2 މާރިޗު 2023 - 09:50 0
އިސްމާއީލް އަޒްމީން
ރާއްޖޭގައި ނިމިގެންދިޔަ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ސިންގަޕޫރުގެ ދެ ޓީމަށް ކޯޗުކޮށްދިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ: އޭނާ އަކީ ކުރިން ރާއްޖޭގެ ފިިރިހެން ވޮލީ ޓީމަށް އިރުޝާދުދިން ކޯޗެއް.
2 މާރިޗު 2023 - 09:50 0
ސިންގަޕޫރުގެ ގައުމީ ޓީމާ 2018 ވަނަ އަހަރުގެ ފަހުކޮޅު ސުންޓޮން ފޮސީޓާ ހަވާލުވީ އެ ގައުމުގެ ވޮލީބޯޅައިގެ ހާލަތު ރަނގަޅަށް އެނގި ހުރެ އެވެ. ހަމައެކަނި ވޮލީބޯޅައަށް ހުސްވެގެންތިބި ކުޅުންތެރިންގެ ބަދަލުގައި އޭނާ އަށް ލިބިފައި އޮތް ޓީމުގައި ތިބީ އެކި އެކި ވަޒީފާތައް އަދާކުރަމުން ވޮލީކުޅެން ވަގުތު ހުސްކުރާ ކުޅުންތެރިންނެވެ. ސިންގަޕޫރު ވޮލީބޯޅަ ފެޑެރޭޝަނުން އޭނާ އަށް ދިން އެންމެ މުހިންމު ޓާގެޓަގީ މި އަހަރުގެ ދެކުނު އިރުމަތީ އޭޝިއާ ގޭމްސް (ސީ ގޭމްސް)ގައި ވޮލީބޯޅައިން ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
އެ ގޮތުން، 2023ގެ ސީ ގޭމްސްގެ ގަދަ ހަތަރު ޓީމްގެ ޓާގެޓާ އެކު އޭނާ ކުރަމުން އައި މަސައްކަތުގައި ޓީމު މިހާރު އޮތް ފެންވަރު ވަޒަންކޮށްލަން ލިބުނު އެންމެ މުހިންމު ފުރުސަތަކީ ރާއްޖޭގައި ދާދި ފަހުން ނިމުނު ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތެވެ.
މީގެ އަށް ވަރަކަށް އަހަރު ކުރުން، 2015 ގެ ފަހުން ސިންގަޕޫރުގެ އަންހެން ވޮލީބޯޅަ ޓީމް ސީ ގޭމްސް އަށް ނިކުންނައިރު އެ ޓީމަށް ލިބުނު ރަން މެޑައްޔަކީ ކޯޗު ގަބޫލުކުރާ ގޮތުގައި ކުޅުންތެރިންނަށް ލިބޭނެ އިތުބާރެކެވެ. އަނެއްކޮޅުން، ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގެ ދެ ވަނަ ހޯދި ފިރިހެން ޓީމާ މެދުވެސް އޭނާގެ އުއްމީދު މިހާރު ބޮޑެވެ.
ސިންގަޕޫރުގެ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ތަމްރީން ކުރުމުގައި ސުންޓޮން އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި މަސައްކަތްކުރަން ލިބުމެވެ. އެ ގޮތުން، 2015 ގައި ރާއްޖޭގައި ކުރި ތަޖުރިބާގެ ސަބަބުން އޭނާ ކުޅުންތެރިންގެ ހާލަތު އަދި ތަމްރީން ކުރުމުގެ ސްޓައިލަށް ހާނުވާން ކުރަންޖެހޭ މަސައްކަތް އުނދަގުލެއް ނުވި އެވެ. ސަބަބަކީ ރާއްޖޭގައި ވެސް ތިބީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންނަށްވުމެވެ.
ސިންގަޕޫރުގެ ގައުމީ އަންހެން އަދި ފިރިހެން ޓީމާ އެކު އޭނާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ތަމްރީންކުރަން ލިބޭ ވަގުތު މަދުވުމެވެ.
"ހަފްތާއަކު ތިން ދުވަހު ޕްރެކްޓިސް މި ކުރެވެނީ. އެގައުމުގެ ހާލަތު ހުންނަ ގޮތުން. ކުޅުންތެރިން ވެސް ވަޒީފާގައި އުޅެފައި ހަމައެކަނި ރޭގަނޑު ދެ ތިން ގަޑިއިރު މި ލިބެނީ. އެހެންވީމަ މި ކުރެވުނު މަސައްކަތަށް ބަލާއިރު ހިތްހަމަޖެހޭ. މި މުބާރާތަށް އައުމުގެ ކުރިން ހުއްޓާ ނުލާ އެއްމަސް ވަންދެން ކޮންމެ ދުވަހަކު ޕްރެކްޓިސް ކޮށްލެވުނު ނަމަ އަދި މާ ރަނގަޅު ނަތީޖާ އެއް ނެރެވުނީސް" ސުންޓޮން ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިިވިޝަން ފައިނަލް މެޗުގެ ތެރެއިން ސުންޓޮން: އޭނާ ވަނީ ފައިނަލް މެޗު ދިޔަ ގޮތުން ޕްރެޝަރު ބޮޑުވި ކަމަށް ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސުންޓޮން ދެކޭގޮތުގައި ގޮތުން އެކި މެޗުތަކުގައި އެކި ފެންވަރުގައި ޓީމަށް ކުޅެވޭ މައިގަނޑު ސަބަބަކީ ރަނގަޅު ޕްރެކްޓިސްތަކެއް ނުލިބުމެވެ.
މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގެ ތެރެއިން ވެސް އޭނާ އެންމެ ބޮޑަށް ފާހަގަކުރީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. މުބާރާތް ފެށުމުގެ ކުރިން ފައިނަލުގައި ވާދަކުރަން ބޭނުންވަނީ ކޮން ޓީމަކާ ދެކޮޅަށްތޯ އެހުމުން ސުންޓޮން ބުނީ "ރާއްޖެ ނޫން ކޮންމެ ޓީމެއްވެސް އޯކޭ" މިހެންނެވެ.
އަންހެން ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުމުން މެޗުގެ ޕްރެޝަރު އޭނާ އަށް އިހުސާސްވި އެވެ. ހޯލު ފުރާލާއި ސަޕޯޓަރުން ސަބަބުން ޓީމަށް އުނދަގޫވާނެ ކަމަށް އޭނާ އަންދާޒާ ކުރި އެވެ. އޭނާ ހީކުރި ވަރަށް ވުރެ ރަނގަޅަށް ސިންގަޕޫރު ޓީމުން މެޗުގެ ކުޅުން ފެށި އެވެ. ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށް އިތުބާރު ހޯދި އެވެ. ތިން ވަނަ ސެޓުގައި ހަތް ޕޮއިންޓްގެ ލީޑެއްވެސް ހޯދި އެވެ.
"ބޮޑު ލީޑެއް ލިބުނީމަ އަހަރެން ނިންމީ ބެންޗުގައި ތިބި ކުދިންނަށްވެސް މި ކަހަލަ ޕްރެޝަރު މެޗެއް ކުޅެން ޗާންސްދޭން. އެހެންވެ ދެ ބަދަލެއް ގެނައީ. އެހާ ހިސާބުން މެޗު އެނބުރިއްޖެ. އަހަރެންގެ ބޮޑު މިސްޓޭކެއް އެއީ. ރާއްޖޭގެ ސަޕޯޓަރުންގެ ސަބަބުން މުޅި ޓީމު ޕްރެޝަރަށް ވެއްޓުނީ. ފުލުފުލުގައި މިސްޓޭކްތައް ހެދެން ފެށީ" ފައިނަލް މެޗުގެ ތިން ވަނަ ސެޓުގައި ކަންތައް ހިނގައިދިޔަގޮތް ކިޔައިދެމުން ސުންޓޮން ބުންޏެވެ.
ސުންޓޮން ބުނީ، ތެދަށް ބުނާނަމަ ފަހު ސެޓުގައި ވެސް ސިންގަޕޫރަށް މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތީ ކުޑަކޮށެވެ. ދިވެހި ޓީމުން ދައްކަމުން އައި ކުޅުމާ، ސަޕޯޓްގެ ސަބަބުން އޭނާ ހުރީ ބިރުންނެވެ.
"ފަހު ސެޓު ފެށިއިރު އަހަރެން ހުރީ ބިރުން، ރާއްޖެއިން ދެ ސެޓު ހޯދީ ފަހަތުން އަރާ. ކުޅުންތެރިންވެސް ތިބީ ބިރުން. އަހަރެން ކިޔާ އެއްޗެއްވެސް އެ ކުދިންނަށް ނީވޭ ސަަޕޯޓަރުންގެ ސަބަބުން. އެކަމަކު، ފެށި ގޮތަށް ރާއްޖެއިން ދެ ތިން މިސްޓޭކެއް ހެދީމަ އެނގިއްޖެ އަހަރުންނަށް އެ ސެޓު ޔަގީނުންވެސް ލިބޭނެ ކަން" 2015 ގައި ދެ މަސް ދުވަސް ވަންދެން ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ވެސް އިރުޝާދު ދިން ސުންޓޮން ބުންޏެވެ.
ސުންޓޮން، ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަދަދު
ސުންޓޮން އެންމެ ބޮޑަށް ހިތްހަމަޖެހެނީ ފުރިފައި އޮތް ހޯލެއްގައި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ އެ ތަޖުރިބާ އޭނާގެ ޓީމަށް ލިބުމެވެ. އެ ގައުމުގައި މި ކަހަލަ ސަޕޯޓެއް މި ކުޅިވަރަށް ނޯންނަކަން ފާހަގަކުރަމުން ސުންޓޮން ބުނީ ބޭރު މުބާާރާތްތަކުގައި މެޗުތައް ކުޅެން ބަލާއިރު ރާއްޖޭގެ ތަޖުރިބާ އަކީ ހުރިހާ ގޮތަކުން ވެސް އޭނާގެ ޓީމަށް ފައިދާ ކުރަނެ ތަޖުރިބާ އެކެވެ.
ސުންޓޮން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު މިހާރު ތަފާތެވެ. ޓީމުގެ ކުޅުންތެރިންގެ ހުނަރުތައް ވެސް މިހާރު ކުރިއާ ބަލާއިރު ވަރަށް ބޮޑަށް ތަފާތެވެ. ކުޅުންތެރިންނަށް ގިނަ ކުރިއެރުން އައިސްފައި ހުރިކަން އޭނާ ފާހަގަކުރި އެވެ. ރާއްޖެ އިން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންވީ ޑިފެންސަށް ކަމަށާއި، އެ ކަމަށް މަސައްކަތް ކުރެވިއްޖެ ނަމަ އަވަސް މުސްތަގުބަލެއްގެ ތެރޭގައި ރާއްޖެ އަށް ރަން މެޑަލް ހޯދޭނެ ކަމަށް އޭނާ ބުންޏެވެ.
"2015 އާ އަޅާ ބަލާއިރު ވަރަށް ތަފާތު މިހާރު. ކުޅުންތެރިން ވަރަށް މޮޅު، ޓީމްގެ ކުޅުންވެސް ތަފާތު. މި ޓީމު އަދި ހޯދާނެ ބައިވަރު މެޑަލްތައް" ސުންޓޮން ބުންޏެވެ.
ރާއްްޖޭގައި އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔުމުގެ ކުރިން ސުންޓޮން ބުނީ އަނެއްކާ ވެސް ރާއްޖޭގައި އޭނާ އަށް ލިބުނީ ކާމިޔާބީ ކަމަށާއި، ރާއްޖެއަކީ އޭނާގެ ކެރިއަރުގެ މުހިންމު ޗެޕްޓަރުތަކެއް ލިޔެވޭ ތަނެއް ކަމަށެވެ. އެހެން ގައުމެއްގެ ޓީމެއް ބިނާކޮށް ކުރިއަރުވަން ކުރާ މަސައްކަތުގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރަން ލިބުމާ ގުޅޭގޮތުން އަހާލުމުން އޭނާ ބުނީ "ރާއްޖެއަކީ އަހަރެންގެ ލަކީ ގައުމު" ކަމަށެވެ.
Comment