23 ފެބުރުވަރީ 2023 - 15:48 0
އަހުމަދު އާއިދު
ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްގެ މުހައްމަދު ލިޓަން -
23 ފެބުރުވަރީ 2023 - 15:48 0
މިދިޔަ މަހު ދެވަނަ ދުވަހު ވ. އަތޮޅު ކަނޑުން ފެނުނީ ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަންގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ކުރިން ފުލުހުން ވަނީ އެ ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑުކަން ކަށަވަރުކުރަން ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. ފުލުހުން މިއަދު ބުނީ އެ ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑު ނޫންކަން ކަށަވަރުވެފައިވާތީ, އެއީ އޮޔާ އެކު ރާއްޖެއިން ބޭރުން ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ފޯރާފައިވާ ހަށިގަނޑެއްތޯ ބެލުމަށް ބައިނަލްއަގުވާމީ ޕާޓްނަރުންނާ ވާހަކަ ދައްކަމުންދާ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ޕީޖީ އޮފީހުން ވަނީ ވ. އަތޮޅު ވެމްޕަރު ފަޅުކައިރިން ފެނުނީ ލިޓަންގެ ހަށިގަނޑުކަން ކަށަވަރު ނުވި ނަމަވެސް، އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރާ މުހައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ދައުވާ ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ލިޓަންގެ މަރުގެ މައްސަލަ މިހާރު އެ އޮފީހުން ވަނީ ބަލައިގަނެފަ އެވެ. އަދި އެ މައްސަލައިގައި ނިޒާމްގެ މައްޗަށް ކުރާނެ ދައުވާއެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން،35، އަދި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް ގެއްލިގެން ހޯދަން ފެށީ ޑިސެމްބަރު 228، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ.
އޭގެ ފަހުން ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
އޭގެ ފަހުން މާލޭ ގެސްޓްހައުސް އަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ. އަދިވެސް ނިޒާމް ބަންދުގައި ހުރި އިރު އޭނާ ހައްޔަރުކުރީ ލިޓަންގެ މަރުގެ މައްސަލައިގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުގެ ތެރޭގައި ހޯދުނު ނިޒާމްގެ ކުށުގެ ރެކޯޑު ދައްކާ ގޮތުން އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުމުގެ ގިނަ ރެކޯޑުތަކެއް ހުރި މީހެކެވެ.
Comment