Advertisement

ލޯފަން މީހުންނަށް މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ލެވޭގޮތް ހަދަން މަސައްކަތް ކުރަނީ

27 ފެބުރުވަރީ 2023 - 17:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވޯޓުލާން ދިޔަ މީހެއްގެ އަތުގައި ފާހަގަ ޖަހަނީ. މިއަހަރުގެ އިންތިހާބުގައި ގާތްގަނޑަކަށް ދެލައްކަ އަށްޑިހަހާހަށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެކަމަށް ލަފާ ކުރޭ -- ފޮޓޯ: އަދަދު


ލޯފަން މީހުންނަށް މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ލެވޭގޮތް ހަދަން މަސައްކަތް ކުރަނީ

27 ފެބުރުވަރީ 2023 - 17:06 0

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި އެ މީހަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ލުމުގެ ފުރުސަތު ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ފަހިކޮށްދިނުމަށް، ވޯޓު ކަރުދާހުގެ (ބެލޮޓު ޕޭޕާ) ޓެމްޕުލޭޓު ތައާރަފު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

ބެލޮޓް ޕޭޕާ ޓެމްޕުލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުން ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެ ޓެމްޕުލޭޓުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުން ކެންޑުމެއް ހުންނާނެ އެވެ. އެ ކެންޑުންތައް ފަރުމާ ކޮށްފައި ހުންނާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އަތްލައިގެން ނަންބަރު ދެނެގަނެވޭ ގޮތަށެވެ.

ބެލޮޓް ޕޭޕާ ޓެމްޕުލޭޓު ރާއްޖެއަށް އަލަށް ތައާރަފު ކުރުމުގެ މަސައްކަތް ފެށި ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެފަދަ ޓެމްޕުލޭޓުތައް ބޭނުން ކުރުމަށް އަދި ރަސްމީކޮށް ނިންމާފައި ނުވާ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް "އަދަދު" އަށް ވިދާޅުވި އެވެ.

"އަދި ރަސްމީކޮށެއް ނުނިންމަން ރިޔާސީ އިންތިހާބުގައި ބޭނުން ކުރާކަށް، އެކަމުގައި ގޮތެއް ނިންމާނީ އިންތިހާބުގެ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

އެފަދަ ނިންމުމެއް ނިންމުމަށް އެ ކޮމިޝަނުން މަސައްކަތް ފެށީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.

އެ ބައްދަލުވުންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނާ ހިއްސާ ކުރި ކަމަށް ހަބީބް ވިދާޅުވި އެވެ.

"އެ ބޭފުޅުން (ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް) އަޅުގަނޑުމެންނާ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބައްދަލުކޮށް ކަންބޮޑުވުން ފާޅު ކުރި، އެ ބޭފުޅުން ވެސް ބޭނުންވަނީ އެބޭފުޅުންގެ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.

ބެލޮޓް ޕޭޕާ ޓެމްޕުލޭޓެއްގެ ނަމޫނާ އެއް. ރާއްޖޭގައި ބޭނުން ކުރާނީ ސީދާ މިގޮތަށް ހުންނަ ޓެމްޕުލޭޓެއް ނޫން.


އޭނާ ވިދާޅުވީ އެ ބައްދަލުވުންތަކަށްފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކާއި ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އަރުވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން މިއަހަރުގެ އިންތިހާބުގައި އެ ފަރާތްތަކަށް ވެސް ބޭނުންވާ މީހަކަށް އަމިއްލައަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ވޯޓުލުމުގައި ކުރިމަތިވާ ތަކުލީފުތަކާ މެދު އެ ކޮމިޝަނުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމަށެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެއް ކަމަށާއި ވޯޓުލުމުގެ ހައްގުތައް ހުރިހާ އެންމެންނަށް ހަމަހަމަކަމާ އެކު ކަށަވަރު ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ. އެކަން ބަދަލު ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާއިރު، އެކަމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގުރާމުތައް ވެސް ކުރިއަށް ގެންދިއުމަށް ވިސްނަވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

"އިންތިހާބުތަކުގެ ގަވާއިދުތަކާއި އުސޫލުތަކަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ވޯޓު އެޑިއުކޭޝަން ޕްރޮގުރާމުތަކުގައި ވެސް އެފަދަ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޭގެތެރޭގައި ރޭޑިއޯ، ޓީވީތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމުތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބެލޮޓް ޕޭޕާ ޓެމްޕުލޭޓު ބޭނުންކުރަން ނިންމާ ނަމަ، އެކަން ކުރާނީ ނުކުޅެދޭ މީހުންގެ ގައުމީ ދަފުތަރުގައި ރެޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް ވޯޓުލާން ދާ މަރުކަޒުތައް ދެނެގަނެގެން ކަމަށެވެ.

މިދިޔަ މަހު އިފުތިތާހު ކުރި އެ ދަފުތަރުގައި ރެޖިސްޓަރީ ވެވޭނީ ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށެވެ. ރަށު ކައުންސިލްތަކަށް ވެސް އެ ދަފުތަރު އަދާހަމަ ކުރަމުން ގެންދެވޭނެ އެވެ.

ދެލައްކަ އަށްޑިހަހާސް މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ލަފާ ކޮށްފަ އެވެ.

އެހެންނަމަވެސް ރީ-ރެޖިސްޓްރޭޝަނަށްފަހު އެ އަދަދު އެއަށްވުރެ އިތުރުވެސް ވެދާނެ ކަމަށް މީގެ ކުރިން އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު ނުވައެކެވެ.