1 މާރިޗު 2023 - 11:03 0
1 މާރިޗު 2023 - 11:03 0
ބައިނަލްއަގްވާމީ މައިދާނުގައި އެކި ކުޅިވަރުތަކުން ކާމިޔާބީ ހޯދުމަށް އެހީތެރިވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދިން ސްކޮލާާޝިޕް ލިބުނު އެތުލެޓިކްސްގެ ދެ އެތުލީޓުން ކަމަށްވާ މަރިޔަމް ރޫޔާ އަލީ އާއި މުހައްމަދު މިންހަލް ޝާމިން (މިންކޮ) ތަމްރީންތަކަށް ޖެމެރިކާ އަށް ފުރައިފި އެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ މުޖުތަމައަށް ފައިދާ ހުރި ޕްރޮގްރާމްގެ ތެރެއިން އެ ބޭންކުން ހުޅުވާލި ސްކޮލާޝިޕްގެ ފުރުސަތު މިންހާލް އާއި ރޫޔާ އަށް ލިބުނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން އެ ދެ އެތުލީޓުންގެ ޖެމެއިކާގައި ތަމްރީން ހެދުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްފަހު އެގައުމަށް ފުރާފައިވަނީ އިއްޔެ އެވެ.
ދެ އެތުލީޓުން ވެސް ތަމްރީން ހަދާނީ ޖެމެއިކާގެ ރޭސާސް ޓްރެކް ކުލަބުގަ އެވެ. މި ކުލަބަކީ ޖެމެއިކާ އިން ދުނިޔޭގެ ފެންވަރުގެ ގިނަ އެތުލީޓުން ތަމްރީން ކޮށްފައިވާ ކްލަބް އެކެވެ. އޭގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ ލެޖެންޑަރީ ސްޕްރިންޓަރު، އުސައިން ބޯލްޓް ހިމެނެ އެވެ.
ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު ރޫޔާ އާއި މިންހާލް އަކީ ގައުމީ ސްޕްރިންޓް ޓީމްގެ ދެ މެންބަރުންނެވެ. މި ދެ އެތުލީޓުން ވަނީ ނިމިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރޫޔާ ވާދަކުރި އެވެ. އަދި މިދިޔަ މަހު ނިމުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައިވެސް އޭނާ ވާދަކުރި އެވެ. ރޫޔާ ވަނީ އެ މުބާރާތުގައި ރާއްޖޭގެ 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑުވެސް ހަދާފައެވެ.
މި ވަގުތު ރާއްޖޭގައި ތިބި ދުވުންތެރިންގެ ތެރެއިން 13 ސިކުންތަށްވުރެ އަވަހަށް 100 މީޓަރު ދުވާ ދުވުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ރޫޔާގެ އަތުގައި ގައުމީ އަންހެން ލޯންގް ޖަމްޕްގެ ރެކޯޑު ވެސް މިވަގުތު އެބައޮތެވެ.
މިންހާލް ވަނީ މިދިޔަ އަހަރު ތުރުކީގެ ކޮންޔާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ޓީމްގައި ހިމެނިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިންހާލް ހިމެނިގެން ޖޫނިއާ ރިލޭ ޓީމްވަނީ ގައުމީ ޖޫނިއާ އަދި ޔޫތު ރެކޯޑު ހަދައިފަ އެވެ.
ޖޫނިއާ ލެވެލްގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ދެ ދުވުންތެރިން ޖެމެއިކާއަށް ދިޔުމަކީ މިއަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން މެޑަލް ހޯދަން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ.
ގައުމީ އެތުލެޓިކްސް ޓީމްގެ ސްޕްރިންޓް ޓީމްގެ މުހިންމު މެންބަރުންތަކެއް ޖެމެރިކާގައި ތަމްރީން ހަދަމުން އަންނައިރު، ބައެއް އެތުލީޓުން އަންނަނީ އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދަމުންނެވެ. މީގެ އިތުރުން މިޑްސް ޑިސްޓަންސް ދެ ދުވުންތެރިން ކަަމަށްވާ ސައިން ފަޒީލް ހާރުން (ފްލޭޝް) އާއި އަހުމަދު ވިސާމް ތަމްރީން ހަދަމުން އަންނަނީ ސްރީލަންކާގަ އެވެ.
Comment