Advertisement

ކާމިޔާބު ހޯދައި، ރާއްޖޭގެ ކުޅިވަރުގެ ހަރުފަތް މައްޗަށް ޖެއްސުމުގެ އަމާޒެއް

5 މާރިޗު 2023 - 12:43 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެ ކޮމިޓީގެ ރައީސް ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކާމިޔާބު ހޯދައި، ރާއްޖޭގެ ކުޅިވަރުގެ ހަރުފަތް މައްޗަށް ޖެއްސުމުގެ އަމާޒެއް

5 މާރިޗު 2023 - 12:43 0

ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން ހޯދާ ކާމިޔާބީތައް އިތުރުކޮށް، ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހިސާބުން ވެސް އެއް ހަރުފަތް މައްޗަށް ޖައްސާލުމަކީ މިހާރު އޮތް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ލީޑަޝިޕްގެ އެންމެ އިސް އަމާޒުކަމަށް އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ކުރައްވަމުން އަންނަ ސައްތާރު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މި އަހަރު ރާއްޖޭން ބައިނަލް އަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާނެ އެވެ. އެ ގޮތުން، ވާދަކުރާ ގޭމްސްތަކުގެ ތެރޭގައި ހިމެނެނީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސް، އިންޑޮނީޝިއާގައި ބާއްވާ އެނޮކް ވޯލްޑް ބީޗް ގޭމްސް، މަޑަގަސްކަރާގައި ހޯސްޓްކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސް އަދި ތައިލެންޑްގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.

މީގެ ތެރެއިން އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އަކީ ރާއްޖޭން ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ ގޭމްސްތަކެކެވެ. އަދި އައިއޯއައިޖީ އަކީ ރާއްޖޭން މެޑަލް ޓާގެޓްތަކެއް ކަނޑައަޅައި، ބޮޑު ކާމިޔާބަށް އަމާޒުކުރާ ގޭމްސް އެކެވެ.

"އަޅުގަނޑުމެންނަށް ހީވަނީ މި އަހަރު އެ (2019 ވަނަ އަހަރުގެ އައިއޯއައިޖީ) އަށް ވުރެ ވެސް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް. އަޅުގަނޑުމެންނަށް އިންފްރާސްޓްރަކްޗާތަކެއް ޑިވެލޮޕްވަމުން އައުމާ އެކު އަޅުގަނޑުމެންގެ ވެސް ކުޅިވަރު ބާ ހައިކޮށްފި. ނަތީޖާތައް މިދަނީ ރަނގަޅު ކުރަމުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އައިއޯއައިޖީގައި ވެސް މި ފަހަރު ދައްކާނީ އެ އަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ހެން،" ސައްތާރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ރަނގަޅު މުސްތަގުބަލެއް ހަމަ ހުރިހާ މި ފަހަރު ބައިވެރިވާ ހުރިހާ ގޭމްސްއެއްގައި ވެސް ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދަކީ،"

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އަންނަނީ މި އަަހަރު އޮތް ގޭމްސްތަކަށް ތައްޔާރުވާން ދިވެހި އެތުލީޓުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ބެލިޔަސް އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުން އޮވެގެން ވަނީ ފުރުސަތުތަކެއް ލިބިފަ އެވެ.

އެ ގޮތުން އޮލިމްޕިކް ކޮމިޓީ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން، ޕެރިސް އޮލިމްޕިކްސް 2024 ގެ ސްކޮލަޝިޕް، ދިވެހި ހަތަރު އެތުލީޓަކަށް ދީފައިވާއިރު، ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާ އެކު ހަތް އެތުލީޓަކަށް ސްކޮލަޝިޕް ދީފަ އެވެ.

ސައްތާރު ވިދާޅުވީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) މެދުވެރިކޮށް، މި އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސް އިން ރަނގަޅު ކާމިޔާބުތަކެއް ހޯދުމަށް، ހަަތަރު ކުޅިވަރަކުން އަށް އެތުލީޓަކަށް، ޓްރެއިނިން ފުރުސަތު ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންގެ ދެން މި އޮތް ގޭމްސްގައި މި އޮތް ލިބޭ މެޑަލްތަކުގެ ގޮތުން އިތުރު ފުރުސަތުތަކެއް ލިބުން ފަހިވެގެންދާނެ ކަމަށް ވިސްނަނީ،" ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ބީއެމްއެލް ކަހަލަ މުއައްސަސާތަކުން ވެސް މި ގޮތަށް ދިވެހި އެތުލީޓުންނަށް ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމްތައް ފެށުން ދެކެނީ "ވަރަށް ޕޮޒިިޓިވް" ކަމެއްގެ ގޮތުގައި ކަމަށެވެ. މީގެއިން ލިބޭ އެއް މެސެޖަކީ ދިވެހި ކުޅިވަރު ދަނީ ރަނގަޅު މިސްރާބުންކަން އެކި ފަރާތްތަކުން ބަލައިގަތުން ކަމަށް ސައްތާރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މީގެއިން މި ދައްކައިދެނީ އަޅުގަނޑުމެންގެ ކުޅިވަރު، ހަމަ ރަނގަޅުވަމުންދާކަން އެ ފެންނަނީ، ދެން، ބީއެމްއެލް އަކީ އަސްލުގައި ހަގީގަތުގައި އެހެން ވަރަށް ނެޝަނަލް އެސޯސިއޭޝަންތަކަށް ވެސް ވަކިން ވެސް އެހީވާ ބައެއް. އެއާ އެއްކޮށް މީތި މި އައީ،" ސައްތާރު ވިދާޅުވި އެވެ.

"(ބީއެމްއެލްގެ މި ސްކޮލަޝިޕް) މި ނަމޫނާއާ އެއްކޮށް އަޅުގަނޑު މި ދެކެނީ، އަޅުގަނޑުމެންގެ އެސޯސިއޭޝަންތައް އަޅުގަނޑުމެންގެ އެތުލީޓުންތައް. ޕޯޑިއަމް ފިނިޝާސް ގޮތުގައި އައީމަ އިތުރު އެހެން މުއައްސަސާތައް ވެސް އަޅުގަނޑުމެންނާ ޖޮއިން ކުރާނެ ކަމަށް. ކުޅިވަރުގެ ހަރުފަތެއް މައްޗަށް ގެންދިއުން މީގެ ވިސްނުމަކީ،"

އޮލިމްޕިކް ކޮމިޓީން ޓްރެއިނިން ފުރުސަތުތައް އެތުލީޓުންނަށް ފަހިކޮށްދޭއިރު، އެސޯސިއޭޝަންތަކުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ބޭނުންވާ އެހެން ދާއިރާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސައްތާރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.