Advertisement

މާޒިޔާ ޓްރެއިނިން ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް

24 ފެބުރުވަރީ 2023 - 11:53 0

މާޒިޔާގެ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން: އާ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި މާޒިޔާ އިން ވަނީ ތިން ވަނަ ފަހަރަށް ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދަން ނިންމާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މާޒިޔާ ޓްރެއިނިން ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް

24 ފެބުރުވަރީ 2023 - 11:53 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަަމަޖައްސައިދިން ފުރުސަތެއްގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ޓްރެއިނިން ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.

އެފްއޭއެމް އިން ދިން ފުރުސަތެއްގައި މާޒިޔާ އިން ވަނީ މީގެ ކުރިން، 2019 އާއި 2021 ވަނަ އަހަރު ވެސް ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފަ އެވެ.

މާޒިޔާގެ އިތުރުން ރާއްޖޭގެ ޓީމަކަށް ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކޮށްފައިވަނީ 2019 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް އެވެ. އެފްއޭއެމުން ދޭ ފުރުސަތުތަކުގައި ސައުދީ އަރަބިއްޔާ އަށް ދާ ޓީމުތަކަށް އުުމުރާގެ އަޅުކަން ފުރިހަމަ ކުރަން ފުރުސަތު ލިބެ އެވެ.

ސައުދީ އަރަބިއްޔާ އަށް ޓްރެއިނިން ކޭމްޕް ފުރުމުގެ ކުރިން މާލޭ ބަސް ޓާމިނަލްގައި މާޒިޔާގެ ސްކޮޑު ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ބައްސާމް އަދީލް ޖަލީލް/ ފޭސްބުކް


އާ ސީޒަނަށް ރާއްޖޭން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ޓީމަކީ މާޒިޔާ އެވެ. މާޒިިޔާ އަށް މި އަހަރު އިރުޝާދު ދޭނީ ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް އެވެ.

މާޒިޔާ އިން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނުވަ ކުޅުންތެރިއަކު އަލަށް ގެނެސްފަ އެވެ. އެއީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ސާބިއާގެ ސްޓެފަން މިހައިލޮވިޗް އާއި މިސްރުގެ ހަލީލް ޖަމާލްގެ އިތުރުން ކުރިން އީގަލްސް އިން ފެނުނު ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓް)، ވެލެންސިއާ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ފައިސަލް، ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ނިއު ރޭޑިއަންޓަށް ކުޅުނު އުންމީދީ ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ.

މި ފަހަރު ވެސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބިފައިވަނީ މާޒިޔާ އަށެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާނީ ރާއްޖޭގެ އީގަލްސް އެވެ. މާޒިޔާ އަށް ފަހު، ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުން ޕްރެކްޓިސް ކުރިއަށްގެންދާ ހަމައެކަނި ކްލަބަކީ އީގަލްސް އެވެ.