Advertisement

ޕޮގްބާ އެނބުރި އައި މެޗުގައި ޔުވެންޓަސް އިން ޓޮރީނޯ ބަލިކޮށްފި

1 މާރިޗު 2023 - 10:01 0

ޓޮރިނޯގެ އިލިޗް (ވ) ކައިރިން ޔުވެންޓަސްގެ ޕޮގްބާ ބޯޅަ ހިފައިގެންދަނީ.


ޕޮގްބާ އެނބުރި އައި މެޗުގައި ޔުވެންޓަސް އިން ޓޮރީނޯ ބަލިކޮށްފި

1 މާރިޗު 2023 - 10:01 0

ޓިއުރިން (މާޗް 1) - އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އަތުން 4-2 އިން ޔުވެންޓަސް މޮޅުވި މެޗުގައި މި ސީޒަނުގައި އެ ޓީމާ އަލުން ގުޅުނު ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެނބުރި ކުޅުމަށް އަތުވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވި ޕޮގްބާގެ ކަކުލަށް ޕްރީ ސީޒަނުގައި ލިބުނު އަނިޔާގެ ސަބަބުން މި ސީޒަނުގެ ރެއާ ހަމައަށް މެޗެއްގައި ކުޅެވިފައިނުވެ އެވެ. އެެހެން ނަމަވެސް، ރޭގެ މެޗުގެ ފަހު ވިއްސަކަށް މިނިޓްގައި ޕޮގްބާ ވަނީ ކުޅެފަ އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން، ޕޮގްބާ ޔުވެންޓަސް ޖޯޒީގައި ރަސްމީ މެޗެއްގައި ފެނުނު ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ޕޮގްބާ އެނބުރި އައުމަކީ ހިތްވަރެއް ކަމަށް ބުނެފަ އެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ލީޑުނެގީ ޓޮރިނޯ އިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޔަން ކަރަމޯ އެވެ. މިއީ އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ކޮންްޓްރޯލް ކުރުމަށް ފަހު ޖެހި ގޯލެކެވެ. މެޗުގެ 16 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅައަކުން ހުއާން ކުއަޑްރާޑޯ ވަނީ ގޯލެއް ޖަހައި، ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 43 ވަނަ މިނިޓްގައި ޓޮރިނޯގެ އެންޓޯނިއާ ސަނަބްރިއާ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އެ ޓީމަށް އަލުން ލީޑުނަގައިދިިނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމެންދެން ވެސް ޓޮރިނޯ އަށް އެ ލީޑު ހިފަހައްޓައިނުލެވުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުވެންޓަސް އިން އެއްވަރުކުރި ލަނޑަކީ އެންހެލް ޑި މާރިއާ ނެގި ކޯނަރަކުން ޑަނީލޯ ޖެހި ގޯލެކެވެ. ޑަނީލޯ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ގޯލު ރޮނގު ހުރަސްކޮށް އެތެރެ އަށް ވަތް ކަމަށް ނިންމީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ޔުވެންޓަސް އަށް މެޗުގައި ފުރަަތަމަ ފަހަރަށް ލީޑުނަގައިދޭން ޓޮރިނޯ އޭރިއާތެރެއިން ޑޫސާން ވްލަހޯވިޗް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން، ޓޮރިނޯ އަށް އަލުން ލީޑުނަގައިދޭން ކަރޯލް ލިނޭޓީ އޭރިއާބޭރުން ޖެހި ޝޮޓް ވެސް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ޔުވެންޓަސް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ 71 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ފެޑެރީކޯ ކިއޭސާ ނެގި ހުރަހަކުން ގްލެއިސަން ބްރެމާ އެވެ. ބްރެމާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަަނަށެވެ. ޔުވެންޓަސްގެ ފަހު ލަނޑު ޖަަހަން ފުރުސަތު ހޯދުމުގައި ވެސް އެހީވި އެއް ކުޅުންތެރިއަކީ ކުރިން ޓޮރިނޯ އަށް ކުޅުުނު ބްރެމާ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި، ހިލޭ ޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައެއްގައި ބްރެމާ ގައިގައި ޖެހިފައި އޭރިއާތެރެއިން އޭޑްރިއަން ރަބިއޯ އަށް ލިބުމުން އޭނާ ވަނީ ގޯލު ޖަހައިފަ އެެވެ.

ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. މާލީ މައްސަލަތަކެއްގެ ސަބަބުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރުމުން އާ ހިތްވަރަކާ އެކު އެ ޓީމު އަންނަނީ ކުރިއަށް ދެވޭތޯ ބަލަމުންނެވެ. އެ ގޮތުން ޔުވެންޓަސް ހަތް ވަނައިގައި އޮތީ 24 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ހަތަރެއްގައި އޮތް ލާޒިއޯ އަށް ވުރެ 10 ޕޮއިންޓް މަދުކޮށެވެ.

ލީގުގައި ރޭ ރޯމާ ވަނީ ކްރެމޮނެސޭ އަތުން 2-1 އިން ބަލިވެފަ އެވެ. މި މެޗުގައި ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވަނީ މި ސީޒަނުގައި ތިން ވަނަ ފަހަރަށް ރަތް ކާޑު ދައްކައިފަ އެވެ. ރޭގެ މެޗުން މޮޅުވެގެން ހަތަރަކަށް އަރަން ފުރުސަތު އޮތް ރޯމާ ފަސް ވަނައިގައި އޮތީ 24 މެޗުން 44 ޕޮއިންޓާ އެކު އެވެ.