Advertisement

"ފޯ ނޭޝަންސް ކަޕަކީ ދިވެހި ވޮލީބޯޅަ ރެފްރީންގެ ކުރިއެރުމަށް ބޮޑު ފުރުސަތެއް"

2 މާރިޗު 2023 - 15:28 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރާއްޖޭގެ ވޮލީބޯޅައިގެ އިސް ރެފްރީން ކަމަށްވާ ތުއްތުކޯ (ވ) އާއި ކުނޑި ސަލީމް.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


"ފޯ ނޭޝަންސް ކަޕަކީ ދިވެހި ވޮލީބޯޅަ ރެފްރީންގެ ކުރިއެރުމަށް ބޮޑު ފުރުސަތެއް"

2 މާރިޗު 2023 - 15:28 0

ރާއްޖޭގައި ދާދި ފަހުން ހޯސްޓްކުރި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ސަބަބުން ރާއްޖޭގެ ގިނަ ވޮލީބޯޅަ ރެފްރީންތަކެއް މިހާރު ތިބި ފެންވަރު ދެނެގަނެވި، ރެފްރީންގެ ކުރިއެރުން ފެނިއްޖެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރެފްރީސް ކޮމިޓީގެ ޗެއާމަން އަހުމަދު ނަޝީދު (ތުއްތުކޯ) ބުނެފި އެވެ.

މިދިޔަ މަހުގެ 23-27 އަށް މާލޭގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގެ މެޗުތަކުގެ އޮފިޝަލުންގެ ގޮތުގައި ރާއްޖޭގެ 36 ރެފްރީން މަސައްކަތްކުރި އެވެ. މިއީ 2017 ގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ރާއްޖޭގެ މިހާ ގިނަ ރެފްރީންތަކެއް އެއް މުބާރާތެއްގައި ބައިނަލްއަގްވާމީ ތަޖުރިބާ ހޯދި ފުރަތަމަ ފަހަރެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗުތަކުގެ ޓެކްނިކަލް ކަންތައްތަކާއި، ރެފްރީންގެ ކަންތައްތައް ހަމަޖެއްސުމުގައި އެންމެ އިސްކޮށް އުޅުނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ސީނިއާ ދެ ރެފްރީންކަމަށްވާ އަހުމަދު ނަޝީދު (ތުއްތުކޯ) އާއި އަހުމަދު ސަލީމް (ކުނޑި) އެވެ.

ފޯ ނޭޝަންސް ކަޕްގައި އޮފިޝަލްކަން ކުރި ރާއްޖޭގެ ރެފްރީންނަށް އަގުވަޒަންކުރުމުގެ ގޮތުން ލިޔުން ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެ ގޮތުން ޓެކްނިކަލް ކަންކަމުގެ އިސްކޮށް ތުއްތުކޯ ހުރިއިރު، ރެފްރީންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގައި އިސްކޮށް ހުރީ ކުނޑި ސަލީމް އެވެ.

މުބާރާތުގެ ކާމިޔާބީ ފާހަގަކުރަމުން ތުއްތުކޯ ބުނީ މިއީ ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތަކަށްވި ނަމަވެސް މުބާރާތް ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށެވެ. އަދި މުބާރާތުގެ ޓެކްނިކަލް ކަންކަން ފުރިހަމަކުރުމުގައި ހުރިހާ އެންމެން ގުޅިގެން ކުރި މަސައްކަތް އޭނާ ފާހަގަކުރި އެވެ. އޭނާ ބުނީ މި މުބާރާތަކީ ރާއްޖޭގެ ވޮލީގެ ތެރޭގައި އުޅޭ ގިނަ ބަޔަކަށް އެ ބައެއްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބުނު މުބާރާތެއް ކަމަށެވެ.

ރެފްރީންގެ ކަންކަމާ ގުޅޭގޮތުން ކުނޑި ސަލީމް ބުނީ މުބާރާތުގައި ހުރިހާ ރެފްރީންގެ ފަރާތުން ވެސް އުއްމީދުކުރިވަރުގެ ޕާފޯމަންސެއް ފެނުނު ކަމަށާއި، ރެފްރީންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

ގިނަ ދުވަސްތަކަކަށް ފަހު މި ލިބުނު ފުރުސަތުގައި ރެފްރީން ވަރަށް ރަނގަޅަށް ގަވާއިދަށް އަހުލުވެރިވެ، މެޗުތަކަށް ތައްޔާރުވިކަން ވެސް އޭނާ ފާހަގަކުރި އެވެ.

"ވަރަށް ރަނގަޅު ޕާފޯމަންސް، ހަމަ ބޮޑު މިސްޓޭކެއް ނެތި މެޗުތައް އެ ނިމުނީ. ރެފްރީން ވަރަށް އިތުބާރާ އެކު މެޗުތައް އެކުރީ. އެންމެންވެސް ހަމަ ތައްޔާރުވެގެން މެޗުތަކަށް އައިކަން ފާހަގަކުރަން،" 2000 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމި މުބާރާތްތަކުގައި ރެފްރީކަން ކުރަމުން އަންނަ ކުނޑި ސަލީމް ބުންޏެވެ.

ކުނޑި ސަލީމް ބުނީ އެންމެ ފަހުގެ އެފްއައިވީބީ ވޮލީބޯޅަ ގަވާއިދަށް ހުރިހާ ރެފްރީން ވެސް ވަރަށް އަހުލުވެރިކަމަށާއި، ނަމަވެސް ބައެއް ޓީމްތަކުގެ އޮފިޝަލުން ގަވާއިދު ރަނގަޅަށް ކިޔައިފައި ނެތްކަން ފާހަގަވާ ކަމަށެވެ. މިކަމުގެ ސަބަބުން މެޗުތަކުގައި ރެފްރީން ނިންމާ ނިންމުންތައް ގޯސްކަމަށް ބުނެ އެޕީލް ކުރަނީ ކަން ވެސް ކުނޑި ސަލީމް ފާހަގަކުރި އެެވެ.

"މިސާލަކަށް ބުނަންޏާ، ރާއްޖެ އާ އަފްގާނިސްތާން ކުޅުނު މެޗު. އެ މެޗުގައި ދެ ކުޅުންތެރިން އެއްފަހަރާ ބަދަލުކުރަންވެގެން އުޅުނުއިރު، އެކަކު މި އަންނަނީ ޒޯނަށް އަނެކަކު ހުރީ ބެންޗުގައި. ގަވާއިދުގަ އިންނާނެ ލިޔެފައި ދެ މީހުން އެއްކޮށް ޒޯނަށް އަންނަން ޖެހޭނެ ކަމަށް. ދެން ބައެއް މެޗުތަކުގައި ޓައިމްއައުޓް ނުދީގެން މައްސަލަ ޖައްސާ. އެކަމަކު މީގަ ވާގޮތަކީ ބަޒާ އެޅިޔަސް ކޯޗު ޓައިމްއައުޓް ސައިން ދެއްކީމަ ދޭނީ. އަދި ބަޒާ އެޅިޔަކަސް ނުދޭނެ."

ކުނޑި ސަލީމް ބުނީ މުބާރާތުގަައި ރެފްރީންގެ ޕާފޯމަންސް ރަނގަޅުވުމުގެ އެއް މިސާލަކީ ލައިނުގައި ހުންނަ ރެފްރީންގެ ނިންމުންތައް ރަނގަޅުވުމުން ބައެއް ފަހަރު ކޯޗުން އެކަން ބަލައިގަތުމެވެ. އެއީ މި ކަހަލަ މުބާރާތްތައް މަދުން ކުރާ ރެފްރީންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ފާހަގަކުރި އެވެ.

މުބާރާތުގައި ރެފްރީގެ ލެވެލް ވަޒަންކުރުމަށް ދެން އެންމެ ބޮޑު ފަސޭހައެއްވި އެއް ކަމަށް އޭނާ ފާހަގަކުރީ ސަޕޯޓަރުންނެވެ. އެ ގޮތުން ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް އިންޑޯ ހޯލު ފުރިފައި އޮތްއިރު، ބައެއް ފަހަރު ރެފްރީގެ ކަށިގަނޑުގެ އަޑުވެސް ނީވޭ ވަރަށް އެ އަޑު ގަދަ އެވެ. ސަޕޯޓަރުންގެ ޕްރެޝަރާ އެކު ވެސް އަމިއްލަ ގައުމު ކުޅުނު މެޗުތަކުގައި ރެފްރީން ނިންމި ނިންމުންތައް އޭނާ ފާހަގަކުރި އެވެ.

"އަސްލު ފްރެންޑްލީ މުބާރާތެއް ވިޔަސް ވަރަށް ޕްރެޝަރު މެޗުތަކެއް މިދިޔައީ، ވާދަވެރި މެޗުތައް. މިހާ ބައިވަރު ސަޕޯޓަރުންގެ ކުރިމަތީގައި އެހާ ޕްރެޝަރު ބޮޑު މެޗުތަކެއް އެކުރީ. ހުރިހާ އެންމެންވެސް ވަރަށް ރަނގަޅު މަސައްކަތް" 28 އަހަރު ވޮލީގެ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރި ކުނޑި ސަލީމް ބުންޏެވެ.

ކުޅިވަރުގެ ހިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަކުރާ ކުނޑި ސަލީމް ބުނި މިކަހަލަ މުބާރާތްތައް ގިނައިން ލިބުނު ވަރަކަށް ގައުމީ ފެންވަރުގެ ރެފްރީންނަށް އޭވީސީ ލެވެލްއާ ހަމައަށް ދިޔުމަށް ފަސޭހަވާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ތިބީ އެފްއައިވީބީ ބެޖު ލިބިފައިވާ މަދު ރެފްރީންތަކެކެވެ. އޭގެ ތެރޭގައި ކުނޑި ސަލީމް އާއި ތުއްތުކޯ ހިމެނެ އެވެ.

މި ވަގުތު ރާއްޖޭގައި ތިބި ގައުމީ ފެންވަރުގެ ރެފްރީންނާ، އޭވީސީ ރެފްރީންނަށް ހިތްވަރުދިނުމުގެ ގޮތުން، އަދި ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ދިނުމުގެ ބޭނުމުގައި މިދިޔަ ފޯ ނޭޝަންސް ކަޕްގައި އެ ރެފްރީންނަށް ގިނަ މެޗުތަކެއް ދިނެވެ. ލިބުނު ފުރުސަތުގައި ހުރިހާ ރެފްރީން ވެސް ރަނގަޅު ފެންވަރެއްގައި މެޗުތަކަށް އިންސާފު ކުރި އެވެ.