Advertisement

ތަނެއް ނުލިބިގެން ކުމުންދޫގައި ޕޮލިސް ޕޯސްޓު ގާއިމު ނުކުރެވި 2 އަހަރު

8 މާރިޗު 2023 - 12:57 0

ހދ. ކުމުންދޫ؛ އެ ރަށުގައި ޕޮލިސް ޕޯސްޓު ގާއިމް ނުކުރެވިފައިވަނީ ތަނެއް ނުލިބިގެން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ތަނެއް ނުލިބިގެން ކުމުންދޫގައި ޕޮލިސް ޕޯސްޓު ގާއިމު ނުކުރެވި 2 އަހަރު

8 މާރިޗު 2023 - 12:57 0

ދެ އަހަރުވެގެން ދިޔައިރު ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމް ކުރެވިފައި ނުވަނީ އެ ރަށުގައި ޕޯސްޓު ގާއިމް ކުރާނެ ތަނެއް ނުލިބިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްްޖެ އެވެ.

ކުމުންދޫގައި ގާއިމް ކުރާ ޕޮލިސް ޕޯސްޓާ ގުޅޭ ގޮތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އެ ރަށުގައި ޕޮލިސް ޕޯސްޓު އަޅަން އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުގައި ކަމަށެވެ. އަދި، އެ ރަށަކީ އެ އަހަރު ޕޮލިސް ޕޯސްޓު ގާއިމް ކުރަން ނިންމި ރަށްތަކުގެ ތެރެއިން ނުހުޅުވި އޮތް ހަމައެކަނި ރަށް ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޕޮލިސް ޕޯސްޓު ނުހުޅުވި ލަސްވަނީ އެ ރަށުގައި ޕޯސްޓު ގާއިމް ކުރާނެ ތަނެއް ތިން ފަހަރު މަތިން އިއުލާނުކޮށްގެން ވެސް ނުލިބިގެން ކަމަށެވެ.

"ތަނެއް ލިބޭތާ ގިނަ ވެގެން އަޅުގަނޑުމެންނަށް ތިން މަސް ދުވަސް ތެރޭގައި ޕޯސްޓު ހުޅުވޭނޭ ކަން ޔަގީން، ތަނެއް ލިބުން އެއީ މުހިންމު ކަމެއް، އެކަން ވާނީ އެކަށީގެންވާ ކުއްޔެއްގައި ލިބުން، ނޫނީ ކައުންސިލުން އަޅުގަނޑުމެންނަށް ތަނެއް ހަމަޖައްސައިދިނުން، މި ދެ ގޮތުން ކުރެ ގޮތަކުން،" އިމްރާން ވިދާޅުވި އެވެ.

އެ ދާއިރާގެ މެންބަރު ވަނީ ރަށުގައި ކުށްކުރުން އިތުރުވެފައިވާ ކަމަށާއި އެ ރަށަށް ޕޮލިސް ޕޯސްޓެއްގެ މުހިންމު ކަން ފާހަގަކުރައްވައިފަ އެވެ.

އެކަމަށް ބާރު ދެއްވައި އިމްރާން ވެސް ވިދާޅުވީ އެ ރަށުގައި ކުށްކުރުން އިތުރުވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރުމަށް މުހިންމު ކަން ފުލުހުން ވެސް ދެކޭ ކަަމަށެވެ.