Advertisement

ވެލާނާގެ ޕާކިންޒޯން ބަންދުކުރީ ޕާކިން އިމާރާތް ނަގަން: ޕްލޭނިން

1 މާރިޗު 2023 - 10:08 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ވެލާނާގެއާ އިންވެގެން އޮންނަ ޕާކިންޒޯނުގައި މިހާރު ހުރި މެކާނިކަލް ޕާކިން ސްޓްރަކްޗާ: އެ އިމާރާތް ނެގުމަށް އެ ޒޯނު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި. -ފޮޓޯ: އާމިނަތު ނިއުޝާ/އަދަދު


ވެލާނާގެ ޕާކިންޒޯން ބަންދުކުރީ ޕާކިން އިމާރާތް ނަގަން: ޕްލޭނިން

1 މާރިޗު 2023 - 10:08 0

ވެލާނާގެއާ އިންވެގެން އޮންނަ ޕާކިންޒޯނު ބަންދުކުރީ އެތަނުގައި ހުންނަ ޕާކިން އިމާރާތް ނަގައި، އެތަން ހުސްކުރަން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ އިމާރާތަކީ ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ހިންގަމުން އަންނަ އިމާރާތަކަށް ވާއިރު، ޕާކިން ޒޯން ބަންދުކުރުމުން އެސަރަހައްދުގައި ސައިކަލު ޕާކުކުރާނެ ޖާގަ މަދުވާ މައްސަލައާ ގުޅިގެން އިއްޔެ ވެލާނާގެއަށް ވަޒީފާއަށްދާ ބައެއް މުވައްޒަފުން ވަނީ މަގުމައްޗަށް ނުކުމެ އިހުތިޖާޖުކޮށްފަ އެވެ.

މިކަމާ ގުޅިގެން ޕްްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްްރަމް ކަމާލުއްދީން "އަދަދު"އަށް ވިދާޅުވީ އެ ޕާކިންޒޯން ބަންދުކުރީ އެތަނުގައި ހުންނަ ޕާކިން އިމާރާތް ނެގުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

"އެކަން އެކުރީ [އެތަން ބަންދުކުރީ] އެތަނުގައި ހުރި ޕާކިން މެޝިނު، ކުރީ ސަރުކާރުން ހަދާފައި ހުރި މެޝިނެއް، ވިޔާނުދާ މެޝިނެއް، އޭތި މި ނަގަނީ. ނަގަންވެގެން އެތަނުގައި ކްރޭނު ބާއްވަން ވެގެން އެތާނގެ ޕާކިން ހުސްކުރީ،" އަކްރަމް ވިދާޅުވި އެވެ.

އެ ޕާކިންޒޯނު ބަަންދުކޮށް އެތަނުގައި މަސައްކަތް ފަށާފައި ވަނީ މި ހަފްތާގެ ކުރީކޮޅު އެވެ. މި މަސައްކަތް ނިންމާލައި، ޕާކިންޒޯނު ހުޅުވޭނެ ދުވަހެއް ޕްލޭނިން މިނިސްޓްރީއިން ހާމައެއް ނުކުރި އެވެ.

ޕާކިންޒޯނު ބަންދުކުރުމާ ގުޅިގެން އިއްޔެ އިހުތިޖާޖުކުުރި ފަރާތްތަކުގެ މައިގަނޑު ޝަކުވާއަކީ ޕާކިންގެ މަސައްކަތެއް ކުރުމަށް ރަސްމީ ދުވަހެއްގައި، ނޯޓިސްއަކާ ނުލާ ކޮށްފައިވާއިރު، ޒޯނުން ބޭރުގައި ޕާކު ކުރި ހުރިހާ ސައިކަލުތައް ޓޯކުރުމެވެ.

"އިއްޔެވެސް ހެދި ގޮތަކީ، ހެނދުނު އޮފީހަށް 7:00 ޖެހިއިރު އައި މީހުން އިރުއޮއްސި 6:00 ޖެހިއިރު ފޭބިއިރު ހުރީ ޓޯކޮށްފައި. އެންމެން މަތީގައި ތިއްބާ އައިސް ފާޑެއްގެ ކޯނެއްގައި ހިއްޕަނީ ހަތަރެއްގެ ފަހުން ހުރެއްޖެއްޔާ ޓޯ ކުރާނަމޭ. އެ ނުއެއް ފެންނާނެތާ އެ ކުއްޖާއަކަށް، އައި އިރު ހުރީ ޓޯކޮށްފައި. އިތުރަށް 750 ރުފިޔާ ދައްކަން ޖެހުނީ،" އިއްޔެ އިހުތިޖާޖުގެ ބައިވެރިއަކު ކަންބޮޑުވުން ފާޅުކޮށް މިނޫހަށް ކިޔައިދިނެވެ.

އެ ޒޯނު ބަންދުކޮށްފައިވަނީ، ވެލާނާގެ ކައިރީ އަމީރު އަހުމަދު މަގުގައި ވެސް ޕާކު ކުރުން މަނާކޮށްފައިވަނިކޮށެވެ. އެ މަގަށްވާ ގޮތަށް ޕާކުކުރުން މަނާކުރީ، އެ މަގުން ދަތުރުކުރާ އާރުޓީއެލް ބަހަށް ދަތިވާތީކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޕާކިން އިމާރާތް ރޫޅާލާ އެ ބިން ޕާކިންޒޯނަށް ހުސްކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މާލެ އަދި ހުޅުމާލޭގައި އެފަދަ އެތައް ތަނެއް ބޭނުން ނުކޮށް އެބަހުއްޓެވެ. އެ ތަންތަނަކީ ރައީސް ޔާމީނުގެ ވެރިކަމުގަައި ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ގާއިމްކުރި ތަންތަން ނަމަވެސް އެތަންތަނުގެ މަސައްކަތް ނިމި މިއަދާހަމައަށް އެއްވެސް ވަރަކަށް ބޭނުންކޮށްފައެއް ނުވެ އެވެ.

މިފަދަ ޕާކިން އިމާރާތެއް ބޭނުންނުކުރެވި ރޫޅާލުމަށް ވެލާނާގެ ހުންނަ ސަރަހައްދުގެ ޕާކިންޒޯނެއް ބަންދުކޮށްފައިވާއިރު، އެ ޕާކިންޒޯނުތަކަކީ އެއިމާރާތަށް ވަޒީފާއަށްދާ މުވައްޒަފުންގެ އިތުރުން ހިދުމަތް ހޯދުމަށްދާ އާންމުންވެސް ޕާކުކުރުމަށް ބޭނުންކުރާ ތަންތަނެވެ.