Advertisement

އެއް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި ފޮންޓެއިން މަރުވެއްޖެ

2 މާރިޗު 2023 - 09:28 0


އެއް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި ފޮންޓެއިން މަރުވެއްޖެ

2 މާރިޗު 2023 - 09:28 0

ޕެރިސް (މާޗު 2) - އެއް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހޯދި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޖުސް ފޮންޓެއިން އުމުރުން 89 އަހަރު އިއްޔެ މަރުވެއްޖެ އެވެ.

ސްވިޑަންގައި 1958 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ފްރާންސްގެ ޓީމަށް ފޮންޓެއިން ވަނީ ހަ މެޗުން 13 ލަނޑު ޖަހައިފަ އެވެ. މިއީ ފޮންޓެއިންގެ ކެރިއަރުގައި އޭނާ ކުޅުނު ހަމައެކަނި ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ފޮންޓެއިން އޮތީ ހަތަރު ވަނައިގަ އެވެ. ފޮންޓެއިންއާ އެއްވަރަކަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ވޯލްޑް ކަޕްގައި ލަނޑު ޖަހައިފަ އެވެ،

ފޮންޓެއިން މަރުވުމާ ގުޅިގެން، ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަން އިން ނެރުނު ބަޔާނެއްގައި އޭނާ ސިފަކޮށްފައިވަނީ "ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑެއް" ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ފޮންޓެއިން މަރުވި ހަބަރަކީ "ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ލިބުނު ހިތާމައެއް" ކަމަށެވެ.

1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ފޮންޓެއިން ބޯޅަ ހިފައިގެން.


ފޮންޓެއިން ވަނީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ފްރާންސް އިން ހޯދިއިރު، މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ޖަހައިފަ އެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ޖުމްލަ 21 މެޗުގައި ފޮންޓެއިން ވަނީ 30 ލަނޑު ޖަހައިފައެވެ.

މޮރޮކޯ އަށް އުފަން ފޮންޓެއިންގެ ކްލަބު ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ ސްޓާޑް ޑެ ރެއިމްސްގައެވެ. އެ ކްލަބަށް ކުޅުނު 152 މެޗުގައި އޭނާ ވަނީ 145 ލަނޑު ޖަހައިފައެވެ.

ނީސް އާއި މޮރޮކޯގެ ޔޫއެސްއެމް ކަސަބްލަންކާ އަށް ކުޅުމަށް ފަހު، 1962 ވަނަ އަހަރު އުމުރުން އެންމެ 28 އަހަރުގައި ފޮންޓެއިން އަށް ކުޅުން ހުއްޓާލަން މަޖުބޫރުވީ ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެންނެވެ.

ކޯޗެއްގެ ގޮތުގައި 1967 އަހަރު ފޮންޓެއިން ވަނީ ދެ މެޗެއްގައި ފްރާންސްގެ ޓީމަށް އިރުޝާދު ދީފަ އެވެ. އޭގެ ފަހުން 1974 ވަނަ އަހަރު ފޮންޓެއިންގެ ކޯޗުކަމުގެ ދަށުން ޕީއެސްޖީ އަށް ފްރާންސްގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދިނެވެ. މޮރޮކޯގެ ގައުމީ ޓީމަށް ވެސް ފޮންޓެއިން ކޯޗުކޮށްދިނެވެ.

ފްރާންސްގެ ކުޅުންތެރިންގެ ޔޫނިއަން ވުޖޫދަށް ގެންނަން ފޮންޓެއިން ގިނަ މަސައްކަތްތަކެއްކޮށް، އެ ޔޫނިއަންގެ ފުރަތަމަ ރައީސްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރި އެވެ.