Advertisement

ގައުމީ އަންހެން ވޮލީ ޓީމުން ދެއްކި ހިތްވަރަށް "ގޯލްޑް" މެޑަލް ހައްގު!

28 ފެބުރުވަރީ 2023 - 17:05 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ އަންހެން ޓީމުގެ މާޖިދާ ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ އަންހެން ވޮލީ ޓީމުން ދެއްކި ހިތްވަރަށް "ގޯލްޑް" މެޑަލް ހައްގު!

28 ފެބުރުވަރީ 2023 - 17:05 0

ފޯ ނޭޝަންސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗު ރޭ ނިމުނީ ރާއްޖޭގެ ކުޅުންތެރިންނާއި، ކޯޗުން އަދި ވީއޭއެމްގެ އޮފިޝަލުންނާއި ގައުމީ ޓީމްގެ ސަޕޯޓަރުން ރޮއްވާލައިފަ އެވެ. ގައުމީ އަންހެން ވޮލީ ޓީމުން ރަން މެޑަލް ހޯދަން ކުރި މަސައްކަތް ފަހު ވަގުތު ކާމިޔާބު ނުވެ، ދިޔައީ މެޑަލް ހޯދުމާ ވަރަށް ކައިރިއަށް ޖެހިލައިފަ އެވެ. ފައިނަލް މެޗު ނިމުނީ ރާއްޖެ އިން މެޑަލްގައި އަތް ޖައްސާލެވޭ ހާ ކައިރިއަށް ޖެހިލާފަ އެވެ.

"އެ ދިޔައީ ހަމަ ކަރުގައި ރަން މެޑަލްގެ ރަހަ ޖެހިފައި ކަހަލަ ހަމަ،" ގައުމީ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ރޭގެ މެޗަށް ފަހު ބުންޏެވެ.

ފައިނަލު މެޗުގެ ފުރަތަމަ ދެ ސެޓު ގެއްލުމާ އެކު ރާއްޖެ އަށް ރަން މެޑަލް ހޯދިދާނެ ކަމާމެދު ސުވާލު އުފެއްދި މީހުންވެސް ގިނަ އެވެ. ތިން ވަނަ ސެޓު ފަށައިގެން ސިންގަޕޫރު އޮތީ ހަތް ޕޮއިންޓްގެ ލީޑެއްގަ އެވެ. ދެން ފެނުނީ ދިވެހި ސަޕޯޓަރުންގެ އެހީއާ އެކު ރާއްޖޭގެ ކުޅުންތެރިން ކަށިން ހިތްވަރު ނެރުނު ތަނެވެ. ކޮންމެ ޕޮއިންޓަކަށް ބުރަ މަސައްކަތްކުރި ފެށި ތަނެވެ. ހުރިހާ ގޮތަކުން ވެސް ދިވެހި ޓީމު ދެން ފެނުނީ ތަފާތު ކޮށެވެ. ތަފާތު އިތުބާރެއް ޓީމުން ފެނުނެވެ. ހައިރާންވާ ވަރުގެ ޖޯޝާކާއި ރޫހެއް ދެއްކި އެވެ.

"މި މެޗުގައި ހަގީގަތުގައި ބަލިވިޔަސް، އެއްވެސް ވަރަކަށް ހިތުގައި ދެރަވާ ވިސްނުމެއް، ނެގެޓިވް އެއް ކަމެއް ވެސް ބާއްވަން ބޭނުމެއް ނޫން. މިއީ މިހާތަނަށް އަންހެން ވޮލީ ޓީމެއް ދެއްކި އެންމެ ރަނގަޅު ޕާފޯމަންސް،" ރޭގެ މެޗާ ބެހޭގޮތުން ދެކޭ ގޮތެއް އެހުމުން ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އިންޓަނޭޝަނަލް ބީޗްވޮލީ ރެފްރީ، ހުސެއިން މުހައްމަދު (ވޮލީ ހުސެން) ބުންޏެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވަ: މި ފަހަރުގެ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުޅި މެޗަށް ބަލާއިރު ދިވެހި ހުރިހާ ކުޅުންތެރިންވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ބެންޗުން އަރައި ކުޅުންތެރިއެއް ނުވަތަ ފުރަތަމަ ހަޔެއްގައި ކުޅޭ ކުޅުންތެރިންވެސް ވަކި ތަފާތެއް ނެތެވެ. އެހެން ނަމަވެސް އެންމެ ބޮޑަށް ފާހަގަވީ ކެޕްޓަނެއްގެ ރޫހުގައި ހައްވަ ދެއްކި ހިތްވަރެވެ. އެހެން ކުޅުންތެރިން ލީޑުކުރުމުގައި ދެއްކި ސާބިތުކަމެވެ.

ގައުމީ ޖާޒީގައި ހައްވަ މިހާ މޮޅަށް ކުޅުނު މެޗެއް ނުފެނެ އެވެ. ތިން ވަނަ ސެޓުގެ ކުރީކޮޅު ސިންގަޕޫރުން ލީޑުގައި އޮއްވައި، ރާއްޖޭގެ ކޯޗު ނިޒާރު އިބްރާހިމް ވަނީ ހައްވަ ބަދަލުކޮށްފަ އެވެ. ބެންޗުގައި ދެ ޕޮއިންޓަށް އޭނާ ބޭންދުމަ ށްފަހު ކުޅެން އެރުވި އެވެ. ދެން ފެނުނީ ފުލުފުލުގައި ހައްވަ ހަމަލާތައް ފޮނުވާލަން ފެށިތަނެވެ. ލިބޭ ކޮންމެ ބޯޅައަކުން ސިންގަޕޫރުގެ ބްލޮކްތައް ފޫ އަޅުވާލިއެވެ. ޑިފެންސްގައި ތިބި ކުޅުންތެރިން ހާސް ކޮށްލި އެވެ.

"ބެންޗަށް ލި ގަޑީގައި ވަރަށް އޮބްޒާވްކުރި، އެމީހުން ބްލޮކްތައް އަޅާ ގޮތާ، ޑިފެންސުގައި ކަވަރިން ހަދާގޮތް. އެއަށް ބަލާފައި އެރީ. ދެން ހަމަ ދެ ބްލޮކް ދޭތެރެއިން ބޮޑު މެދަށް ޖަހަން ޓްރައިކުރީ." މެޗަށްފަހު ވާހަކަދައްކަމުން ހައްވަ ބުންޏެވެ.

ހައްވަ ބުނީ ހުރިހާ ގޮތަކުންވެސް ރާއްޖެއިން މޮޅަށް ކުޅުނު ކަމަށާއި، އެންމެ ބޮޑަށް ދެރަވަނީ މިހާ މޮޅަށް ޓީމުން ކުޅެ މެޑަލްގައި އަތްލެވޭ ހާ ކައިރިއަށް ގޮސް ރަން މެޑަލް ނުލިބުނީމަ ކަމަށެވެ.

ހައްވަގެ އިތުރުން ޓީމްގެ ސެޓަރު ޖޫޒާން ޒަރީރު ވެސް ބުނީ މިއީ އަންހެން ވޮލީބޯޅަ އޮތް ފެންވަރު މުޅި ރާއްޖެއަށް ދައްކާލި މެޗެއް ކަމަށެވެ.

ޖޫޒާން ބުނީ މި މެޗަކީ އަންހެން ޓީމަކީ ރަން މެޑަލް ހޯދޭ ފެންވަރުގެ ޓީމެއް ކަމަށް ކުރިން ބުނިއިރު ބައެއް މީހުންނަށް އެކަން ގަބޫލުނުކުރެވޭ ކަމަށާއި، ރޭގެ މެޗާ އެކު ކުޅުންތެރިން އެކަން ސާބިތުކޮށްދީފި ކަމަށެވެ.

އޭނާ ބުނީ ގައުމީ ޓީމު މިހާރު އޮތީ އެހެން ލެވެލްއެއްގައި ކަމަށާއި، ޕްރެކްޓިސްތަކުގައި ކުރި ހުރިހާ މަސައްކަތް މިހާ ހިސާބަށް އައިރު ކާމިޔާބު ކުރެވުނު ކަމަށެވެ. އޭނާ ވަނީ ފައިނަލު މެޗުގައި ޓީމަށް އޮތް ސަޕޯޓު ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

"މިހާރު ވޮލީކުޅޭތާ އަށް އަހަރު ނުވަ އަހަރު މިވީ. އަޅުގަނޑުގެ ހަޔާތުގައިވެސް މިވަރުގެ ބޮޑު ކްރައުޑެއްގެ ތެރޭގައި އަދި ދުވަހަކުވެސް އަޅުގަނޑެއް ނުއެއް ކުޅެން. މިއީ ހަމަ އާދަޔާ ހިލާފު އިހުސާސެއް ކުރެވުނު މެޗެއް" ރާއްޖޭގެ އެއް ވަނަ ސެޓަރު، ޖޫޒާން ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން ޖޫޒާން (ކ) އާއި މާޖިދާ: ތަޖުރިބާގެ އަލީގައި މުހިންމު ވަގުތުގައި ތަފާތު ދެއްކި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ޓީމުން ރޭގެ މެޗުގައި ދެއްކި ހިތްވަރަށް ތައުރީފު ނުކުރާނެ ހަމަ އެކަކުވެސް ނެތެވެ. ކުރީގެ ކުޅުންތެރިންނާއި ކޯޗުންނާއި ވޮލީބޯޅަ އާއިލާގެ އިތުރުން މުޅި ގައުމުގެ ހުރިހާ އެންމެންވެސް ޓީމަށް ދެނީ އެންމެ މެސެޖެކެވެ "ދެއްކި ހިތްވަރަށް ސާބަހެވެ".

ހަމަ ހަގީގަތުގަވެސް އަންހެން ޓީމުން އެ ސާބިތުކޮށްދިނީ އެއީ "މިގައުމުގެ ދަރިން" ކަމެވެ. ސަޕޯޓަރުން ދައްކައިދިނީ މިއީ "ރަތާ، ހުދު ފެހިން ވިދާލާ ވަރުގަދަ ލަޝްކަރެއް" ކަމެވެ. ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކު އެ "ދިވެހިންގެ ދަންމަރު" ހިފައިގެން ނިކުތޫ "ހުނަރާ ފަންވަރު" ދައްކަމުންނެވެ. ވޮލީގެ ރަން ސަފުގައި އޮތް "ފުރަހާދަ ލަޝްކަރުން" ކުރަހާލަ ދިނީ ވޮލީގެ ކުރިމަގުގެ އުލާލާ މަންޒަރެވެ.

އެއް އަޒުމެއްގައި ވަރުގަދަ ރޫހެއްގައި ކުޅެ ގައުމީ ޓީމުން އެ ދެއްކި ކުޅުމަށް މުޅި މި ދީބު ފަހުރުވެރިވާނެ އެވެ. އެ ދެއްކި ޖޯޝާ ހިތްވަރަށް ބަލާއިރު ހަމަ ހަގީގަތުގަވެސް ގައުމީ ޓީމަށް "ގޯލްޑް މެޑަލް" ހައްގެވެ.