Advertisement

ކުޅިވަރު ކުޅުންތެރިން ސަޕޯޓަރުންނަށް: ފެނުނީ ގައުމީ ޖޯޝް!

1 މާރިޗު 2023 - 09:22 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ގައުމީ ވޮލީ ޓީމަށް ސަޕޯޓް ކުރުމަށް ދިޔައީ ޖޯޒީގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކުޅިވަރު ކުޅުންތެރިން ސަޕޯޓަރުންނަށް: ފެނުނީ ގައުމީ ޖޯޝް!

1 މާރިޗު 2023 - 09:22 0

އަމިއްލަ ގައުމުގައި ގައުމީ ޓީމު ތަކުން ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެން ލިބެނީ މަދު ފަހަރެއްގަ އެވެ. ކޮންމެ ފުރުސަތެއްގައި ވެސް އެ ޓީމްތަކަށް ތަފާތު ދައްކާލަން ކުރާ މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބެނީ ސަޕޯޓަރުންގެ ފަރާތުންނެވެ. ދާދި ފަހުން ނިމިގެންދިޔަ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ މެޗުތައް ކުރިއަށްދިޔައިރު، ސަޕޯޓަރުން ފެނިގެންދިޔައީ ތަފާތު ޖޯޝަކާ ފޯރިއެއް ނަގައި، ޓީމަށް ހިތްވަރު ދޭން ފަހަތުގައި ތިބިތަނެވެ..

މިހާތަނަށް އިންޑޯ ހޯލުގައި ވޮލީ މެޗަކަށް ވަތް އެންމެ ބޮޑު "ކްރައުޑް"އާ އެކު ގައުމީ ޓީމަށް އިތުރު "ކިކެއް" މެޗުގެ ތެރޭގައި ލިބުނު ކަމަށް ކުޅުންތެރިން އެ ދަނީ ބުނަމުންނެވެ. ސަޕޯޓަރުންގެ "ކްރައުޑް"ގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމްތަކުންނާ، ކުޅިވަރުގެ އެކި ފަރާތްތަކުން ނިކުމެ ގައުމީ ޓީމަށް ދޭ ހިތްވަރެވެ.

ސަޕޯޓަރުންގެ ތެރެއިން "އަހަރުމެން މިތިބީ ގައުމީ ވޮލީ ޓީމާ އެކު" މިހެން ޖަހާފައި ހުރި ބެނާތައް ފެނެ އެވެ. ސަޕޯޓަރުންގެ ތެރޭގައި އެކި ދިމަ ދިމާތަކުގައި ގްރޫޕްތަކަކަށް ތިބީ ގައުމީ ޓީމްތަކެވެ. ބައެއް ޓީމްތަކުން ތިބީީ ބެރު ދުންމާރި ހިފައިގެންނެވެ. އެންމެން ތިބީ ރަތް ކުލައިގެ ޖާޒީ އާއި ގައުމީ ދިދަތައް ހިފައިގެންނެވެ. މިގޮތުން ހޭންޑްބޯޅަ، ބާސްކެޓްބޯޅަ، ކެރަމް، ބޮޑީބިލްޑިން، ބޮޑީބޯޑިން، ފުޓްބޯޅަ އަދި ފަދަ ކުޅިވަރުތަކުގެ ގައުމީ ޓީމްތައްވެސް ރޭ މި ނިމުނު މުބާރާތުގެ ތެރޭގައި ފެނުނެވެ.

ހަމަ ޔަގީނުންވެސް މިއީ ގައުމީ ވޮލީ ޓީމަށް ލިބުނު އިތުރު ހިތްވަރެކެވެެ. ވޮލީބޯޅަ އާއިލާގެ އިތުރުން އެހެން ކުޅިވަރުތަކުންވެސް ނިކުމެ ކޮންމެ މެޗެއްގައި އެ ދޭ ސަޕޯޓް ވަރަށް ފުރިހަމަ އެވެ.

ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ގައުމީ ވޮލީ ޓީމުތަކަށް ސަޕޯޓް ދޭން އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ވަނީ އެ ޓީމެއްގެ ޖޯޒީގައި ގޮސް، ގައުމީ ވޮލީ ޓީމަށް ހިތްވަރު ދޭން ބައިވެރިވެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސަޕޯޓަރުންގެ ވާހަކަ ދައްކަން އެންމެ މުހިންމުވީ ރޭ ނިމުނު ފައިނަލު މެޗުގަ އެވެ. ފައިނަލު މެޗުގައި ދިވެހި ޓީމް ފަހަތަށް ވެއްޓިފައި އޮތް ދަނޑިވަޅުގައި އިންޑޯ ހޯލު ގުގުމަނުން ދިޔައީ ގައުމިއްޔަތުގެ ލޯބިންނެވެ. އެންމެން އެއްވެ އެ ދިން ސަޕޯޓަކީ ގައިން ހީބިހި ނަގާ ވަރުގެ ސަޕޯޓެކެވެ. ކުޅުންތެރިން ކޮންމެ ބޯޅައަކަށް ކަށިން ހިތްވަރު ނެރެން ލިބުނު އިތުރު ބާރެކެވެ. ހޯދާ ކޮންމެ ޕޮއިންޓަކަށް ފަހު މުޅި އިންޑޯ ކެކި އަރަނީ އެވެ.

ގައުމީ އަންހެން ޓީމުން ރޭ ދެއްކި ކުޅުމަކީ އެ ޓީމުން މިހާތަނަށް ކުޅުނު އެންމެ މޮޅު މެޗެވެ. ރެއަކީ ގައުމީ ޓީމަށް އެންމެ ބޮޑު ސަޕޯޓެއްވެސް އިންޑޯ ހޯލުން ފެނުނު ރެ އެވެ.

"ދުވަހަކުވެސް މިވަރުގެ ސަޕޯޓެއް ގައުމީ ޓީމަށް ނުލިބޭ. ކެރިއަރުގައި މިވަރުގެ ތަފާތު އިހުސާސެއް ނުކުރެވޭ" ގައުމީ ޓީމްގެ ކެޕްޓަން ހައްވަ ބުންޏެވެ.

ގައުމީ ޓީމަށް މެޗުގެ ކޮންމެ ޕޮއިންޓެއް ހޯދުމުގައި އެ ސަޕޯޓު މުހިންމުވީ ގޮތަށް ސިންގަޕޫރު ޓީމަށްވެސް އެ ސަޕޯޓުވީ އުނދަގުލަކަށެވެ. އެ ކުޅުންތެރިން ޕްރެޝަރަށް ދިޔަ ބޮޑު ސަބަބަކަށެވެ. އެޓީމުން އެތައް ސާވިސް އެއް ބޭކާރުކޮށްލީ ވަށައިގެންތިބި ސަޕޯޓުގެ ހަޅޭކުގެ އަޑާއެކުގަ އެވެ. މިކަން އިދިކޮޅު ޓީމްގެ ކޯޗުވެސް ފާހަގަކުރި އެވެ.

"ތިން ވަނަ ސެޓުގައި ރާއްޖެއިން ލީޑު ނެގި ދަނޑިވަޅުގައި އަހަންނަށް ޓީމަށް ހަމަޖެހިލަން ބުނެލަންވެސް ފުރުސަތެއް ނުލިބުނު. އެހާވެސް ސަޕޯޓަރުންގެ އަޑުގަދަ. ޓައިމްއައުޓް ނަގައިންވެސް ރަނގަޅަށް ކިޔައިނުދެވޭ އަޑުގަދަކަމުން. އަހަރެންގެ ޓީމްގެ ކުދިން ތިބީ ބިރުން. މިވަރުގެ ސަޕޯޓެއް އެކުދިންނަށް ދުވަހަކުވެސް ނުފެނޭ. ސަޕޯޓަރުންގެ ފައިދާ ދިވެހި ޓީމަށް ވަރަށް ބޮޑަށް ކުރި." ސިންގަޕޫރުގެ ކޯޗު ފޮސީޓާ ސުންޓޮން ބުންޏެވެ.

އެއް ކުޅިވަރެއްގެ މެޗު ކުޅޭއިރު ގައުމީ އެހެން ޓީމްތަކުން ނިކުމެ ހިތްވަރު ދިނުމަކީ މިހާރު އާންމު ކަމެކެވެ. މިކަން އެންމެ ބޮޑަށް މިހާރު ފާހަގަވަނީ ބައިނަލްއަގްވާމީ ގޭމްސްތަކުންނެވެ. މިހާތަނަށް ގޭމްސް އަކުން އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި 2019ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައިވެސް ގައުމީ ޓީމްތަކުން ދެއްކީ ތަފާތު ހިތްވަރެކެވެ.

މޮރިޝަސްގައި ކުރިއަށްދިޔަ ޓޭބަލް ޓެނިހުގެ ގައުމީ ޓީމުން ރަން މެޑަލްތައް ހޯދިއިރު، އެ ގައުމުގެ ސަޕޯޓަރުންގެ އަޑަށް ވުރެ ރާއްޖޭގެ އެތުލީޓުން ތަފާތު ދެއްކި އެވެ. މޮރިޝަސްގެ ސަޕޯޓަރުންގެ އަޑު ދުންމާރިއަށް ވުރެ ދިވެހިންގެ ޖޯޝާއި ފޯރި ތަފާތުވި އެވެ. ޓީޓީ ފައިނަލަށް ފަހު ލިބުނު ރަން މެޑަލްގެ އުފާފާޅުކުރީ ގައުމީ ޓީމްތަކުން އެއް އަޑެއްގައި ގައުމީ ލަވަ ކިޔައި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

އެ ފަަހަރު، އައިއޯއައިޖީގެ ބީޗް ވޮލީ ފައިނަލާއި، ބެޑްމިންޓަން ފައިނަލުގައި ވެސް ފެނުނީ ހަމަ އެއްވަރެއްގެ ފޯރިއެކެވެ.

ނޭޕާލުގައި 2019 އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސް އާއި 2022 ގައި މާލޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕާއި، ސައުތު އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވެސް އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމްތަކުން މި ތަފާތު ދެއްކި އެވެ.

ގައުމީ ޓީމުތަކަށް ބޭނުން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެހެން ކުޅިވަރުތަކުން ސަޕޯޓް ދައްކަނީ ހަމައެކަނި ސޯޝަލް މީޑިއާއަށް ދޫކޮށްލާ ޕޯސްޓަކުން ނުވަތަ ޝޭއާ ކޮށްލާ ލިޔުންކޮޅަކުން ނޫނެވެ. މެޗުތަކަށް ހާޒިރުވެ އެ މެޗުތަކުގައި ގައުމީ ޖޯޝު އެ ދައްކައިދެނީ އެންމެ ފުރިހަމައަށެވެ. މުހިންމު ހުރިހާ ދަނޑިވަޅެއްގައި ޓީމާ ބޭނުންވާ ހިތްވަރާއި ފޯރި ސަޕޯޓަރުން ނެރެދިންވެ. މިގައުމު އެ ޓީމަށް ފަހުރުވެރިވާކަން ސަޕޯޓަރުން ދައްކައިދިނެވެ.