13 ނޮވެންބަރު 2024 - 17:20 0
އަހުމަދު އާއިދު
ކޮޕްގެ ހަވާސާގައި ޗައިނާއިން ބޭއްވި އިވެންޓުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް
13 ނޮވެންބަރު 2024 - 17:20 0
ތިމާވެށްޓާ ރައްޓެހި، ލޯ-ކާބަން ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ ކޮޕް-29 ގެ ހަވާސާގައި ޗައިނާއިން ކުރިއަށް ގެންދިޔަ "އިންޓަނޭޝަނަލް ޒީރޯ-ކާބަން އައިލެންޑް ކޯޕަރޭޝަން އިނިޝިއޭޓިވް ލޯންޗިން ކޮންފަރެންސް" އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ، ވިލުންތެރި ސިޓީތައް ބިނާކޮށް ތިމާވެއްޓާ ރަށްޓެހި ޓެކްނޮލޮޖީ ގާއިމުކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަކީ ކާބަން މަދު މުސްތަގުބަލަކަށް އޮތް މަގުޗާޓެއް ކަމަށް ވިދާޅުވެފަ އެވެ.
މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ޗައިނާ އަކީ ބައިނަލްއަގުވާމީ ލީޑަރެއް ކަމަށާއި 2026 ގެ ކުރިން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ޗައިނާއިން ކުރާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ގްރީން ޓެކްނޮލޮޖީއަށް އިންވެސްޓުކޮށް، ކަބާން މަދުކުރުން ޕްރޮމޯޓު ކުރުމާއެކު ޗައިނާއިން ދަނީ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، އިގުތިސާދީ އާ ފުރުސަތުތަކެއް ވެސް ފަހިކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ތިމާވެށީގެ މައްސަލަތަކާ ޗެލެންޖުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާ ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކުރާ އަދި ކުރަން ރާވާފައިވާ ބައެއް މަސައްކަތްތައް މިއަދުގެ އިވެންޓުގައި ވެސް ރައީސް ތަކުރާރުކުރެއްވި އެވެ. އެގޮތުން 2028 ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އޮތް ލަނޑުދަނޑި ފާހަގަކުރެއްވި އެވެ.
"މި ފުރުސަތުގައި ރާއްޖެއިން ތިމާވެށްޓާ ރައްޓެހި، ކާބަން މަދު ތަރައްގީއަށް ކުރަމުންދާ މަސައްކަތުގައި ޗައިނާ އިން ދެމުންދާ އެހީތެރިކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެ ގައުމުގެ ސަރުކާރަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ޗައިނާ އާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ތިމާވެށި ރައްކާތެރިކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހުރިހާ ގައުމަކުން އެކަތިގަނޑަކަށް ވެގެން ކުރަން ޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ ޗައިނާއިން ދައްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި މިސާލަށް ތަކުރާރުކޮށް ތައުރީފުކުރައްވައިފަ އެވެ.
Comment