Advertisement

ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސުން ގަވައިދާ ހިލާފުވެފައިނުވާނެ: އަމީރު

6 މާރިޗު 2023 - 09:39 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ ވެންޓިލޭޓަރު މައްސަލައިގައި އެ މިނިސްޓްރީން އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް މިއަދު ވިދާޅުވި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސުން ގަވައިދާ ހިލާފުވެފައިނުވާނެ: އަމީރު

6 މާރިޗު 2023 - 09:39 0

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެންޓިލޭޓަރުތަކެއް ހޯދަން ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ މައްސަލާގައި ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އަމަލު ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވަނީ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާން ޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތުގެ ގަަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އެގްޒެކިއުޓާސް އަށް ފައިސާ ދޫކޮށްފައިވޭތޯ ސުވާލުކޮށްފަ އެވެ.

އަދި، އެ މައްސަލައިގައި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވޭތޯ ވެސް ސުވާލުގައި ހިމަނާފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް ފާރަވެރިވުމުގެ މެންޑޭޓު ހަވާލުކޮށްފައިވާ ޕްރޮކިއުމެންޓު ހިނގާފައިވާ ގޮތް ބަލައި ނެރެފައި ރިޕޯޓުތަކުން ވެސް ފިނޭންސް މިނިސްޓްރީން ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ބުނެފައިނުވާ ކަމަށެވެ.

"ކޮވިޑް އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އޮފް ހެލްތުގައި ވެންޓިލޭޓަރު މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސުން ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަމަށް ފާހަގަކޮށްފައިނުވޭ،" އަމީރު ވިދާޅުވި އެވެ.

އަދި، މި މައްސަލައިގައި އޭސީސީން މިނިސްޓްރީއަށް އެންގީ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރުމަށް ކަމަށާއި އެކަން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ މި މައްސަލައިގައި އެ މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްސީލު ކޮށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ ކިޔައިދީފައިވާނެ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެތީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އެތަކެތީ ޖުމުލަ އަގު 31,052,025ރ އަށް އަރާއިރު، ތަކެތި ނުލިބުމުގެ ސަބަބުން ލިިބިފައިވާ ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32,574,750ރ އަށްވާ 2،112،500 އެމެރިކާ ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން އެދިފައިވެ އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.

ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.