Advertisement

އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޓެކްސީތަކުން ޕަސިންޖަރުން ބޭލޭ ގޮތް ހަދައިފި

10 ޑިސެންބަރު 2023 - 14:12 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލު ކައިރިން ޓެކްސީ މަޑުކުރާ ސަރަހައްދު ---- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޓެކްސީތަކުން ޕަސިންޖަރުން ބޭލޭ ގޮތް ހަދައިފި

10 ޑިސެންބަރު 2023 - 14:12 1

ޓެކްސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާމީހުން ބޭނުންވެއްޖެ ނަމަ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޓެކްސީ މަޑުކުރެވޭނެ ގޮތް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަމަޖައްސައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.

މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލަށް ދާ ޓެކްސީތަކަށް އެއާޕޯޓުގެ ބުރުޒު ކެފޭ ހުންނަ ސަރަހައްދާ ހަަމަޔަށް ދާންޖެހޭނެ އެވެ. އެ ސަރަހައްދުން "ޔޫ ޓާން" އެއް ނެގުމަށްފަހު ޕަސިންޖަރުން ބާލަން މަޑުކުރަންޖެހޭނީ ޑޮމެސްޓިކް ޓާމިނަލުގައި ކުރިން "މަރިޔާދު ކެފޭ" ހިންގި ތަނުގެ ކައިރިއަށެވެ.

ޕަސިންޖަރުން ބޭލުމަށްފަހު އެއާޕޯޓުން ދަތުރު ނަގާނަމަ ޓެކްސީތައް ދާންޖެހޭނީ މިހާރު ވެސް އޮންނަ ގޮތަށް އިންޓަނޭޝަނަލް ޓާމިނަލް ކައިރިން އެކަމަށް ހާއްސަ ކޮށްފައިވާ "ޕިކްއަޕް" ޕޮއިންޓަށެވެ.

މިބަދަލާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މިބަދަލަކީ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެ ކުންފުނީގެ މެނޭޖްމަންޓުން ނިންމި ނިންމުމެއްކަމަށެވެ.

އަދި މިބަދަލު ގެންނަން ނިންމާފައިވަނީ އެއާޕޯޓުގެ އޮޕަރޭޝަންގައި ބާރު ބޮޑުނުވާނެގޮތަށް ބަލައިގެންކަމަށާއި މިއޮޕަރޭޝަން މޮނީޓަކޮށް ޓެކްސީތަކަށް އެހީވުމުގައި ތިން ޕޮއިންޓަކުން އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެމްޑީ ޝަރީފް، އާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލު ކައިރިން ޓެކްސީ މަޑުކުރެވޭ އިންތިޒާމާ ބެހޭގޮތުން ވާހަކަދައްކަނީ ---- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޑޮމެސްޓިކް ޓާމިނަލުން ޕަސިންޖަރުން ނެގޭ ގޮތްވެސް ކުރިއަށް އޮތްތަނުގައި ހަދާނެ ކަމަށެވެ. އެކަން ކުރެވޭނީ ޑޮމެސްޓިކް ޓާމިނަލް މަގު އިތުރަށް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމަ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަން،" ޝަރީފް ވިދާޅުވި އެވެ.

މިބަދަލާއެކު އެއާޕޯޓަށް ދާ ޕަސިންޖަރުން ދެ ސަރަހައްދަކަށް ބޭލޭނެ އެވެ. އަދި މިހާރުވެސް އިންޓަނޭޝަނަލް ޓާމިނަލަށްދާ ފަރާތްތަކާއި އެރައިވަލްއަށް އަންނަ މީހުން ޢަމަލުކުރާނީ ހަމަ މިހާރުވެސް އޮންނަ އުސޫލުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.