27 ފެބުރުވަރީ 2023 - 17:53 0
މެލޭޝިއާ ކުޅުންތެރިން ޝީލްޑާ އެކު ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
27 ފެބުރުވަރީ 2023 - 17:53 0
.ސީދާ ތިން ސެޓުން ސިންގަޕޫރުގެ މައްޗަށް ކުރިހޯދައި، މެލޭޝިއާ އިން ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މިއަދު ހޯދައިފި އެވެ.
މުބާރާތުގައި މެލޭޝިއާ އިން ޖުމްލަ އެކު ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ ލީގު ބުރުގައި އަފްގާނިސްތާން އަތުންނެވެ. މެލޭޝިއާ ފައިނަލަށް ދަތުރުކުރީ ސެމީގައި ރޭ ރާއްޖެ ތިން ސެޓުން ބަލިކޮށްގެންނެވެ. ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމަށް މީގެ ކުރިން ކޯޗުކޮށްދިން ސުންޓޮން ފޮސީޓާ ކޯޗުކޮށްދޭ ސިންގަޕޫރުން ފައިނަލަށް އައީ ސެމީގައި ލީގު ބުރުގެ އެއް ވަނަ އަފްގާނިސްތާން ކަޓުވާލައިފަ އެވެ.
މެލޭޝިއާ އިން މިއަދުގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-20، 25-23 އަދި 25-16 އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން މެލޭޝިއާ އާދައިގެ ގޮތަކަށް ފެނުމުގެ ނަތީޖާ އަކަށްވީ ސިންގަޕޫރުން ފަސް ޕޮއިންޓުގެ ލީޑެއް ނެގުމެވެ. އެ ވަގުތު ކޮޅުގައި ސިންގަޕޫރުގެ ޖޯޑަން ރަޔާން އާއި އަޖޭ ސިންގް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ.
އެކަމަކު، މަޑުމަޑުން މެޗުތެރެއަށް ވަދެ، ރަނގަޅު ވަގުތުގައި ޓައިމް އައުޓް ނަގައި، މެލޭޝިއާ އިން ޓީމު ހަމަޔަަކަށް އެޅުވި އެވެ. އެ ގޮތުން 14-13 އިން ލީޑު އަނބުރާލި ފަހުން، ދެން ކޮންޓްރޯލްގައި އޮވެ، މެލޭޝިއާ އިން ވަނީ 25-20 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ.
މެލޭޝިއާ ޓީމުގެ ތަރި ފަހުމީ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ސިންގަޕޫރުގެ ޝީއޫ މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެލޭޝިއާގެ ސެޓަރު، ހައިރުލް ޝަޒްރީމޭ ދޭ ބޯޅަތަކުގައި އެ ޓީމުގެ މުހައްމަދު ފަހުމީ އާއި ޝޯން އެންގިއާޕް ފޯމަކަށް އެޅިގެން ކުޅެން ފެށީ ފުރަތަމަ ސެޓުގެ މެދަކާ ހަމައިންނެވެ. ހާއްސަ ގޮތެއްގައި ފުރަތަމަ ސެޓު މެލޭޝިއާ ކޮޅަށް އަނބުރާލުމުގައި އެ ޓީމުގެ ފަހުމީ މޮޅު ކުޅުމެއް ދެއްކި އެވެ.
ދެ ވަނަ ސެޓު ފެށިގެން ސިންގަޕޫރުން ރަނގަޅަށް ކުޅެ، ލީޑުނެގި އެވެ. މި ސެޓުގެ ފަހުކޮޅާ ހަމައަށް ލީޑުގައި އޮތީ ސިންގަޕޫރެވެ. މެލޭޝިއާ އިން ތިން ފަހަރެއްގެ މަތިން އެއްވަރުކުރި ނަމަވެސް ލީޑެއް ނެގުމުގައި ނަސީބުގެ އެހީދިޔައީ ނުލިބި އެވެ. ސިންގަޕޫރަށް މި ސެޓުގައި މައްސަލަ ދިމާވީ އެ ޓީމުގެ އެއް އެޓޭކަރު، ޖޯޑަން ރަޔާން ކަކުލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. މެލޭޝިއާ އިން މި ސެޓުގެ ނަތީޖާ އަނބުރާލީ 20-19 އިންނެވެ. އެ ފަހުން މެލޭޝިއާ އިން ވަނީ ސެޓު ނިންމުމުގައި ކާމިޔާބު ހޯދައިފަ އެވެ. މެލޭޝިއާ އިން 25-23 އިން މި ސެޓު ގެންދިޔައިރު، މި ސެޓުގައި ވެސް އެ ޓީމުގެ ފަހުމީ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެލިތަނެވެ.
މެލޭޝިއާ އިން ތިން ވަނަ ސެޓު ފެށީ ދެ ވަނަ ސެޓު ނިންމާލި ފޯމުގަ އެވެ. ސެޓު ފަށައިގެން ސިންގަޕޫރުން ފުލުފުލުގައި ހެދި ގޯސްތަކެއްގެ ފައިދާނަގައި، މެލޭޝިއާ އިން ވަނީ 5-1 އިން ލީޑުކޮށްފަ އެވެ. މުޅި ސެޓުގައި ކަހަލަ ގޮތަކަށް މެލޭޝިއާ އިން ލީޑުދަމަހައްޓަމުންދިޔަ އެވެ.
އަނިޔާ އަށް ފަރުވާ ހޯދައިގެން، ސިންގަޕޫރުގެ ޖޯޑަން، ތިން ވަނަ ސެޓުގައި ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އެއްކޮށް ފިޓްނުވާތީ، އޭނާގެ ޝޮޓްތައް ބްލޮކްކުރުމުގައި މެލޭޝިއާ އިން ކާމިޔާބު ހޯދި އެވެ. އަދި މުޅި ސެޓުގައި ކޮންޓްރޯލްގައި އޮތް މެލޭޝިއާ އިން 25-16 އިން ސެޓު ގެންގޮސް މެޗުން މޮޅުވެ، މުބާރާތް ކާމިޔާބުކުރީ އެވެ.
Comment