Advertisement

ސަޕޯޓަރުން އާދޭ! ފައިނަލުގައި ވެސް ތަފާތުވާނެ: ކެޕްޓަން ހައްވަ

27 ފެބުރުވަރީ 2023 - 10:05 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އިއްޔެގެ މެޗުގެ ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވަ (ކ) ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސަޕޯޓަރުން އާދޭ! ފައިނަލުގައި ވެސް ތަފާތުވާނެ: ކެޕްޓަން ހައްވަ

27 ފެބުރުވަރީ 2023 - 10:05 0

ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލް މެޗު ކާމިޔާބު ކުރެވުނީ ވެސް ސަޕޯޓަރުންގެ ބޮޑު ހިއްސާއަކާ އެކު ކަމަށާއި، ފައިނަލު މެޗުގައި ވެސް ސަޕޯޓަރުންގެ އިތުރު ހިތްވަރެއް ޓީމަށް ދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.

ފޯ ނޭޝަންސް ކަޕްގެ ސެމީ ފައިނަލު މެޗުގައި އިއްޔެ މެލޭޝިއާ އަތުން 3-2 ސެޓުން ގައުމީ އަންހެން ވޮލީ ޓީމު މޮޅުވިއިރު، ސޯސަލް ސެންޓަރުގެ އިންޑޯ ހޯލު އޮތީ ފުރިފަ އެވެ. މިއީ ގައުމީ އަންހެން ޓީމުގެ މެޗަކަށް އެންމެ ގިނަ ސަޕޯޓަރުން ވަތް މެޗު ކަމަށް ވެސް ބުނެވިދާނެ އެވެ. ސަޕޯޓަރުންގެ އަދަދު ގިނަކަމުން އިންޑޯ ހޯލަށް އިތުރަށް މީހުންނަށް ނުވަދެވޭ ވަރަށް ހޯލުގެ ސަޕޯޓަރުންގެ ސަރަހައްދު އޮތީ ފުރިފަ އެވެ.

ގައުމީ ޓީމުގެ ކެޕްޓަން ހައްވަ ބުނީ ސެމީ މެޗު ކާމިޔާބު ކުރުމުގައި ސަޕޯޓަރުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، ފައިނަލު މެޗުގައި ވެސް މި ވަރުގެ ސަޕޯޓެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

އޭނާ ބުނީ ގައުމީ އަންހެން ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ހުނަރަށް ބަލާއިރު ތަފާތު މޮޅު ކުޅުންތެރިން ކަމަށާއި، ޓީމެއްގެ ގޮތުގައި މި ހުރިހާ ކުޅުންތެރިން ކުޅެފި ނަމަ ކޮންމެ މެޗެއްގައިވެސް ތަފާތު ފެންނާނެ ކަމަށެވެ.

ސެމީގައި މެލޭޝިއާ އަތުން މޮޅުވުމުގައި ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ދެއްކި ހިތްވަރު އޭނާ ފާހަގަކުރި އެވެ.

"ފައިނަލުގައި ވެސް އަޅުގަނޑު އެދެނީ ހަމަ މިތަން ރަތް ކުލައިން ފުރާލަން. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް 100 ޕަސެންޓް ދޭން ތައްޔާރަށް މި ތިބީ ފައިނަލްގައި" ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ގިނަ ފަހަރުތަކެއްގެ މަތިން ހޯދާފައިވާ ހައްވަ ބުންޏެވެ.

ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އައިޝަތު މާޖިދާ ވެސް ވަނީ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބުނު ހިތްވަރު ފާހަގަކޮށްފަ އެވެ. ފައިނަލުގައިވެސް އެ ސަޕޯޓު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް މާޖިދާ ބުންޏެވެ.

މެޗުގައި ޓީމުން ދެއްކި ކުޅުމާ ގުޅޭ ގޮތުން މާޖިދާ ބުނީ ފައިނަލުން ފުރުސަތު ހޯދޭނެ ކަމުގެ ޔަގީންކަން ޓީމަށް އޮތް ކަމަށާއި، ހުރިހާ ކުޅުންތެރިން އެކުގައި ކުރެވުނު މަސައްކަތުން އެކަން ކާމިޔާބުކުރެވުނީ ކަމަށެވެ.

"އެންމެންވެސް ވަރަށް ހިތްވަރުކޮށްގެން މި ކާމިޔާބީ މި ލިބުނީ. ހުރިހާ އެންމެން އެކުގައި ކުރި މަސައްކަތުގެ ނަތީޖާ މިއީ. ޓީމެއްގެ ގޮތުގައި އަހަރުމެންނަށް ކުޅެވިއްޖެއްޔާ ހަމަ ކާމިޔާބު ލިބޭނެ" މާޖިދާ ބުންޏެވެ.

ސެމީ މެޗުގައި އަންހެން ވޮލީ ޓީމުގެ އެންމެ ބޮޑު ތަފާތަކަށްވީ އަމިއްލަ އަށް ހެދޭ ގޯސްތައް މަދުކޮށް އެންމެން ޓީމެއްގެ ގޮތުގައި ކުޅެން ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރުން ކަމަށެވެ. އެ ގޮތުން ފައިނަލުގައި ވެސް މި ކުޅުން ތަކުރާރު ކުރެވެނޭ ކަމަށް އުއްމީދު ކުރާ ކަމަށް މާޖިދާ ވަނީ ބުނެފަ އެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އަމިއްލަ ފަސްގަނޑުގައި ކުޅޭ ބައިނަލްއަގުވާމީ ފުރަތަމަ ފައިނަލުގައި މިރޭ 20:30 ގައި ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.