6 ޖޫން 2024 - 17:39 1
މުހައްމަދު ޝަހްޒާން
ހޯރަފުށީގައި ހުންނަ ހާވްވޭހައުސް އިމާރާތް -- ފޮޓޯ: އެމްޓީސީސީ
6 ޖޫން 2024 - 17:39 1
ހއ. ހޯރަފުށީގައި ހިންގަމުންދިޔަ ހާފްވޭ ހައުސް އުވާލައި، އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންތައް ވަޒީފާއިން ކަނޑާލައިފި އެވެ.
ހޯމް މިނިސްޓަރީގެ ޑިރެކްޓާ ޖެނެރަލް (އެކްޓިން ޕާމަނަންޓު ސެކްރެޓަރީ) އަހުމަދު ޝަރީފް ނަފީސް ސޮއި ކުރައްވައި މެއި 29، ގައި ހާފްވޭ ހައުސްގައި މަސައްކަތް ކުރި މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ހާފްވޭ ހައުސް އުވާލީ އެ ހިދުމަތް ދެވޭނެ ކުދިން ނެތުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން ހާފްވޭހައުސް ހިންގި އިމާރާތް، ޖުވެނައިލް ރެޒިޑެންޝިއަލް ސެންޓަރަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ހާފްވޭހައުސްގައި މަސައްކަތް ކުރި މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ސަބަބެއްގެ ގޮތުގައި ސިޓީގައި ބުނެފައި ވަީ "އަދި މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ލަފާދެއްވައިފައި ވަނީ، ހާފްވޭހައުސްގެ ދާއިމީ މަގާމުތަކަށް އައްޔަނު ކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ ކަންކަން، ސިވިލް ސާވިސް ގަވާއިދު 2014 ގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށެވެ،" ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ދިން ލަފާގެ މަތިން މުވައްޒަފުން ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު އެއް އަހަރަށް ވުރެ މަދުނަމަ، އެއް މަސްދުވަހުގެ ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދިނުމަށްފަހު އެ މުވައްޒަފުން ވަކި ކުރަން ނިންމައިފައިވާ ކަމަށެވެ.
ސިޓީ ނިންމައިލަމުން ވަނީ އެ ނިންމުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް "އިދާރާގެ ނަމުގައި ނިހާޔަތަށް މައާފަށް،" އެދިފަ އެވެ.
ހޯރަފުށީ ހާފްވޭހައުސްއަކީ މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ އެފަދަ މަރުކަޒެވެ. އެ މަރުކަޒަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާން ކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއްގައި ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުމައުއަށް ނެރުމަށް ތައްޔާރު ކުރާ ޕްރޮގުރާމުތައް ހިންގާ ތަނެކެވެ.
އެ ހާފްވޭހައުސް ހުޅުވީ މިދިޔަ ވެރިކަމުގަ އެވެ. އެތަނުގައި ހިދުމަތް ދޭނެ ކުދިން ނެތް ކަމަށް ބުނިއިރު، ރާއްޖޭގައި ހުންނަ ހަމައެކަނި ހާފްވޭހައުސް، ހުޅުމާލޭގައި ހުންނާތީ އެ ހިދުމަތް ހޯދަންޖެހޭ ކުދިންގެ އާއިލާތަކުން މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
Comment