Advertisement

ރަށު ނޯޓު: ހޯރަފުއްޓަށް ފާގަތި ރަބީއުއެއް

4 މާރިޗު 2023 - 18:25 4

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހއ. ހޯރަފުށި، އެއާޕޯޓާއި ތަރައްގީގެ މަޝްރޫއުތަކާއެކު މުޅި ރަށުގެ މަލަމަތި ވެސް ވަނީ ބަދަލުވެފައި. -- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)


ރަށު ނޯޓު: ހޯރަފުއްޓަށް ފާގަތި ރަބީއުއެއް

4 މާރިޗު 2023 - 18:25 4

ފޫހިވުމެއް، ބާވުމެއް ނެތް އެއް ލަވައަކީ މަޝްރޫހު ޅެންވެރިޔާ އަލްމަރުހޫމު ހއ. ހޯރަފުށީ އާދަމް ސަލީމްގެ "ފެހި ފެހި އާޒާދީ، ނޫރޭ އާވާނީ" އެވެ. ދިވެހި އުއްމަތަށް ކުރިމަތިވެފައިވާ އުފާވެރި ދުވަސްތަކެއްގެ ވާހަކަ، ޅެން ބަހުރުވައިން ސާދަކަމާއެކު ވިރުވައި އަޅާފައިވާ އިރު، އެއީ މިހާރު ވެސް އެންމެ ހިނގާ، ގިނަ މުނާސަބަތުތަކެއްގައި ޖަހާ، ހަނދާނުގައި ބިންވަޅު ނެގިފައިވާ ލަވަ އެވެ.

އާދަމް ސަލީމުގެ ޅެމެއްގެ ތައާރަފަކުން މި ލިޔުން ގެނެސްދޭން ބޭނުންވީ އޭނާގެ އުފަން ރަށް، ހޯރަފުށީގެ ވާހަކަ ކިޔައި ދިނުމަށެވެ. އެ ރަށުގެ ނަން އެންމެ ގިނައިން އަޑުއިވޭނެ އެއްގޮތަކީ އާދަމް ސަލީމުގެ ނަމާ ގުޅުވައިގެންނެވެ.

އެއާޕޯޓާއެކު ޖުމުލަ 110 ހެކްޓަރުގެ ހޯރަފުއްޓަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އޭ-6 އެވެ. އެއީ އާބާދީގެ ގޮތުން އަތޮޅުން ދެ ވަނަ ރަށެވެ. މިހާރު އާބާދީއަކީ 3549 އެވެ. އެއީ 1748 އަންހެނުންނާއި 1801 ފިރިހެނުންނެވެ.

އެއީ އެންމެ ތަރައްގީ އެއް ރަށެވެ. ދެހާސް ވިހި ވަނަ އަހަރު ހުޅުވި ޑޮމެސްޓިކް އެއާޕޯޓާއެކު އިގުތިސޯދީ ގިނަ ހަރަކާތްތަކެއް ފެށި، ރަށަށް ދިރުން ވަނީ ލިބެން ފަށައިފަ އެވެ. ބޮޑު ބަނދަރެއް އޮތްއިރު، ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްފައި އެބަ އޮތެވެ. މަގުތަކުގައި ވަނީ ތާރު އަޅައިފަ އެވެ. ސްކޫލުގައި ގުރޭޑް 12 އަށް ކިޔަވައިދެ އެވެ. ސިއްހީ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭއިރު، އެކަށީގެންވާ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން އެބަ ތިއްބެވެ. ހަތަރު ވަނަ ގިންތީގެ އެ ސިއްހީ މަރުކަޒުން ލެބޯޓްރީގެ ހިދުމަތް ލިބެ އެވެ. އެހެންވެ، މާލެ ނުގޮސް، އާންމު ބަލިތަކަށް ޓެސްޓްތައް ހެއްދެ އެވެ. ތެލެސީމިއާ ޓެސްޓް ވެސް ހިމެނެ އެވެ. ދެން އޮތީ ހޮސްޕިޓަލްގެ މަޝްރޫއު ފެށުމެވެ.

ފުލުހުންގެ ހިދުމަތާއި ބޭންކުގެ ހިދުމަތާއި އެސްޓީއޯގެ ފިހާރައެއް އަދި ދަތުގެ ކްލިނިކެއް ހުރެ އެވެ. މަސްވެރިންނަށް އައިސް ވިއްކުމަށް ޕްލާންޓެއް އެބަ ހުއްޓެވެ. ފެނަކަ އާއި ހޯރަފުށީ ކައުންސިލް ގުޅިގެން ފުޅީގައި ފެން ބަންދުކުރާ ފެކްޓްރީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ރީޖަނަލް އެއާޕޯޓްސްއިން ހެދި ފަޔަ ފައިޓާސް ސެންޓަރު ވެސް ހުރީ ހޯރަފުށީގަ އެވެ.

މި އަހަރުގެ ބަޖެޓަށް ބަލައިލި ނަމަވެސް ހޯރަފުއްޓަށް ގިނަ މަޝްރޫއުތަކެއް އެބަ ހުއްޓެވެ.

މިއީ މަސައްކަތްތެރި ބަޔަކު ނިސްބަތްވާ ރަށެކެވެ. ބޭރުގެ ހިލޭ އެހީއާއެކު ރަށުގެ ޖަމްއިއްޔާއަކާއި ގުޅިގެން ބޮޑެތި ގްރީންހައުސް ހަދައިގެން ތަޖުރިބާ ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ތަފާތު މަސައްކަތް ރަށުގައި ކުރެ އެވެ. އަދި ފައިބަރުގެ މަސައްކަތް ރަނގަޅު ފެންވަރެއްގައި ހޯރަފުށީގައި ކުރިއަށް އެބަދެ އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން 1958 ވަނަ އަހަރު ބޭއްވި އަތްތެރި މަސައްކަތުގެ މައުރަޒަށް ހޯރަފުށީ ތިން މީހަކު އުފެއްދެވި، ފާރުގައި ހަރުކުރާ ބޮޑުގަޑިއަކީ އެ އަހަރުގެ އެއްވަނަ އުފެއްދުމެވެ.

ހޯރަފުށީ ރައްޔިތުންނަކީ ހީވާގި ބައެއްކަން އެންމެ ފަހުން ދައްކުވައި ދިނީ އެއާޕޯޓް ތަރައްގީކުރަމުން ދިޔައިރު އެވެ. އެތަނުގެ އެކި މަސައްކަތްކާއި ފެހިކުރުން ރައްޔިތުން ގުޅިގެން ކުރަމުން ދިޔަ އެވެ. އެކަމުން ދައްކުވައި ދިނީ ހޯރަފުށި ތަރައްގީ އަށް ބޭނުންވެފައިވާ މިންވަރާއި ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ.

"އެއާޕޯޓް ތަރައްގީކޮށް ހުޅުވުމާ ހަމައަށް މި ކުރެވުނު މަސައްކަތުގައި، މި ރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާއި، މިކަމަށް ދެއްވި ސަމާލުކަން، އެއީ މި ޖަޒީރާ ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އެއާޕޯޓް ސަރަހައްދުގައި ގަސް އިންދުމާއި، ހިއްކި ސަރަހައްދުގެ ގޮނޑުދޮށް އެއްވަރުކުރުމާއި، ޓާމިނަލްގެ އެކި މަސައްކަތްތަކުގައިވެސް މި ރަށު ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު. ރަންވޭގައި ދަމާފައި ހުރި ރޮނގުތައް ކުރެހުމުގައިވެސް، މި ރަށުގެ ފަންނުވެރި ޒުވާނުން ބައިވެރިވި،" އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެ ރަށުގެ ރައްޔިތުންގެ އެ މަސައްކަތްތައް ފާހަގަ ކުރެއްވެވި އެވެ.

ހޯރަފުށީ އެއާޕޯޓުން އެ ރަށުގެ ތެރެއަށް ދާން އޮންނަ މަގު. -- ފޮޓޯ: ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)


ހަގީގަތުގައި އެއީ މުޅި ރާއްޖެއަށް ނަމޫނާއެކެވެ.

އާދަމް ސަލީމްގެ ޅެންތަކުގެ ތެރެއިން، "ފާގަތި ރަބީއު" ގައި ބުނާ ފަދައިން އެއާޕޯޓާއި ތަރައްގީގެ މަޝްރޫއުތަކާއެކު އެރަށުން ފެންނަމުން އެދަނީ ހަގީގަތުގައި ފާގަތި ރަބީއު އެވެ.