Advertisement

ރާއްޖޭގައި ވޮލީބޯޅަ އަށް ލޯބި ފެނިއްޖެ، ބަލިވުމުގެ ޒިންމާ ނަގަން: ވެލޯސޯ

27 ފެބުރުވަރީ 2023 - 09:50 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު ސާޖިއޯ ވެލޯސޯ: ފޯ ނޭޝަންސް ކަޕްގެ ނަތީޖާގެ ޒިންމާ ނަގާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގައި ވޮލީބޯޅަ އަށް ލޯބި ފެނިއްޖެ، ބަލިވުމުގެ ޒިންމާ ނަގަން: ވެލޯސޯ

27 ފެބުރުވަރީ 2023 - 09:50 0

ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލުން ބަލިވެ، މުބާރާތުން ކެޓިޔަސް ގައުމީ ފިރިހެން ވޮލީ ޓީމުން ކުރިއެރުން ފެނިގެންދިޔަ ކަމަށާއި، މި ޓީމަކީ ކުރިމަގަަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނެފި އެވެ.

ސެމީ ފައިނަލުގައި މެލޭޝިއާ އަތުން ބަލިވެ ރާއްޖޭގެ ފިރިހެން ޓީމަށް ވަނީ ފޯ ނޭޝަންސް ކަޕް ނިމިފަ އެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ތިން މެޗު ކުޅުނުއިރު މޮޅުވީ އެއް މެޗުންނެވެ. އެއީ ސިންގަޕޫރު އަތުންނެވެ. ބަލިވީ އަފްގާނިސްތާނާއި މެލޭޝިއާ އަތުންނެވެ. ސެމީ ފައިނަލުގައި މެލޭޝިއާ އަތުން ރޭ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ސެމީ ފައިނަލް މެޗަށް ފަހު ވެލޯސޯ ބުނީ މެޗުގައި މެލޭޝިއާގެ ތަފާތަކަށްވީ ހަމަޖެހިލައިގެން ކުޅެން އުޅެ އަމިއްލަ މިސްޓޭކް މަދުކުރުން ކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިން ފެނުނީ ސާވިސްތަކުގައި ވެސް މާ ބޮޑަށް އަވަސް އަރުވާލައިގެން ކުޅެން އުޅުނުތަން ކަމަށެވެ.

މި މެޗަކީ މުޅި ޓީމަށް ބޮޑު ތަޖުރިބާއެއް ކަމަށާއި، ގިނަ ކަންކަން ކުޅުންތެރިންނަށް މި މުބާރާތުގެ ތެރެއިން ދަސްވާނެ ކަމަށް ވެލޯސޯ ގަބޫލުކުރެ އެވެ.

ވެލޯސޯ ބުނީ ރާއްޖޭގެ މީހުން ވޮލީބޯޅަ އަށް ލޯބި ކުރާ މިންވަރު އޭނާ އަށް މި މުބާރާތުގެ ތެރެއިން ފެނިއްޖެ ކަމަށާއި، މިއީ އާ ފެށުމެއް ކަމަށް ބަލައި މި ޓީމާ އެކު އެންމެން ކުރިއަށްދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކުރިން ބަހްރޭން ޓީމަށް ކޯޗުކޮށްދިން ވެލޯސޯ ވަނީ ޓީމަށް ހިތްވަރުދިން ހުރިހާ ސަޕޯޓަރުން ދިން ސަޕޯޓް ފާހަގަކޮށް އެ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

"މިއީ ރަނގަޅު ފިލާވަޅެއް. ދެ ޓީމުގެ ތަފާތަކީ ބާރު އެޓޭކު ނުވަތަ ހުނަރެއް ނޫން. މިސްޓޭކްތައް ގިނަ ޓީމް އެ ބަލިވީ. އެކަކުވެސް ބޭނުން ނުވާނެ ބަލިވާކަށް. އެކަމަކު މިރޭ ކަންތައް ދިމާވިގޮތް މިއީ. އަހަރެން ގަބޫލުކުރަނީ މިއީ ފެށުމެއްކަމަށް. މިއީ ހަމަ ރަނގަޅު ފިލާވަޅުތަކެއް ކުޅުންތެރިންނަށް ލިބޭނެ މުބާރާތެއް" ގައުމީ ފިރިހެން ޓީމާ އެކު ފުރަތަމަ މުބާާރާތުގެ ތަޖުރިބާ އަށް އިޝާރާތްކޮށް ވެލޯސޯ ބުންޏެވެ.

ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަން ފާހަގަކޮށް ކޯޗު ވެލޯސޯ ބުނީ މި ޓީމުގައި އުއްމީދީ ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ބޭނުންވަނީ މި ކަހަލަ ރަނގަޅު ފުރުސަތުތައް ކަން ފާހަގަކޮށް، ވެލޯސޯ ބުނީ މި ކަހަލަ މާހައުލެއްގައި ކުޅޭ ބައިނަލްއަގްވާމީ ކޮންމެ މެޗަކީ އެ ކުދިންނަށް ގިނަ ކަންތައްތައް ދަސްވާނެ ކަމެއް ކަމަށެވެ.

މި ޕްރެޝަރަށް އަލެއް ނޫން، ރާއްޖޭގެ ސަޕޯޓަރުން ގިނަވުމުން މެލޭޝިއާ އަށް ލިބުނީ ހިތްވަރު

ފޯ ނޭޝަންސް ކަޕްގެ ފައިނަލުން ޖާގަ ހޯދުމަށް ފަހު މެލޭޝިއާގެ ކޯޗު ސައިމަން މުހައްމަދު ބުނީ ރާއްޖޭގައި މުބާރާތް މި ކުޅުނު މާހައުލާއި ސަޕޯޓަރުންނަށް ބަލާއިރު މި ފެނުނީ އެގައުމުގައި ކުޅޭ މެޗުތަކާ ވަަރަށް އެއްގޮތް ކަންތައްތަކެއް ކަމަށެވެ.

މި ކަހަލަ މާހައުލެއްގައި ޕްރެޝަރު މެޗު ކުޅެން އެ ޓީމް އަލެއް ނުވާނެ ކަމަށް ސައިމަން ވަނީ ބުނެފަ އެވެ.

ޓީމްގެ ކުޅުންތެރިން އިތުބާރާ އެކު ކުޅުމުގެ އެންމެ ބޮޑު އެއް ސިއްރަކީވެސް އެއީ ކަން ފާހަގަކޮށް، ސަމްސައިމަން ބުނީ ދިވެހި ސަޕޯޓަރުންގެ އަޑުގަދަކުރަން ބޭނުން ކުރާ ބެރާއި ސަޕޯޓުކުރުމުގެ ވައްޓަފާޅި ވެސް މެލޭޝިއާގައި ފެންނަ މާހައުލާ ވަރަށް އެއްގޮތް ކަމަށާއި، އެހެންކަމުން ކުޅުންތެރިންނަށް މެޗުގެ ތެރެއިން ވެސް ލިބުނީ އާ ހިތްވަރެއް ކަމަށެވެ.

"ސަޕޯޓަރުން ގިނަވީމަ އަހަރުމެންނަށް ލިބުނީ ހިތްވަރު. މި ގޮތަށް މެލޭޝިއާގައިވެސް ސަޕޯޓް އޮންނަނީ. މިއުޒިކް ޖެހުމާ ބެރު ޖެހުމާ ކަންކަން އޮވޭ. އެހެންވެ ކުޅުންތެރިން ކުޅުނީ ވަރަށް ހަމަޖެހިލައިގެން އިތުބާރާއެ ކު" ސައިމަން ބުންޏެވެ.

އޭނާ ބުނީ މި މުބާރާތަށް އެޓީމުން މަހެއްހާ ދުވަހު ތަމްރީން ހެދި ކަމަށާއި، އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށެވެ. ފައިނަލުގައި ސިންގަޕޫރު ބަލިކޮށް ތަށި ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މެލޭޝިއާ ޓީމްގެ މި އަހަރުގެ އެންމެ ބޮޑު އެއް ޓާގެޓަކީ އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަ "ސީ ގޭމްސް" ކަަމަށާއި، ފޯ ނޭޝަންސް ކަޕަކީ އެ މުބާރާތަށް ތައްޔާރުވާން ލިބުނު ރަނުގެ ފުރުސަތެކެވެ. އަދި މި މުބާރާތުން ރަން މެޑަލް ލިބިއްޖެ ނަމަ ތައްޔާރީތައް އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް މެލޭޝިއާ ޓީމުން ދެކެ އެވެ.

ސިންގަޕޫރާއި މެލޭޝިއާ ވާދަކުރާ ފޯ ނޭޝަންސް ކަޕްގެ ފިރިހެން ބައިގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 04:30 ގަ އެވެ.