27 ފެބުރުވަރީ 2023 - 10:16 0
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ނިޒާރު: އޭނާ ދެކޭގޮތުގައި ފައިނަލުގައި ކާމިޔާބު ހޯދަން ވެސް ޓީމު ތައްޔާރު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
27 ފެބުރުވަރީ 2023 - 10:16 0
ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި މިރޭ ސިންގަޕޫރާ ދެކޮޅަށް ނިކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބަލިވެފައި އޮންނަ ދަނޑިވަޅުގައި ވެސް މެޗުން މޮޅުވުމުގެ ރޫހު ޓީމުގައި އޮތުން ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ސިންގަޕޫރު ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް އެއް ވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލް/ޕްލޭ-އޮފްގައި އިއްޔެ ހަވީރު މެލޭޝިއާއާ ވާދަކޮށް 3-2 ސެޓުން މޮޅުވެ، ފައިނަލުން ފުރުސަތު ހޯދީ ރާއްޖެ އެވެ.
ފައިނަލް މެޗާއި ގުޅޭގޮތުން ސުވާލުކުރުމުން ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ ކޯޗު ނިޒާރު ބުނީ ގައުމީ ޓީމެއްގެ ހެޑު ކޯޗުގެ ގޮތުގައި އޭނާ ނުކުތް ފުރަތަމަ މުބާރާތުގައި ވެސް ފައިނަލުން ފުރުސަތު ލިބުމަކީ ވެސް ބޮޑު ކާމިޔާބެއް ކަމަށެވެ. އެހެންނަމަވެސް. އަމާޒަކީ ރަން މެޑަލް ކަން ފާހަގަކޮށް ނިޒާރު ބުނީ ރަން މެޑަލް ހޯދަން މުޅި ޓީމް ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށެވެ.
ފިރިހެން ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މީގެ ކުރިން މަސައްކަތް ކުރި ނިޒާރު ބުނީ ފައިނަލަށް ނިކުންނައިރު އެންމެ ބޮޑު ހިތްހަމެޖެހުމަކީ ކޮންމެ ޕޮއިންޓަކަށް ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ. ޑިފެންސްގައި ވަކިން ހާއްސަކޮށް ކުޅުންތެރިން އެ ނެރޭ ހިތްވަރަކީ ފައިނަލަށް ނިކުންނައިރު، ނިޒާރަށް އޮތް އެންމެ ބޮޑު އިތުބާރު ކަމަށެވެ. މި ހުރިހާ ކަމަށް ބަލާއިރު، ޓީމުގެ ތެރޭގައި މޮޅުވުމުގެ ރޫހު އޮތް މިންވަރު ފެންނަ ކަމަށާއި ފައިނަލުގައި ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރެވޭ ކަމަށް ނިޒާރު ވަނީ ބުނެފަ އެވެ.
"އަސްލު ވަރަށް ބޮޑު އިތުބާރެއް އޮވޭ ކުދިންނަށް. އަބަދުވެސް އެންމެން ގާތު ބުނަނީ އެ އެފޯޓު ލާށޭ ނަތީޖާ ފެންނާނެ އޭ. ކޮންމެ ޕޮއިންޓަކަށް އެ އެފަޓް އެބަލާ ޑިފެންސްގަވެސް އެޓޭކުގަވެސް. އެއީ ހަމަ ކޯޗަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ނިޒާރު ބުންޏެވެ.
ސެމީ ފައިނަލު މެޗުގައި ޓީމުން ދެއްކި ކުޅުން ފާހަގަކޮށް ނިޒާރު ބުނީ އެ މެޗުގައި ފެނުނީ ޕްރެކްޓިސް ތަކުގައި ޓީމުން ކުޅުނު ގޭމު ކަމަށާއި، މިއީ ޓީމުން ކުޅެންވީ ގޮތް ކަމަށެވެ. އަމިއްލަ އަށް ހެދޭ ގޯސްތައް މަދުކޮށް މިގޮތަށް ކުޅެވިއްޖެ ނަމަ ސިންގަޕޫރަށް ވެސް ފައިނަލުގައި ރާއްޖެ އަތުން މޮޅުވާން ފަސޭހަ ނުވާނެ ކަމަށް ނިޒާރު ވަނީ ބުނެފަ އެވެ.
"ސެމީ މެޗުގައި މި ފެނުނީ އަސްލު ކުޅުން. އަހަރުމެންގެ އަސްލު ގޭމް. ޕްރެކްޓިސް ކުރި ގޮތަށް މި ކުޅުނީ، މިއީ އަސްލު އަހަރުމެން ކުޅެންވީ ގޮތަކީ. އަނެއްކާ މިރޭ މިސްޓޭކްތައް މަދު. އެހެންވީމަވެސް އެ ތަފާތު ފެނުނު. ވަރަށް ހިތްހަމަޖެހިފައި މިހިރީ ޓީމުން ދެއްކި ކުޅުމާމެދު" ނިޒާރު ބުންޏެވެ.
ނިޒާރު ބުނީ ޓީމްގަ ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަންވެސް އެބަހުރި ކަމަށާއި، މެޗަކަށް ފަހު މެޗެއް އެކަންކަން ރަނގަޅުވަމުން އަންނަ ކަމަށެވެ.
ގައުމީ ޓީމަށް ސެމީ ފައިނަލު މެޗުގައި ލިބުނު ސަޕޯޓް ފާހަގަކޮށް ނިޒާރު ބުނީ ޓީމުގެ ހަތް ވަނަ ކުޅުންތެރިޔާގެ އެހީތެރިކަން ޓީމަށް ލިބުމަކީ ބަލިވާން ދާ ދަނޑިވަޅުގައި ލިބޭ ހިތްވަރެއް ކަމަށެވެ.
ސަޕޯޓަރުންގެ ސަޕޯޓް އަބަދުވެސް ޓީމަށް ބޭނުންވާ ކަމަށް އިޝާރާތްކޮށް ނިޒާރު ބުނީ މިހާ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ އެކަމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ޕްރެޝަރާ ކުރިމަތިވާ ކަމަށާއި އެކަމަކު، ޕޮޒިޓިވްކޮށް ނަގައިގެން ކުޅުންތެރިން މަސައްކަތް ކުރާތީ އުފާ ކުރާ ކަމަށެވެ.
ސެމީ ފައިނަލް މެޗާ ލީގު މެޗުގައި ޓީމުން ދެއްކި ކުޅުމަށް ބަލާއިރު ކޯޗު ނިޒާރު ވަނީ ލިބޭ ފުރުސަތުތަކުގައި ބެންޗުން އަރާ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުންވެސް ފާހަގަކޮށްފަ އެވެ.
އަންހެން ވޮލީ ޓީމު ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި މިރޭ ސިންގަޕޫރާ ކުޅޭ މެޗު އޮންނާނީ 20:30 ގައި ސޯޝަލް ސެންޓަރު އިންޑޯ ހޯލުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment