Advertisement

10 ބޯލް ޗެމްޕިއަންޝިޕްގެ ތަށިވެސް ހޯދީ ޝާޒް އާއި އަޒްރާ

25 ފެބުރުވަރީ 2023 - 13:10 0

10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޝާޒް (ކ) އާއި އަޒްރާ.-- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން


10 ބޯލް ޗެމްޕިއަންޝިޕްގެ ތަށިވެސް ހޯދީ ޝާޒް އާއި އަޒްރާ

25 ފެބުރުވަރީ 2023 - 13:10 0

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 10 ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ތަށި ހަސަން ޝާޒް މުހައްމަދު އާއި އާމިނަތު އަޒުރާ ހޯދައިފި އެވެ.

މި އަހަރުގެ ރޭންކިން ދެ ވަނަ މުބާރާތުގެ ޗެމްޕިއަންކަން ޝާޒް ހޯދީ ފައިނަލުގައި ހުސައިން ފަޔާޒު 11 ފްރޭމް 5 ފްރޭމުން ބަލިކޮށްގެންނެވެ. މި އަހަރުގެ ފުރަތަމަ ރޭންކިން މުބާރާތް ކަމަށްވާ 8 ބޯލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކުރީ ޝާޒު އެވެ. އެ ފަހަރު ޝާޒް ތަށި ހޯދީ އިސްމާއިލް ސުވެއިދު ބަލިކޮށްގެންނެވެ.

ރޭ ކުޅުނު 10 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރިން ކުޅުނު ވިނާސް ބްރެކެޓުގެ ކުއާޓާ ފައިނަލުގައި ފަޔާޒު އަތުން ޝާޒް ބަލިވި އެވެ. ފަޔާޒް ފައިނަލަށް ދިޔައީ ވިނާސް ފަޅީގެ ސެމީ ފައިނަލުގައި އަހުސަން ހާޝިމް ބަލިކޮށްގެންނެވެ. ބަލި ފަޅިން ސެމީ ފައިނަލުގައި އަހުސަން ބަލިކުރީ ޝާޒު އެވެ. ޝާޒު އެ މެޗު ކާމިޔާބުކުރީ 9-3 ފްރޭމުންނެވެ.

މުބާރާތުގެ ފިރިހެން ބައިގެ ތިން ވަނަ ލިބުނީ އަހުސަން އަށެވެ. ހަތަރު ވަނަ މުހައްމަދު ޝަރީފް (ކުޑަ ޝަރީ) އަށް ލިބުނުއިރު، އިސްމާއިލް ސުވައިދު އަށް ލިބުނީ ފަސް ވަނަ އެވެ. ގަދަ އަށެއްގައި ދެން ހިމެނެނީ މުހައްމަދު ދުންޔާޒް އާއި އިސްމާއިލް ޖީހާން އަދި މުހައްމަދު ސާހިލް ހަމީދު އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނަށް ބަލާއިރު އަންހެން ބައިގެ ތަށި ހޯދީ އާމިނަތު އަޒުރާ އެވެ. އޭނާ ފައިނަލުގައި މޮޅުވީ ފާތިމަތު ފާތީ އަތުން 7-2 ފްރޭމުންނެވެ. ފައިނަލުގެ ކުރިން ކުޅުނު ވިނާސް ކުއާޓާ ފައިނަލުގައި ވެސް އަޒުރާ ވަނީ ފަތީ ބަލިކޮށްފަ އެވެ.

އަންހެން ބައިގެ ތިން ވަނަ ލިބުނީ ދީނާ އަހުމަދު (ޖެރީ) އަށެވެ. ހަތަރު ވަނަ އައިޝަތު އަލީ އަށް ލިބުނުއިރު، ފަސް ވަނަ ހޯދީ އާމިނަތު ހަލީމް (ދިލް) އެވެ. ގަދަ އަށެއްގައި ދެން ހިމެނެނީ ފަގީހާ އިބްރާހިމް، ފަސްނާ މޫސާ، އަދި ނަޝްފާ ނާޝީދު އެވެ.

މި އަހަރުގެ ބިލިއާޑް ރޭންކިން މުބާރާތްތައް ކައިރި ކައިރީގައި ބާއްވަމުން އަންނައިރު މިހާރު އެސޯސިއޭޝަނުން އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަނީ އަންނަ އޭޕްރީލް މަހުގެ 22-26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޯޕަން 2022 އަށެވެ. މިއީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ.