Advertisement

ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކެއް ސަލަފް ޖަމިއްޔާ އާއި ޕީޕީއެމުންކޮށްފި

28 ފެބުރުވަރީ 2023 - 19:03 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުންނާއެކު، ޕީޕީއެމްގެ އިސް ބޭފުޅުން މަޝްވަރާކުރައްވަނީ - ފޮޓޯ: ޕީޕީއެމް


ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކެއް ސަލަފް ޖަމިއްޔާ އާއި ޕީޕީއެމުންކޮށްފި

28 ފެބުރުވަރީ 2023 - 19:03 2

ދީނީ އިލްމުވެރިން ހިމެނޭ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ބައްދަލުކުރައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމުން ބުނި ގޮތުގައި އެ ބައްދަލުވުމުގެ ބޭނުމަކީ އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހަބާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.

ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސުންގެ ތެރެއިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމެވެ. ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އަދި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޖަމިއްޔަތުއްސަލަފުން ތާއީދުކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޔާމީނަށެވެ. ނަމަވެސް މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ.

ސަބަބަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކަށް ވާންޖެހުމެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

އޭގެ ފަހުން ހަ މަސް ދުވަހުގެ ތެރޭގައި 53 މިލިއަން ރ. ދެއްކުމަށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ ތެރޭގައި އަމުރެއް ވެސް ނެރެފައިވެ އެވެ.