Advertisement

ކުނިގޮނޑެއްގައި ރޯވެ ކޮޗިންގައި ވިހަ ދުން

7 މާރިޗު 2023 - 16:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މީގެ ކުރިން 2021 ވަނަ އަހަރު ވެސް އެ ކުނިގޮނޑުގައި ރޯވި. -- ފޮޓޯ: އޭއެންއައި


ކުނިގޮނޑެއްގައި ރޯވެ ކޮޗިންގައި ވިހަ ދުން

7 މާރިޗު 2023 - 16:16 0

އިންޑިއާގެ ކުނިގޮނޑެއްގައި ރޯވެ ކެރަލާ ސްޓޭޓުގެ ކޮޗިން ސިޓީގެ ބައެއް ހިސާބުތަކުގައި ވިހަ ދުން ފެތުރިއްޖެ އެވެ.

މިދިޔަ ހަފުތާގައި އަލިފާން ރޯވި ޕްލާންޓަކީ ކޮންމެ ދުވަހަކު ވެސް އެތައް ޓަނުގެ ކުނި ޕްރޮސެސް ކުރާ ތަނެކެވެ.

ވިހަ ދުން ފެތުރިފައި ވާތީ އާއްމުން ގޭގައި ތިބުމަށް އަދި ބޭރަށް ދާ އިރު، އެން-95 މާސްކު އެޅުމަށް ލަފާދީފައިވެ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ ސްކޫލުތައް ބަންދުކުރަން ވެސް ނިންމި އެވެ.

އާދީއްތަ ދުވަހު ކެރަލާ ސްޓޭޓް ސަރުކާރުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމަށާއި ވަރަށް އަވަހަށް ނިއްވާލާނެ ކަމަށެވެ.

އިންޑިއާގެ ކުނިގޮނޑުތަކުގައި އަލިފާން ރޯވާން ދިމާވަނީ ކުނިތަކަށް ގިނަ ދުވަސް ވާން ފެށުމުން އުފެދޭ މީތޭން ގޭހުގެ ސަބަބުންނެވެ.

މިދިޔަ ހަފުތާގައި ރޯވި ބްރާހްމަޕުރަމް ޕްލާންޓް ހުންނަނީ ކޮޗިން ސިޓީގެ ދުރު ހިސާބެއްގަ އެވެ. އެ ޕްލާންޓް ހިންގަނީ ކޮޗިން ސިޓީއިންނެވެ.

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު އާއްމުކޮށް އެ ތަނުގައި ރޯވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އެއީ މާ ބޮޑަށް ހޫނުވާން ފެށުމުންނެވެ.

އަލިފާންގަނޑުން އަރަމުންދާ ދުމާ އެކު އަލިފާން ނިއްވާ މީހުންނަށް ވެސް ބޯ އެނބުރުމާއި ހޮޑުލެވުން ފަދަ މައްސަލަތައް ދަނީ ދިމާވަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފަޔާ ޑިޕާޓްމަންޓުގެ މަދުވެގެން 20 އޮފިޝަލުންނަށް ނޭވާލުމުގެ މައްސަލަތައް ވަނީ ދިމާވާން ފަށައިފަ އެވެ.

އަލިފާން ރޯވި ސަބަބު ހޯދަން ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. ކެރަލާ ސްޓޭޓުގެ ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ކޮޗިން ސިޓީގެ އިދާރާތަކަށް އެންގީ ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފުވުމުން ޖޫރިމަނާގެ ގޮތުގައި 220،000 ޑޮލަރު ދެއްކުމަށެވެ.