Advertisement

ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ދިން މުއްދަތު ތިން މަހަށް އިތުރުކޮށްފި

23 ފެބުރުވަރީ 2023 - 13:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ މަގުމަތީގައި އޮތް ޓެކްސީއަކަށް ފަސިންޖަރުން އަރަނީ - ފޮޓޯ: އަދަދު ފައިލް


ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ދިން މުއްދަތު ތިން މަހަށް އިތުރުކޮށްފި

23 ފެބުރުވަރީ 2023 - 13:54 0

ރާއްޖޭގައި ޓެކްސީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް، ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ދިން މުއްދަތު ތިން މަހަށް އިތުރުކޮށްފި އެވެ.

މިދިޔަ އޮގަސްޓު މަހު އާންމުކުރި އެ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހު މިއަދު ގެޒެޓު ކޮށްފައިވާއިރު ގަވައިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ފަހުން ކަމަށް އެ އިސްލާހުގައިވެ އެވެ.

ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް ލުޔެއް ދިނުމުގެ މަގުސަދުގައި ގެނައި މި އިސްލާހުގައި ބުނެފައިވަނީ، ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެންޖެހޭނެ ކަމަށެވެ.

އަދި މިގޮތައް ކުރެވޭ ރެކޯޑިންތައް، ރެކޯޑުކުރެވޭ ތާރީހުން ފެށިގެން މަދުވެގެން ހަތް ދުވަސްވަންދެން ޓެކްސީ ސެންޓަރުގައި ބަހައްޓަންވާނެ ކަމަށާއި އެ ހަރުކޮށްފައި ހުންނަ ކެމެރާގެ ހާޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކާކުރެވޭނެހެން ހުންނަންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. އަދި ވީޑިއޯ ރިކޯޑުކުރާއިރު އަޑު ވެސް ރިކޯޑުކުރުމަށް ޓެކްސީ ޑްރައިވަރުންނަށް އަންގާފައިވެ އެވެ.

މީގެއިތުރުން، ޓެކްސީއަށް އަރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ރެކޯޑުކުރެވޭ ވީޑިއޯ އެހެން ޑިވައިސްއަކަށް އެޅުމާއި، އެހެން ފަރާތްތަކާ ހިއްސާކުރުން ވަނީ މި އިސްލާހުގެ ދަށުން މަނާކޮށްފަ އެވެ. އަދި ފަސިންޖަރުންނަށް ޓެކްސީގައި ކެމެރާ ހަރުކޮށް މަންޒަރު ރެކޯޑުކުރެވޭކަން އަންގަންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

ކެމެރާތަކުގެ އިތުރުން، ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އުޅަނދުގައި ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަވަރަށް ކަމަށެވެ.