Advertisement

ޓީމު ބައްދަލުވުމަށް ގަޑިޖެހުމުން ޕޮގްބާ ސްކޮޑަށް ވެސް ނުނެގި

10 މާރިޗު 2023 - 09:11 0


ޓީމު ބައްދަލުވުމަށް ގަޑިޖެހުމުން ޕޮގްބާ ސްކޮޑަށް ވެސް ނުނެގި

10 މާރިޗު 2023 - 09:11 0

ޓިއުރިން (މާޗް 10) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ 1-0 އިން ޖަރުމަނުގެ ފްރައިބާގް އަތުން މޮޅުވި މެޗުގެ ސްކޮޑަށް ޔުވެންޓަސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ނުނެގީ އަހުލާގީ މައްސަލައަކާ ހެދި ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބުދަ ދުވަހު އޮތް ޓީމު ބައްދަލުވުމަށް ޕޮގްބާ ވަގުތަށް އައިސްފައި ނުވާތީ އަލެގްރީ ނިންމީ މެޗު ސްކޮޑުން ޕޮގްބާގެ ނަން އުނިކުރުމަށެވެ. އަދި އެ ނިންމުމަށް ޔުވެންޓަސްގެ ކޯޗިން ސްޓާފުންނާއި ސިނިއާ މެނޭޖްމަންޓްގެ ރުހުން ވެސް ވަގުތުން ލިބުނެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި ޔުވެންޓަސްއާ އަލުން ގުޅުނު ޕޮގްބާ މި ސީޒަނުގެ ބޮޑުބައި ހޭދަކުރީ އަނިޔާގަ އެވެ. އެއީ ޕްރީ ސީޒަނުގައި ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އޮޕަރޭޝަނެއް ވެސް ކުރަން ޖެހުމުންނެވެ.

ޔުވެންޓަސް އަށް ރަސްމީ މެޗެއްގައި ޕޮގްބާ އެންމެ ފުރަތަމަ ކުޅެފައިވަނީ މިދިިޔަ މަހުގެ 28 ވަނަ ދުވަހު ޓޮރިނޯއާ ދެކޮޅަށެވެ. މިއީ ފާއިތުވި 10 މަހެއްހާ ދުވަސްތެރޭގައި މެޗެއްގައި ޕޮގްބާ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. ޕޮގްބާ، ޔުނައިޓެޑް ދޫކޮށްލިއިރު ވެސް އެންމެ ފަހު ސީޒަނުގެ ފަހު ބައި ހޭދަކުރީ އަނިޔާގަ އެވެ.

ކުޅުމަށް އެނބުރި އައުމަށް ފަހު، ޕޮގްބާގެ މެޗު ފިޓްނަސް މައްސަލައިގެ ސަބަބުން އަދި ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ދޭން ކޯޗު އަލެގްރީ ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން، އަހުލާގީ މި ފަދަ މައްސަލަ އަކާ ހުރެ، ޕޮގްބާ އަށް ސްކޮޑުން ޖާގަ ނުދޭން އަލެގްރީ ނިންމުމާ އެކު، ޕޮގްބާ އަށް ޔުވެންޓަސްގައި މުސްތަގުބަލެއް އޮތްތޯ ވެސް އިޓަލީގެ މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޕޮގްބާ، މި ފަހަރު އަދި ޔުވެންޓަސްގެ މެޗެއްގެ ފުރަތަމަ އެގާރައިގައި ބޭނުންކޮށްފައެއް ނުވެ އެވެ. އޭނާ ފެނުނު ދެ މެޗުގައި ވެސް ކުޅުނީ ބަދަލެއްގެ ގޮތުގަ އެވެ.