Advertisement

އިންޑިއާގެ ފައްޅިއެއްގައި ރޮބޮޓް އެތެއް ބަހައްޓައިފި

1 މާރިޗު 2023 - 05:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރޮބޮޓް އެތް ބެހެއްޓީ ކެރަލާގެ ފައްޅިއެއްގައި. -- ފޮޓޯ: ޕެޓާ


އިންޑިއާގެ ފައްޅިއެއްގައި ރޮބޮޓް އެތެއް ބަހައްޓައިފި

1 މާރިޗު 2023 - 05:59 0

އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުގެ ފައްޅިއެއްގައި ދީނީ އަޅުކަންތަކުގައި ބޭނުން ކުރުމަށް ރޮބޮޓް އެތެއް ބަހައްޓައިފި އެވެ.

ރޮބޮޓް އެތް ބެހެއްޓީ ތްރިއްސޫރް ޑިސްޓްރިކްޓުގެ އިރިންޖަދައްޕިއްލީ ސްރީ ކްރިޝްނާ ފައްޅީގަ އެވެ. އެ ޑިސްޓްރިކްޓުން މަސައްކަތް ކުރަނީ ދީނީ ކަންކަމުގައި ޖަނަވާރު ބޭނުން ކުރުން ހުއްޓާލުމަށެވެ.

ފައްޅީގައި ބަހައްޓަން ރޮބޮޓް ހަދިޔާކުރީ ޕީޕަލް ފޯ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕޭޓާ) އާއި އެކްޓްރެސް ޕަރްވަތީ ތިރުވޮތޫ އެވެ.

އެ މީހުންގެ އުއްމީދަކީ ޖަނަވާރުންނަށް އެއްވެސް އަނިޔާއެއް ނުލިބޭނެ ފަދަ ގޮތަކަށް ދީނީ ހަރަކާތްތައް ބޭއްވުމަށް ރޮބޮޓް ބޭނުން ކުރުމެވެ.

ކެރަލާގެ ފައްޅިތަކުން ބާއްވާ ދީނީ ފެސްޓިވަލްތަކުގައި ޗޭނު ޖަހައި، ޒީނަތްތެރިކޮށްފައިވާ އެތް ވަރަށް ގިނައިން ބޭނުންކުރެ އެވެ. އިންޑިއާގައި ބަންދުކޮށްގެން 2،500 އެތް ގެންގުޅޭ ކަމަށް ބެލެވެ އެވެ.

ބަންދުކޮށްގެން އެތް ގެންގުޅުމާ ދެކޮޅަށް ގްރޫޕްތަކުން އަޑުއުފުލާތާ އަހަރުތަކެއް ވެއްޖެ އެވެ. މިދިޔަ ހަފުތާގައި ސެންޓާ ފޯ ރިސާން އޮން އެނިމަލް ރައިޓްސްއިން ކެރަލާގެ ޗީފް މިނިސްޓަރަށް ފޮނުވި ސިޓީއެއްގައި ބުނީ ބަންދުކޮށްގެން އުޅޭ އެތުގެ ތެރެއިން 138 އެތް 2018 އާއި 2023 އާ ދެމެދު މަރުވެފައިވާ ކަމަށެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފެސްޓިވަލްތަކުގައި މާ ބަރުގަދަކޮށް މިޔުޒިކް ޖެހުމަކީ އެތައް ކުރާ ގޯނާއެއް ކަމަށާޢި ހުރިހާ ފައްޅިއަކުން ވެސް ރޮބޮޓް އެތް ބޭނުންކުރުމަށް ގޮވާލާ ކަމަށެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ފައްޅީގައި ބެހެއްޓީ 11 ފޫޓުގެ ރޮބޮޓު އެތެއް ކަމަށެވެ. އޭގެ ބަރުދަނުގައި 800 ކިލޯ ހުރެ އެވެ.