Advertisement

މެއި 6، ރެކަމެންޑޭޝަންތަކާ ގުޅޭގޮތުން 241 ކޮމިޓީން ރައީސް އޮފީހާ ބައްދަލުކުރަނީ

24 ފެބުރުވަރީ 2023 - 10:24 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިދިޔަ ހަފްތާގައި ބޭއްވި 241 ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ރިކޮމެންޑޭޝަންތަކާ ގުޅިގެން ރައީސް އޮފީހާ ބައްދަލުކުރުމަށް ނިންމި-- ފޮޓޯ: މަޖިލިސް


މެއި 6، ރެކަމެންޑޭޝަންތަކާ ގުޅޭގޮތުން 241 ކޮމިޓީން ރައީސް އޮފީހާ ބައްދަލުކުރަނީ

24 ފެބުރުވަރީ 2023 - 10:24 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނެރުނު ރިޕޯޓުގައި މުއައްސަސާތަކުން އަމަލުކުރަން ލަފާދިން ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ރައީސް އޮފީހާ ބައްދަލު ކުރަން އެ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކޮމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިމިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓިގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރެކޮމެންޑޭޝަންތަކާ ގުޅޭ ރިޕޯޓެއް އެންމެ ފަހުން ރައީސް އޮފީހުން ހިއްސާ ކޮށްފައިވަނީ ޖޫން 27، 2022 ގައި ކަމަށެވެ.

"އެ ހިސާބުން އަޅުގަނޑުމެން ރިސެސްއަށް ދިޔަ، އޭގެ ފަހުން މިދިޔަ އަހަރުގެ ފަހު ދައުރުގަ އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވިފައި އޮތީ،" އަސްލަމް ވިދާޅުވި އެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.