27 ފެބުރުވަރީ 2023 - 22:45 2
ރާއްޖެ ޓީމުގެ ކުޅުންތެރިން މެޑަލް ކަރުގައި އަޅުވާލައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
27 ފެބުރުވަރީ 2023 - 22:45 2
ފޯ ނޭޝަންސް ކަޕްގެ ފޯރިގަދަ ފައިނަލުގައި ފަސް ސެޓު ކުޅެގެން 3-2 ސެޓުން ރާއްޖެ ބަލިކޮށް ސިންގަޕޫރުގެ އަންހެން ވޮލީބޯޅަ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިއިރު، ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމަށް ބައިނަލްއަގުވާމީ ލެވަލްގައި ދެ ވަނަ ރިހި މެޑަލް ލިބިއްޖެ އެވެ.
ރާއްޖޭން ވަނީ 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވިމެންސް މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ދެ އަހަރު ކުރިން މާލޭގައި ހޯސްޓްކުރި އެފްއައިވީބީ ކޮލިފައިންގައި ގައުމީ އަންހެން ޓީމަށް ލިބުނީ ލޯ މެޑަލް އެވެ. އެހެންކަމުން، މިއީ އަމިއްލަ ގައުމުގައި ކުޅެގެން ގައުމީ އަންހެން ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
ފޯ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކުގަ އެވެ. އެ ޓީމުން ވަނީ ލީގު ބުރުގައި ރާއްޖެ އަތުން ސީދާ ތިން ސެޓުން އަދި މެލޭޝީއާ އަތުންވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ރާއްޖެ ފައިނަލަށް އައީ ސެމީ ފައިނަލުގައި މެލޭޝިއާ 3-2 ސެޓުން ބަލިކޮށްގެންނެވެ. ސިންގަޕޫރުން ފޯ ނޭޝަންސް ކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރީ މީގެ ކުރިން ރާއްޖޭގެ ފިރިހެން ޓީމުގެ ކޯޗަކަށް ހުރި ތައިލެންޑްގެ ކޯޗު ސުންޓޮން ފޮސީޓާގެ އިރުޝާދުގެ ދަށުންނެވެ.
ފައިނަލު މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ފެށި ބާރު ހަމަލާތަކަކާ އެކުގަ އެވެ. އާމިނަތު ޝަހާ ޝާމިން އާއި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)ގެ ބާރު ހަމަލާތަކާ އެކު ރާއްޖެއިން ސެޓުގެ ކުރީކޮޅު ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް 9-5 ގައި ސްކޯ އޮއްވައި، މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ ސިންގަޕޫރުން ނަތީޖާ ހަމަހަމަކުރި އެވެ. އެ ފަހުން، 9-9 އިން އެއްވަރުވި ދަނޑިވަޅުގައި ރާއްޖެ އިން ޓައިމްއައުޓެއް ނަގައި ޓިމް ހަމައަކަށް އެޅުވި އެވެ. އޭގެ ފަހުން ރަނގަޅަށް ކުޅެ ރާއްޖެއިން 15-13 އިން ލީޑު ނެގި އެވެ. ދެން ފެނުނީ ސިންގަޕޫރުން ޓައިމްއައުޓެއް ނަގައި ކުޅުން ބަދަލުކޮށްލިތަނެވެ. ފަހަތުން އަރައި ލީޑު ނަގައި އެޓީމުން ފަރަގު ބޮޑުކުރި އެވެ. ރާއްޖޭގެ ކުޅުންތެރިންގެ ސާވިސް ރިސީވްތައް ރަނގަޅު ނުކުރެވުމުގެ ނަތީޖާއަކަށްވީ ސިންގަޕޫރުން މި ސެޓު 18-25 އިން ކާމިޔާބުކުރުމެވެ.
ސިންގަޕޫރުގެ ކުޅުންތެރިއަކު ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ނަންނި (ވ) އާއި ޝަހާ ޝާމިން މަސައްކަތްކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ކުޅުން ފެނުނީ ހަމަހަމަކޮށެވެ. އެ ގޮތުން، 5-5 އިން ސްކޯ އެއްވަރުވި ވަގުތު ސިންގަޕޫރުން ބާރު ހަމަލާތަކެއް ފޮނުވާލައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި އެވެ. މި ދަނޑިވަޅުގައި ރާއްޖެއިން ކުޅުން ޑިފެންސް ރަނގަޅުކޮށް 9-9 އިން ސްކޯ އެއްވަރުކުރި އެވެ. ދެން ފެނުނީ އަނެއްކާ ވެސް ސިންގަޕޫރުން ބާރު ހަމަލާތަކެއް ފޮނުވަލައި ހަތަރު ޕޮއިންޓްގެ ލީޑު އަލުން ހޯދި ތަނެވެ. ސެޓުގެ ސްކޯ، 10-14ގައި އޮއްވައި ކެޕްޓަން ހައްވަ އާއި އައިޝަތު މާޖިދާގެ ހޯދައިދިން ޕޮއިންޓް ތަކުން ސްކޯގެ ފަރަގު ކުޑަކުރެވޭތޯ ރާއްޖެއިން މަސައްކަތްކުރި އެވެ.
ސެޓުގެ ފަހުކޮޅަށް ދިޔައިރު ރާއްޖެއިން އައިޝަތު ޝަމްހާ ކުޅެން އަރުވައި ޑިފެންސް ވަރުގަދަ ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ސިންގަޕޫރު ކުޅުންތެރިން އަތުން މިސްޓޭކް ހެދި ސްކޯ 19-19 އިން އެއްވަރުވި އެވެ. ރާއްޖޭގެ އެޓޭކަރުންނަށް ގިނަ ފުރުސަތުތަކެއް ލިބި ބޯޅަތައް ނިންމާނުލެވުމުގެ ނަތީޖާއަކަށްވީ ސިންގަޕޫރުން 20-23 އިން ލީޑު ނެގުމެވެ. އެ ލީޑުގައި އޮވެ ސިންގަޕޫރުން މި ސެޓު 22-25 އިން ނިންމާލީ ރަނގަޅު ރެލީތަކެއް ކުޅެ ރާއްޖެ އަށް ނިންމާލަން ލިބުނު ފުރުސަތުތަކުގައި ރަނގަޅު ބްލޮކްތަކެއް ކޮށްގެންނެވެ.
ސިންގަޕޫރުން ތިންވަނަ ސެޓުވެސް ފެށީ ދެ ވަނަ ސެޓު ނިންމާލި ފޯމުގަ އެވެ. ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައި އެޓީމުން ލީޑު ހަތް ޕޮއިންޓަށް ފުޅާކުރި އެވެ. އެ ގޮތުން، 4-11ގައި ސްކޯ އޮއްވައި ރާއްޖެ އިން މަޑު މަޑުން ކުޅުން ރަނގަޅުކޮށް ސްކޯގެ ފަރަގު ކުޑަކުރި އެވެ. އެޓޭކާ ޑިފެންސުގައި ވެސް ކެޕްޓަން ހައްވަ މޮޅު ކުޅުމެއް ދެއްކި މި ދަނޑިވަޅުގައި ރާއްޖެއިން ފަހަތުން އަރާ 13-13 އިން ސްކޯ އެއްވަރު ކުރި އެވެ. ނަތީޖާއަކަށްވީ ޕްރެޝަރަށް ވެއްޓި ސިންގަޕޫރުން ޓައިމްއައުޓެއްް ނެގުމެވެ.
ރާއްޖެ ޓީމުގެ ހައްވަ ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ސިންގަޕޫރުގެ ދެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓައިމްއައުޓަށް ފަހު ސިންގަޕޫރުން ދެ ޕޮއިންޓް ހޯދައި ލީޑު ނެގި އެވެ. ރާއްޖޭގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ)ވެެސް މި ދަނޑިވަޅުގައި ޓައިމްއައުޓްގެ ބޭނުންކޮށް ޓީމަށް ހަމަޖެހިލަން ވަގުތު ދިނެވެ. ޓައިމްއައުޓަށް ފަހު މާޖިދާ ފޮނުވާލި ހަމަލާއިން ރާއްޖެ އިން އުއްމީދު އާ ކުރި އެވެ. ދެން ފެނުނީ ޝާހާ ޝާމިންގެ ބާރު ހަމަލާއަކާ މޮޅު ސާވިސް އަކުން ރާއްޖެ އިން ސްކޯ 16-16 އަށް އެއްވަރުކުރި ތަނެވެ.
ސްކޯ އެއްވަރުކޮށް އޮތް ދަނޑިވަޅުގައި ހައްވަ ބާރު ދެ ހަމަލާއެއް ފޮނުވާލައި ރާއްޖެ އަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައިދިނެވެ. ސިންގަޕޫރުން ޓައިމްއައުޓެއް ނަގައި ޓިމް ހަމައަކަށް އަޅުވަން މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ދޫނުދީ ހިފެހެއްޓި އެވެ. ނަތީޖާއަކަށްވީ 22-17 އިން ރާއްްޖެއަށް ފަސް ޕޮއިންޓްގެ ލީޑެއް ލިބުމެވެ. ހައްވަގެ ބާރު ހަމަލާތައް ނުހުއްޓުވި ސިންގަޕޫރު ޕްރެޝަރަށް ވެއްޓި 25-19 އިން ރާއްޖެއިން ސެޓު ހޯދައި މެޗު ކާމިޔާބުކުރުމުގެ އުއްމީދު ހޯދި އެވެ. މިއީ މުޅި މުބާރާތުގައި ވެސް ސިންގަޕޫރު އަތުން ގެއްލުނު ފުރަތަމަ ސެޓެވެ.
ހަތަރު ވަނަ ސެޓު ފަށައިގެން ލީޑު ކުރީ ސިންގަޕޫރުންނެވެ. ރާއްޖެ ފަހަތުގައި އޮތް ދަނޑިވަޅުގައި ކުރިއަށް ނިކުމެ ތަފާތު ދެއްކީ ޓީމްގެ ލީޑަރު، ހައްވަ އެވެ. ފުލުފުލުގައި ބާރު ހަމަލާތައް ފޮނުވާލައި 7-7 އިން ސްކޯ އެއްވަރުކުރި އެވެ. އޭގެ ފެހުން ސިންގަޕޫރުން ޓައިމްއައުޓް ނަގައި ޓީމް ހަމައަކަށް އަޅުވަން އުޅުނު ނަމަވެސް ރާއްޖެއިން ދެއްކީ އާދަޔާ ހިލާފު ޖޯޝަކާ ފޯރި އެކެވެ. ފުލުފުލުގައި ބާރު ހަމަލާތައް ފޮނުވާލައި 13-8 އިން ލީޑު ނެގި އެވެ. އެ ލީޑުގައި ކުޅެ ސިންގަޕޫރަށް ގޭމްގެ ތެރެއަށް އާދެވުނަ ނުދީ ރާއްޖެއިން ހިފެހެއްޓި އެވެ. އޭޓޭކުގައި ކެޕްޓަން ހައްވަ ތަފާތު ދައްކަމުންދިޔައިރު، ޑިފެންސްގައި ލިބަރޯ ފައިހާ މުހައްމަދު ހިތްވަރު ދެއްކި އެވެ. އޭނާއާ އެކު ޓީމްގެ އެހެން ކުޅުންތެރިން ވެސް ފެނުނީ އާދަތާ ހިލާފު ރޫހެއްގައި ކުޅުނުތެނެވެ. އިންޑޯ ހޯލަށް ވަދެ ތިބި ދިވެހި ސަޕޯޓަރުންގެ ހިފެހެއްޓުމެއް ނެތް ސަޕޯޓާ އެކު ރާއްްޖެ އިން މި ސެޓު 25-19 އިން ހޯދައި މެޗު ފަސް ސެޓަށް ދުއްވާލި އެވެ.
ނަތީޖާ ކަނޑައެޅުމަށް ކުޅުނު ސެޓު ފަށައިގެން ދެ ޓީމުންވެސް އެއްވާނެއްގައި ކުޅުނެވެ. ޑިފެންސަށް ސަމާލުކަން ދީގެން ކުޅުނުއިރު ދެ ޕޮއިންޓްގެ ލީޑެއް ފުރަތަމަ ނެގީ ސިންގަޕޫރުންނެވެ. އެ ގޮތުން، 2-4 ގައި ސިންގަޕޫރުން ލީޑު ހިފަހައްޓަމުން ދިޔައީ ރާއްޖެއިން ޖެހިޖެހިގެން ސާވިސްތައް ބޭކާރުކުރަން ފެށުމުންނެވެ. އަދި 7-9 ގައި ސްކޯ އޮއްވައި ނަރީމާ އިދުރީސް (ނަންނި)ގެ ހޯދައިދިން ޕޮއިންޓަކާއި ހައްވަގެ ބާރު ހަމަލާއަކުން ރާއްޖެ އިން ސްކޯ އެއްވަރުކުރި އެވެ.
ދެ ޓީމުންވެސް ބާރު ހަމަލާތައް ފޮނުވާލަމުން ގޮސް ރާއްޖެއިން ލީޑެއް ނަގަން ލިބުނު ފުރުސަތުގައި ހައްވަ ފޮނުވާލި ބޯޅަ ސިންގަޕޫރުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިފައި ދިޔަކަމަށް ދިވެހި ކުޅުންތެރިން އެޕީލްކުރި އެވެ. އެކަމަކު، ރެފްރީ ނިންމީ އެ ބޯޅަ ބޭރަށް ދިޔައި ބްލޮކުގައި ނުޖެހިކަމަށެވެ. އެ ފަހުން، 11-12 އިން ސިންގަޕޫރު ލީޑު ނެގުމާ އެކު ރާއްޖެއިން ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓްގެ ފަހުން ދެ ސާވިސް ރިސީވްވެސް ރަނގަޅުނުކުރެވި ސިންގަޕޫރުން 11-14 އިން ލީޑު ނެގި އެވެ. އެ ޓީމުން ފަހު ޕޮއިންޓް ހޯދައި 11-15 އިން ސެޓު ހޯދައި މެޗު ކާމިޔާބުކުރި އެވެ،
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment