުޅުން ކަނޑާލީ 2016 ވަނަ އަހަރު އިރާނުގެ ބަޔަކު ތެހްރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ ތެރެއަށް ވަދެގަތުމުންނެވެ.

އިރާނުގައި ސައުދީއާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ އެ ގައުމުގައި ޝިއައީންގެ އިސް އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ.

އޭގެ ފަހުން ޝިއައީންގެ ވެރިކަން އޮންނަ އިރާނާއި ސުންނީންގެ ވެރިކަން އޮންނަ ސައުދީގެ މަޝްރަހު އޮތީ ގޯސްވެފަ އެވެ. އެއީ މެދުއިރުމަތީގެ އެންމެ ވާދަވެރި ދެ ގައުމެވެ.

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގައި އިރާނާއި ސައުދީއިން ތާއީދުކުރަނީ ދެ ފަޅިއަށެވެ. އެގޮތުން ލުބްނާން، ސީރިއާ، އިރާގް އަދި ޔަމަން ފާހަގަކުރެވެ އެވެ.

ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން މީގެ ކުރިން ކުރި މަސަައްކަތްތައް ކާމިޔާބުވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ދެ ގައުމުން ބުނީ ދެ މަސް ތެރޭގައި އެމްބަސީތައް ހުޅުވާނެ ކަމަށެވެ.

ޑިޕްލޮމެޓިކް ގުޅުމުގެ އިތުރުން ވިޔަފާރީގެ ގުޅުމާއި ސަލާމަތީ ގުޅުން އަލުން ގާއިމް ކުރަން ވެސް އެއްބަސްވި އެވެ. އެމެރިކާއިން ވަނީ އެ ނިންމުމަަށް މަރުހަބާ ކިޔައިފަ އެވެ.

އދ. ގެ ޗީފް އެންޓޯނިއޯ ގުޓެރޭޒް މަރުހަބާ ދެންނެވުމަށް ފަހު ވިދާޅުވީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޗައިނާއަށް ޝުކުރު ދަަންނަވާ ކަމަށެވެ.

ނިޔުކްލިއާ މަޝްރޫއުގެ މައްސަލައިގައި އިރާނަށް ވީ އެންމެ ބޮޑަކަށް ދަތިކުރަން ގޮވާލާފައިވާ އިޒްރޭލުން ވަކި އެއްޗެއް ނުބުނެ އެވެ.