Advertisement

ދިއްލީ އާއި ބޮޑެތި އެހެން ސިޓީތަކުގައި މުޒާހަރާކޮށްފި

28 ފެބުރުވަރީ 2023 - 07:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޭއޭޕީގެ މެމްބަރުން ބެންގަލޫރުގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއޭޕީ


ދިއްލީ އާއި ބޮޑެތި އެހެން ސިޓީތަކުގައި މުޒާހަރާކޮށްފި

28 ފެބުރުވަރީ 2023 - 07:19 0

ނިއު ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ހައްޔަރު ކުރުމުން، އެ ސިޓީ އާއި އިންޑިއާގެ އެހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާކޮށްފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި މަނީޝް ސިސޯޑިއާ ފެޑެރަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގިނަ ގަޑިއިރުތަކެއް ވަންދެން ސުވާލު ކުރުމަށް ފަހު އެވެ.

އެއީ ނިއު ދިއްލީގައި ރަލާ ގުޅޭ ސިޔާސަތުގެ ތަހުގީގެކެވެ. އެ ސިޔާސަތުގެ ދަށުން ރާ ވިއްކާ އާ ފިހާރަތަކެއް ހުޅުވި އެވެ. އެހެން ނަމަވެސް ފުލުހުން ތަހުގީގު ފެށުމުން އެ ސިޔާސަތު ތަންފީޒު ކުރުން ހުއްޓައިލި އެވެ.

ސިސޯޑިއާ އާއި އޭނާ ނިސްބަތްވާ އާއްމު އާދްމީ ޕާޓީ (އޭއޭޕީ) އިން ތުހުމަތުތައް ދޮގުކުރެ އެވެ. އެ ޕާޓީން ބުނީ ވެރިކަމުގައި އޮތް ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ސިޔާސީ ވާދަވެރިންނަށް ޓާގެޓް ކުރާ ކަމަށެވެ.

ދިއްލީގައި ވެރިކަން ކުރަނީ އޭއޭޕީއިންނެވެ. އެހެން ނަމަވެސް ފެޑެރަލް ފުލުހުން ރިޕޯޓު ކުރަން ޖެހޭ އިންޑިއާގެ މައި ސަރުކާރުގައި އޮތީ ބީޖޭޕީ އެވެ.

ހޯމަ ދުވަހު އޭއޭޕީގެ މެމްބަރުން ދިއްލީގައި އެ ޕާޓީގެ މައި އޮފީސް ކުރިމައްޗަށް އެއްވެ ބީޖޭޕީއާ ދެކޮޅަށް އަޑުއުފުލި އެވެ. މުޒާހަރާގެ ބައިވެރިން ބޭނުންވީ ބީޖޭޕީގެ އޮފީހާއި ކޯޓު ކައިރިއަށް ދިޔުމަށެވެ.

ދިއްލީގައި ސެކިއުރިޓީ ވަރުގަދަކޮށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާ އިރު، މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރާ މަންޒަރު ބައެއް ވީޑިއޯތަކުން ފެނެ އެވެ.

ވެރިރަށް ދިއްލީގެ އިތުރުން ޕަންޖާބް ސްޓޭޓްގެ އެންމެ ބޮޑު ސިޓީ ޗަންދިގަރްގައި ވެސް އޭއޭޕީގެ މެމްބަރުން ދަނީ އަޑު އުފުލި އެވެ. ޕަންޖާބްގައި ވެސް ވެރިކަން ކުރަނީ އޭއޭޕީއިންނެވެ.

އޭގެ އިތުރުން މުމްބާއީ އާއި ބެންގަލޫރު އަދި ބޯޕާލް އާއި އެހެން ބޮޑެތި ސިޓީތަކުގައި ވެސް މީހުން ދަނީ މުޒާހަރާ ކުރި އެވެ.

ދިއްލީގައި ގިނަ މައްސަލަތަކެއްގައި އޭއޭޕީ އާއި ބީޖޭޕީގެ ހިޔާލު ތަފާތެވެ. ބީޖޭޕީއިން ތަކުރާރުކޮށް ތުހުމަތު ކުރަނީ އޭއޭޕީގެ އޮފިޝަލުން ކޮރަޕްޓް ކަމަށެވެ.

އެހެން ނަމަވެސް، އޭއޭޕީއިން ބުނަނީ ބީޖޭޕީ އާއި މައި ސަރުކާރުން ދިއްލީގައި އޭއޭޕީގެ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށެވެ.

މިދިޔަ އަހަރު މަނީ ލޯންޑަރިންގެ ތުހުމަތުގައި ދިއްލީގެ ހެލްތު މިނިސްޓަރު ސަތުޔެންދްރަ ޖައިން ހައްޔަރު ކުރި އެވެ. އޭނާ އަދިވެސް ހުރީ ބަންދުކޮށްފަ އެވެ.

އޭއޭޕީ އުފެދުނީ މީގެ 10 އަހަރު ކުރިން ކޮރަޕްޝަނާ ދެކޮޅަށް ހިންގި ބޮޑު ހަރަކާތެއްގެ ތެރެއިންނެވެ. އެހެންވެ، އެ ޕާޓީއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ޕާޓީއަށް ވަރަށް އަސަރު ކުރާ ކަމެކެވެ.

އޭއޭޕީގެ ލަނޑުދަނޑުއަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީއާ ވާދަވެރި، ބޮޑު އިދިކޮޅު ޕާޓީއަކަށް ވުމެވެ. އޭއޭޕީއިން ވަނީ ދިއްލީ އާއި ޕަންޖާބް ސްޓޭޓްގެ ކޮންޓްރޯލް ހޯދައިފަ އެވެ.