Advertisement

ފިލިޕީންސް ކައިރިން ކަނޑަށް ތެޔޮ ލީކުވެ ގިނަ ބަޔަކު ބަލިވެއްޖެ

8 މާރިޗު 2023 - 08:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފިލިޕީންސްގެ މަސްވެރިން އައްސޭރިފަށުން ތެޔޮ ސާފު ކުރަނީ. -- ފޮޓޯ: އީޕީއޭ


ފިލިޕީންސް ކައިރިން ކަނޑަށް ތެޔޮ ލީކުވެ ގިނަ ބަޔަކު ބަލިވެއްޖެ

8 މާރިޗު 2023 - 08:26 0

ފިލިޕީންސް ކައިރިން އަޑިއަށް ދިޔަ ޓޭންކަރަކުން ތެޔޮ ލީކުވެ އައްސޭރިފަށުގެ އަވަށްތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ބަލިވެއްޖެ އެވެ.

އެމްޓީ ޕްރިންސެސް އެމްޕްރެސް ޓޭންކަރު އަޑިއަށް ދިޔައީ 800،000 ލީޓަރުގެ ތެލާ އެކު އޮރިއެންޓަލް މިންޑޯރޯ ޕްރޮވިންސް ކައިރިންނެވެ.

ކަނޑަށް ލީކުވެ ތެޔޮ އައްސޭރިފަށާ ހަމައަށް ފޯރާފައިވާ އިރު، ކަޅުތެލުން ގޮނޑުދޮށްތައް ވަނީ ކިލަނބުވެފަ އެވެ. އަވަށްތަކުގެ މީހުންގެ ބޯ އަނބުރައި، ބަނޑުގައި ރިއްސައި، ހޮޑުލެވުން ފަދަ ކަންކަމާ ދަނީ ކުރިމަތިވަމުންނެވެ.

ޕޯލާ އަވަށަށް ފޮނުވި ސާފުކުރާ ޓީމުގެ މީހުން ވެސް ބަލިވެފައިވާ ކަމަށް ފިލިޕީންސްގެ ނޫސްތަކުން ބުނެ އެވެ.

ތެލުގެ އާވީގެ އަސަރު ހަށިގަނޑަށް ކުރާ ނަމަ މޭ ނުބައިކޮށް ބޮލުގައި ރިއްސައި ގޮތް ވުން އެކަށީގެންވެ އެވެ. އަދި ހަމުގައި ޖެހިއްޖެ ނަމަ ފޮޅު ނަގައި ހިރުވުން އެކަށީގެންވެ އެވެ.

އެ ހާދިސާގެ އަސަރުކޮށްފައިވާ ހިސާބުތަކުގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، އެ ސަރަހައްދުތަކުގައި މަސް ބޭނުން ވެސް މަނާކޮށްފަައިވެ އެވެ.

އޭގެ ސަބަބުން 60 އަށް ވުރެ ގިނަ އަވަށުގެ 18،000 އަށް ވުރެ ގިނަ މަސްވެރިންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ.

ފިލިޕީންސްގެ ޓޫރިޒަމް މިނިސްޓްރީން ބުނީ ތެލުގެ އަސަރުކޮށް މަގްބޫލު ޑައިވިން މަންޒިލްތައް ތަގައްޔަރުވުމުގެ ބިރު ވެސް އެބަ އޮތް ކަމަށެވެ.

އޭގެ އިތުރުން 36،000 ހެކްޓަރުގެ ފަރާއި، ކަނޑޫފަލާއި، ކަނޑުވިނަ ހަލާކުވުމުގެ ނުރައްކާ އެބަ އޮތް ކަމަށް މެރީން ބަޔޮލޮޖިސްޓުން ބުނެ އެވެ.

ތެޔޮ ޓޭންކަރު އަޑިއަށް ދިޔައީ މިދިޔަ ހަަފުތާގަ އެވެ. ތެޔޮ ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ފިލިޕީންސްގެ ކޯސްޓުގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ޓޭންކަރު އަޑިއަށް ދިޔަ ސަބަބު ސާފެއް ނޫނެވެ. އޭގެ 20 ކްރޫ މެމްބަރުން ސަލާމަތްވީ ކައިރިން ދަތުރު ކުރި މުދާ އުފުލާ ބޯޓެއްގެ އެހީއާ އެކު އެވެ.