Advertisement

ރޯދައިގެ ފުރިހަމަ ސިއްހީ ފައިދާ ހޯދަން މިހާރު ތައްޔާރުވޭ

25 ފެބުރުވަރީ 2023 - 07:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރޯދަ މަހު ހާރު ކާ ވަގުތު އަދި ރޯދަ ވީއްލާ ވަގުތު ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހިމެނުން މުހިއްމު.


ރޯދައިގެ ފުރިހަމަ ސިއްހީ ފައިދާ ހޯދަން މިހާރު ތައްޔާރުވޭ

25 ފެބުރުވަރީ 2023 - 07:58 0

މި އަހަރުގެ ރޯދަ މަސް ފަށަން މިހާރު އޮތީ މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެކެވެ. ކެއުން ބުއިމުގެ އާދައަށް އަންނަ ކުއްލި ބަދަލާ އެކު ރޯދަ މަހުގައި ސިއްހީ ގޮތުން ގިނަ ގޮންޖެހުންތައް ބައެއް ފަހަރު މީހުންނަށް ދިމާވެ އެވެ. މާ ބޮޑަށް ބަރުދަން އިތުރުވުމާއި، ގޭހުގެ އުނދަގުލާއި، ހަކުރާއި، ލޭގެ ޕްރެޝަރުގެ މައްސަލަތައް ފާހަގަކުރެ އެވެ. ތަޖުރިބާކަރުން ލަފާދޭ ގޮތުގައި ސިއްހީ ގޮންޖެހުންތަކަށް ފަރުވާތެރިވެ އެންމެ ލުއި ފަސޭހަކޮށް ރޯދަ މަސް ކުރިއަށް ގެންދެވޭނީ ކުރީ ބައިގައި ތައްޔާރުވެގެންނެވެ.

ޑޮކްޓަރުން ލަފާ ދޭ އެންމެ ބޮޑު އެއް ކަމަކީ ކެފެއިން ކޮންޓްރޯލް ކުރުމެވެ. މަސައްކަތުގައި އަވަދިނެތި ދުވަސްތައް ހޭދަކުރާ އިރު، ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރެވެނީ ގިނައިން ހަކަތަ ހޯދައި ސަމާލުކަން އިތުރު ކުރުމަށެވެ. އެހެން ނަމަވެސް، ކެފެއިންގެ ސަބަބުން ހަށިގަނޑުން ފެންމަދުވެ ނުވަތަ "ޑީހައިޑްރޭޓްވެ" އެވެ. ޑޮކްޓަރުންގެ ލަފައަކީ ރޯދައިގެ ކުރިން އެކަމަށް ސަމާލުވެ، ކޮފީ ބުއިން މަދު ކުރުމެވެ.

ރޯދަ މަހު ކެއުމުގައި ޕޯޝަން ކޮންޓްރޯލް ކުރުން މުހިއްމު.


އޭގެ އިތުރުން ގިނައިން ފެނާއި ދިޔާ ތަކެތި ބުއިމާއި، ކާތަކެތީގެ ޕޯޝަން ކޮންޓްރޯލް ކުރުމާއި، ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ތަކެތި އިހްތިޔާރު ކުރުން ފަދަ އާދަތައް މިހާރު ފެށުން ބުއްދިވެރި އެވެ. ރޯދަ މަހަކީ ބޭކާރު ސަރުބީތައް ވިރުވާލައި، ބަރުދަން ހަމައަކަށް އަޅުވައި، ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. ތަޖުރިބާކާރުން ލަފާދެނީ ސިއްހަތަށް ފައިދާ ހުރި ކެއުންތައް ކުރީބައިގައި ރާވައި، ރޯދަ މަހު ވެސް ހަރަކާތްތެރިކޮށް އުޅުމަށެވެ.

ރޯދަ މަހު ހަށިގަނޑަށް ގިނައިން ދިޔާ ތަކެތި ބޭނުންވެ އެވެ. ފެނާއި، ހަކުރު ނާޅައި ތާޒާ މޭވާގެ ޖޫހާއި، ކިރުގެ ބާވަތްތައް އަދި އިންފިއުޒްކޮށްފައި ހުންނަ ފެނުން ފައިދާތައް ލިބެ އެވެ. ބަރުދަން ލުއިކުރަން ވިސްނާ ނަމަ، ރޯދަ މަހު ގިނައިން ދިޔާ ތަކެތި ބޮވޭނެ ގޮތްތައް މިހާރުން ފެށިގެން ރާވާށެވެ. ހަކުރު އަޅާފައި ހުންނަ ފަނީގެ ބާވަތްތަކުގެ ބަދަލުގައި ކިޔުކަންބާ، ލެޓިޔުސް، ކަރާ، ޕީޗް، އާފަލު އަދި ޓޮމާޓޯ ފަދަ ފައިދާ ހުރި އެއްޗަކުން އިންފިއުޒްކޮށްފައި ހުރި ފެން ހިޔާރު ކުރާށެވެ.

އިންފިއުޒްކޮށްފައި ހުރި ފެން.


ރޯދަ ވީއްލާ ގަޑި އާއި ހާރު ކާ ގަޑީގައި ހުރިހާ ބާވަތްތަކެއް ހިމެނުން މުހިއްމެވެ. އެގޮތުން ހޯލް ގްރެއިން، އެކި ބާވަތްތަކުގެ ބީންސް، މުގު، ނަޓްސް، މޭވާ އާއި ތަރުކާރީ ހިމަނާށެވެ. މިހާރުން ފެށިގެން ކެއްކުމުގައި ދުޅަހެޔޮ ގޮތްތައް ހިޔާރު ކުރާށެވެ. އެގޮތުން ތެއްލުމުގެ ބަދަލުގައި ގްރިލްކޮށް، ފިހެ އަދި އެއާފްރަޔާ ބޭނުންކުރެވިދާނެ އެވެ. ޑެއިރީ ނުވަތަ ކިރުގެ ބާވަތްތައް ބޭނުންކޮށްގެން ކައްކާ އިރު، ލޯފެޓް އިހްތިޔާރް ކުރާށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑު "ރީބޫޓުކޮށް" "ޓޮކްސިންސް" ނުވަތަ ވިހަ މާއްދާތައް ނައްތާލަން އެހީވެދެ އެވެ. ސިއްހަތަށް ގެއްލުން ހުރި ފެޓް އަދި ކެންސަރަށް މަގުފަހިވާ ކެމިކަލްތައް ހަށިގަނޑުން ދުއްވާލަން ރޯދަ ބޮޑު ދައުރެއް އަދާކުރެ އެވެ. އެކަމަކު ރޯދައިގެ ސަބަބުން ލިބޭ ސިއްހީ ފަައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދޭނީ ކެއުން ބުއިމުގެ މެދުމިނުގައި ހިފަހައްޓައި، ދުޅަހެޔޮ އާދަތަކަށް މިހާރުން ފެށިގެން ހޭނިގެންނެވެ.