26 ފެބުރުވަރީ 2023 - 14:19 0
މުހައްމަދު އުޝާމް
ބަންގްލަދޭޝްގެ ލިޓަން މަރާލި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ނާޒިމް
26 ފެބުރުވަރީ 2023 - 14:19 0
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގެއްލުނު މުހައްމަދު ލިޓަންގެ ހަށިގަނޑު އަދި ނުފެނުނު ނަމަވެސް އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރާ މުހައްމަދު ނިޒާމުގެ މައްޗަށް ލިޓަން މަރާލުމުގެ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާގެ އިތުރަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާއަކާއި ވައްކަން ކުރުމުގެ ދައުވާއެއް ވަނީ އުފުލައިފަ އެވެ.
ކުރިން ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި ކުދި ވައްކަމާއި ފޭރުމުގެ ރެކޯޑު އޮތް ނިޒާމުގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ އުފުލި އަސާސާ ގުޅޭ ގޮތުން ގިނަ ނޫސްވެރިން ސުވާލުކުރި އެވެ. އެ ގޮތުން ލިޓަންގެ ހަށިގަނޑު ނުފެންނަނީސް މަރާލި ކަމަށް ކަނޑައެޅޭނެ ގާނޫނީ ހަމަތަކާ ގުޅޭ ގޮތުން ސުވާލުކުރި އެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާގެ ބަދަލުގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލި ސަބަބަކީ ވެސް، މީހަކު މަރާލާން ކުރަން ޖެހޭ ކަންކަން ކުރިކަން ސާބިތުކޮށްގެން ދައުވާ ސާބިތުކުރެވޭނެތީ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ބައެއް ގަޒިއްޔާތަކަށް ރިއާޔަތްކުރާއިރު އެ ގޮތަށް ދައުވާ ސާބިތުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ލިޓަންއާ މެދު ކަންތައް ކުރި ގޮތުގެ ބައެއް ވާހަކަތައް ނިޒާމު ތަހުގީގަށް ކިޔައިދީފައިވާ ކަމަށާއި ސީސީޓީވީ ފުޓޭޖުތަކުން ވެސް ލިޓަން ގެއްލުވާލަން މަސައްކަތް ކޮށްފައިވާ ކަން ވެސް އެނގެން އޮތް ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެހެންކަމުން، ލިބިފައި ހުރި ހެކިތަކުން މައްސަލަ ސާބިތުވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން، 35، އަދި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް ގެއްލިގެން ހޯދަން ފެށީ ޑިސެމްބަރު 28، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ.
ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
އޭގެ ފަހުން މާލޭ ގެސްޓްހައުސް އަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ. ނިޒާމް އަދިވެސް ބަންދުގައި ހުރި އިރު، އޭނާ ހައްޔަރުކުރީ ލިޓަންގެ މަރުގެ މައްސަލައިގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓްކުރިތާ ހަތަރު ދުވަސް ފަހުން ވ. އަތޮޅު ވެމްޕަރު ފަޅުތެރެއިން އިންސާނެއްގެ ހަށިގަނޑު ފެނުނެވެ. އެއީ ލިޓަންގެ ހަށިގަނޑު ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ހަށިގަނޑު ތަހުލީލުކުރުމަށް ފަހު ފުލުހުން ވަނީ އެއީ ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ބުނެފަ އެވެ.
Comment