Advertisement

ޔުނިވާސިޓީތަކުގެ މުސާރަ ބޮޑުކުރަން އަހަރަކު އިތުރު 3.5 މިލިއަން ރުފިޔާ

6 މާރިޗު 2023 - 13:49 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޔުނިވާސިޓީތަކުގެ މުސާރަ ބޮޑުކުރަން އަހަރަކު އިތުރު 3.5 މިލިއަން ރުފިޔާ

6 މާރިޗު 2023 - 13:49 1

ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާއެކު ކޮންމެ އަހަރަކު އިތުރު 3.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަަށް އައި ބަދަލުތަކުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާއެކު ކޮންމެ އަހަރަކު އިތުރަށް 3.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

މުސާރައަށް އައި ބަދަލާއެކު ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންްގެ މުސާރައިގެ ގޮތުގާ ކޮންމެ އަހަރަކު 43 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. މުސާރަ ބޮޑުކުރުމަށް ނިންމާފައި ވަނީ މާޗު މަހުން ފެށިގެން ކަމަށްވުމާއެކު މިއަހަރު ހޭދަވާނީ 35.8 މިލިއަން ރުފިޔާ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

އާ ޕޭ ފްްރޭމްވާކަށް އަަމަލުކުރަން ފެށުމާއެކު ޖުމްލަ 327 މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ އެވެ.

މި ބަދަލާއެކު އެންމެ ބޮޑު ބަދަލެއް މުސާރައަށް އައީ ރޭންކު ނުވައެއް އަދި ހަތެއްގައި ހިމެނޭ މުވައްޒަފުންނަށެވެ. ރޭންކު ނުވައެއްގައި ހިމެނެނީ ސީނިއާ ލެކްޗަރާއިންނާއި ސީނިއާ ވޮކޭޝަނަލް އިންސްޓްރަކްޓަރުން ނެވެ. މި ރޭންކުގެ މުވައްޒަފުންގެ މުސާރައަށް 96 ޕަސެންޓު ކުރިއެރުން ލިބުނެވެ.

ރޭންކު ހަތެއްގައި ހިމެނެނީ އެސިސްޓެންޓު ލެކްޗަރާއިންނާއި، ސީނިއާ ޓިއުޓަރުން، އެސިސްޓެންޓު ވޮކޭޝަނަލް އިންސްޓްރަކްޓަރުންނެވެ. މި ރޭންކުގެ މުވައްޒަފުންގެ މުސާރައަށް 99 ޕަސެންޓު ކުރިއެރުން ލިބުނެވެ.

ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލުތައް؛

  • އެސިސްޓެންޓް ޕްރޮފެސާ - 23،500ރ. އިން 39،400ރ. އަށް
  • އެސޯސިއޭޓް ޕްރޮފެސާ - 26،000ރ. އިން 45،000ރ. އަށް
  • ޑީން - 30،000ރ. އިން 38،000ރ. އަށް
  • ރަޖިސްޓްރާ - 23،000ރ. އިން 42،000ރ. އަށް
  • ޑެޕިއުޓީ ވައިސް ޗާންސެލަރު - 39،000ރ. އިން 48،000ރ. އަށް
  • ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ - 14،000ރ. އިން 26،000ރ. އަށް
  • ވޮކޭޝަނަލް ލެކްޗަރާ - 17،000ރ. އިން 29،000ރ. އަށް
  • ވޮކޭޝަނަލް ސީނިއާ ލެކްޗަރާ - 17،000ރ. އިން 34،000ރ. އަށް

ލެކްޗަރާއިންގެ އިތުރަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ ވެސް އަންނަ މެއި މަހުން ފެށިގެން ބޮޑުވާނެ ކަމަށް، މިދިޔަ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސިއްހީ ދާއިރާގެ އިތުރުން ބައެއް އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މެއި މަހުން ފެށިގެން އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ވެސް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރަ، ގާތްގަނޑަކަށް 50 ޕަސެންޓަށް ކުރިއެރުން ގެނެސްފައިވެ އެވެ.