25 ފެބުރުވަރީ 2023 - 13:17 0
ގައުމީ ބެޑްމިންޓަން ޓީމުގެ އަޖުފާން، އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
25 ފެބުރުވަރީ 2023 - 13:17 0
ޔޫގާންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖުގެ ޑަބަލްސް އިވެންޓްގެ ގަދަ 16 އިން ރާއްޖޭގެ ހުރިހާ ޕެއާތަކެއް ކަޓައިފި އެވެ.
މި މަހުގެ 22 ގައި ފެށި މުބާރާތުގެ ފިރިހެން ޑަބަލްސް ބައިގެ ގަދަ 16 އިން އަހުމަދު ތޯއިފް އާއި ޒަޔާން ޒަކީގެ ޕެއާ އަދި މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ކެޓިއިރު، އަންހެން ޑަބަލްސްގެ ގަދަ 16 އިން އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ވެސް ވަނީ ކަޓައިފަ އެވެ.
ފިރިހެން ޑަބަލްސްގައި އެންމެ ވާދަވެރިކޮށް ފެނުނީ ނިބާލް އާއި އަޖުފާން ކުޅުނު މެޗެވެ. މޮރީޝަސްގެ ލޫކަސް ޑޫޝް އާއި ކެމްޓިޝް ރާއީގެ ޕެއާ އާ ވާދަކޮށް ރާއްޖޭގެ ޓީމަށް މެޗު ގެއްލުނީ 24-22، 21-19 އިންނެވެ. ފުރަތަމަ ބުރުގައި ނިބާލް އާއި އަޖުފާން މޮޅުވީ ޔުގަންޑާ ޕެއާ އެއް އަތުންނެވެ.
ޒަޔާން އާއި ތޯއިފް ބަލިވީ މުބާރާތުގެ ތިން ވަނަ އަށް ސީޑުކޮށްފައިވާ އަޒަރުބައިޖާންގެ ޕެއާއެއް ކަމަށްވާ ރެސްކީ ޑްވިކާހިއޯ އާއި އަޒްމީ ކޮވިމުރަމާދޯނީގެ ޕެއާ އަތުންނެވެ. މެޗުގެ ސެޓުތައް އަޒަރުބައިޖާނުން ގެންދިޔައީ 21-12، 21-11 އިންނެވެ.
އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ބަލިވީ މުބާރާތުގެ އެއް ވަނަ ސީޑު އިޓަލީގެ މާޓީނާ ކޯސީނީ އާއި ޖުދީތު މާއީއާގެ ޕެއާ އަތުން 21-15، 21-17 އިންނެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓަށް ބަލާއިރު، ނަބާހާ އާއި ޒަޔާންގެ ޕެއާ ބަލިވީ ފުރަތަމަ ބުރުންނެވެ. މި ދެ ކުޅުންތެރިން ބަލިވީ ބަލްގޭރިއާގެ އިލްޔާން ސްޓޮއިނޯފް އާއި ރިސްޓޯމިރާ ޕޮޕޯވްސްކާގެ ޕެއާ އަތުން 2-1 ސެޓުން ނެވެ. ސެޓުތައް ދިޔައީ 14-21، 21-11 އަދި 21-11 އިންނެވެ.
ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖުގައި ރާއްޖެއިން ވާދަކުރި ކުޅުންތެރިންނަކީ އަޖުފާން، ނިބާލް، ތޯއިފް، ޒަޔާން، ނަބީހާ، ނަބާހާގެ އިތުރުން މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment