Advertisement

"އިންސާނެއްގެ ފުރާނައަށްވުރެ ޑުރައިވަރަށް މުހިންމުވީ ފަހަތު ސީޓު"

8 އޮކްޓޯބަރު 2023 - 12:45 39

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރޭ ކުޑަކުއްޖަކު ވެއްޓި ނިޔާވި ހިޔާ ޓަވަރު. ފުރަތަަމަ މަދުކުރި ކާރަށް ނޭރުވީ ހަދިވެދާނެތީ


"އިންސާނެއްގެ ފުރާނައަށްވުރެ ޑުރައިވަރަށް މުހިންމުވީ ފަހަތު ސީޓު"

8 އޮކްޓޯބަރު 2023 - 12:45 39

"އެންމެ ކުޑަމީހާ [އެކުގައި ހުރި ރައްޓެއްސެއްގެ ކޮއްކޮ] ބުނީ އެ ވެއްޓުނީ މީހެކޭ، ބުނީމަ ދުވެފައި ކައިރިއަށް ދިޔައީ، މުޅި ތަނުގައި އޮތީ ލޭ، ފުރަތަމަ ނުކެރުނު އަތް ލާކަށް ވެސް،"

ހިޔާ ޓަވަރުގެ 12 ވަނަ ފަންގުފިލާއިން ރޭ، 15 އަހަރުގެ ކުއްޖާ ވެއްޓުނު ވަގުތު އެ ސަރަހައްދާ އެންމެ ކައިރީގައި ހުރި، މުހައްމަދު އަމީސް، ވާހަކަ ފެށީ އެހިސާބުންނެވެ.

އުމުރުން އެންމެ 21 އަހަރުގެ އެ ޒުވާނާ ބުނީ އޭގެ ކުރިން އެފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނުވާތީ އެންމެ ފުރަތަމަ އެ ކުއްޖާ ފެނުމުން ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ.

"ފުރަތަމަ ދެތިން ސިކުންތު ވަންދެން ހުރެވުނީ ހުއްޓިފައި، އަތް ލާކަށް ނުކެރުނު، އަހަންނަށް ވެސް ހޭވެރިކަންވީ އެތަނަށް އެއްވާން ފެށި މީހުން ފޮޓޯ ނަގާ ވީޑިއޯ ނަގަން ފޯނުތައް ދިއްކުރަން ފެށީމަ،" އަމީސް ކިޔައިދިނެވެ.

އޭނާ ބުނީ އެވަގުތު އެތަނަށް އެއްވި މީހުން ފުލުހުންނަށާއި ހޮސްޕިޓަލަށް ގުޅުމުގެ ބަދަލުގައި އަވަސްވެގަތީ ވެއްޓިފައި އޮތް ކުއްޖާގެ ފޮޓޯ ނަގައި ވީޑިއޯ ކުރުމަށް ކަމަށެވެ. ނަމަވެސް މީސްމީޑިއާގައި އެ ފޮޓޯއާއި ވީޑީއޯތައް އާންމު ނުކުރެވުނީ އަމީސްއާއި އޭނާގެ އެކުވެރިން އެކަމަށް ހުރަސްއެޅުމުންނެވެ.

"އަހަރެން އެތަނުން މީހެއްގެ އަތް ފޮޅާލާފައި ބުނިން ފޮޓޯއެއް ނަގައިފިއްޔާ ނިމުނީއޭ، ނަގައިގެން ނުވާނެޔޭ،" އަމީސް ބުންޏެވެ.

އެހެން ބުނުމަށްފަހު އަމީސް އަވަސްވެގަތީ ވެއްޓިފައި އޮތް ޒުވާނާގެ ނޭވާ ހިނގާތޯ ކަށަވަރު ކުރުމަށެވެ. އޭރު ކައިރީގައި ހުރި އިބްރާހިމް ނާއިލް، 19އ ފުލުހުންނަށް ގުޅާފައި އަވަހަށް އެމްބިއުލޭންސެއް ފޮނުވަން އެދުމަށްފަހު އެކަން ރިޕޯޓު ކޮށްފި އެވެ.

"އޭރު ނޭވައެއް ނުލާ، މުޅި ތަނުގައި އޮތީ ލޭ، ހަރަކާތެއް ވެސް ނެތް، ދެން އަވަހަށް ބެލީ ހޮސްޕިޓަލަށް ފޮނުވައިލެވޭތޯ،" އަމީސް ކިޔައިދިނެވެ.

ފުރަތަމަ ކާރަށް ނޭރުވީ ސީޓު ހަޑިވެދާނެތީ

ވެއްޓިފައި އޮތް ކުއްޖާގެ ބޮލުން ފައިބަމުންދިޔަ ލޭގެ ގިނަކަމާއި ވެފައި އޮތް ޒަހަމުގެ ބޮޑުކަމުން ފުލުހުން އަންނަންދެން ހޮސްޕިޓަލަށް ނުގެންގޮސް މަޑުކުރާކަށް އަމީސްމެން ބޭނުމެއް ނުވި އެވެ. އެމީހުން އަވަސްވެގަތީ މަގުމަތިން އެންމެ އަވަހަށް އަތުޖެހޭ އުޅަނދެއް މަޑުކުރުވުމަށްފަހު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުން އަވަސް ކުރުމަށެވެ.

"ފުރަތަމަ މަޑުކުރި ކާރުގައި އިން ޑުރައިވަރު ބުނީ ނޭރުވޭނެޔޯ، ކާރުގެ ސީޓެއްނުންހެއްޔޯ ހަޑިވާނީ، ކާކުހޯ ލޭތައް ސާފުކޮށްދޭނީ،" އަމީސް ކިޔައިދިނެވެ.

އޭނާ ބުނީ އެ ޑުރައިވަރުގެ އެ ބަސްތައް އެވަގުތު އަޑުއަހަން ވެސް އުނދަގޫވި ކަމަށާއި އިންސާނެއްގެ ފުރާނައަށްވުރެ ކާރުގެ ސީޓު ކަވަރު މީހަކަށް މުހިންމުވެދާނެ ކަމަށް އޭގެކުރިން ގަބޫލު ވެސް ކުރެވިފައި ނުވާ ކަމަށެވެ.

"އަހަރެން ބުނިން މަވެސް ސާފު ކޮށްދީފާނަމޭ ތިޔަ ކާރުގެ ސީޓު، ބުނީމަ ވެސް ނޭރުވި،" ނާއިލް ބުންޏެވެ.

ދަނޑިވަޅުގެ ހައްސާސް ކަމުން އެ ޑުރައިވަރާ ޒުވާބު ކުރުމަށް ބޭކާރު ވަގުތުތަކެއް ނަގާލުމުގެ ބަދަލުގައި އެ ޒުވާނުން އަވަސްވެގަތީ އެހެން އުޅަނދެއް ހުއްޓުވުމަށެވެ. ނަސީބު ރަނގަޅުކަމުން ހަމަ ޓެކްސީގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން ކާރެއް އެ ސަރަހައްދަށް މަޑުކުރި އެވެ.

"އެއީ ވަރަށް ރަނގަޅު މީހެއް، އޭނާ މަޑުކުރީމަ މިހެންމިހެން ވެގެންނޭ މިއުޅެނީ ބުނީމަ ވަގުތުން އަރުވައިދީފި،" އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ތާއިފް އަލީ ނަސީމް، 18އ ކިޔައިދިނެވެ.

އަނީސް ބުނީ ތާއިފްއާ އެކު އެ ކުއްޖާ ހޮސްޕިޓަލަށް ފޮނުވައިލުމަށްފަހު ބަލައިލިއިރު، ސީޓު ހަޑިވެދާނެތީ ކާރަށް ނޭރުވި ޑުރައިވަރު އޭރު އެ ސަރަހައްދު ވީޑިއޯކޮށް ފޮޓޯ ނަގަން އެތަނުގައި މަޑުކޮށްގެން ހުރި ކަމަށެވެ.

"އަހަރުމެން ގޮސް އޭނާއާ ދިމާލަށް އެއްޗެހި ގޮވަން ފެށީމާ އޭނަ ނައްޓާލީ އެތަނުން،" އެ ކުއްޖާ ހޮސްޕިޓަލަށް ފޮނުވައިލުމަށްފަހު ކަންތައްތައް ހިނގި ގޮތް ނާއިލް ކިޔައިދިނެވެ.

ގާނޫނީ ގޮތުން ބޮޑު ކުށެއް، ދައުވާ ކުރެވޭނެ

އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމީހެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅޭނެ ކުށެކެވެ.

އެ ގާނޫނުގެ ދަށުން އެހީއަށް ބޭނުންޖެހިފައިވާ މީހާގެ ގޮތުގައި ބަޔާން ކޮށްފައިވާ މީހުންގެ ތެރޭގައި ލިބޭ އަނިޔާއަކުން ނުވަތަ ޖެހޭ ބައްޔަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބިފައިވާ މީހާ ހިމަނާފައި ވެ އެވެ.

އެހެންކަމުން ފުރަތަމަ އެ ސަރަހައްދަށް މަޑުކުރި ކާރަށް އެ ކުއްޖާ އެރުވުމަށް ދެކޮޅު ހެދުމަކީ އެ ގާނޫނުގެ ދަށުން ކުށެކެވެ. މީގެ ކުރިން މާޗު 17، 2004 ވަނަ އަހަރު 122 މީހުން ގޮވައިގެން ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރު ކުރަމުންދަނިކޮށް ތިނަދޫ އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ވެސް އެ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދަށް ފުރަތަމަ ދެވުނު ގއ. ދާންދޫ، މިޔަރެން ދޯނިން އެހީތެރިވެ ނުދީ ދިޔުން އެއީ ގާނޫނީ ކުށެއްގެ ގޮތުގައި ބަލައި އެ ދޯނީގެ ކެޔޮޅު މީހާއަށް ދައުވާ އުފުލާފައި ވެ އެވެ.

ކަނޑުވެފައި ތިބި އެތައް ބަޔަކު އެހީއަށް އެދި ގޮވަމުންދިޔަ ނަމަވެސް އެރޭ މިޔަރެން ދޯނީގެ ފަޅުވެރިންނަށާއި ކެޔޮޅު މީހާއަށް މުހިންމުވީ ދޯންޏަށް ބާނާފައި ހުރި 12 ޓަނުގެ މަހެވެ. ކަނޑުވެފައި ތިބި ކުޑަކުދިންނާއި އަންހެނުންނަށް ވުރެ އެވަގުތު އެމީހުން ކޫއްޑޫއަށް ގޮސް މަސްކޮޅު ކިރުވާލައިގެން ލިބެން އޮތް ފައިސާކޮޅު އެ ހުރިހާ އެންމެންގެ ފުރާނައަށްވުރެ އެ ދޯނީގައި ތިބި މީހުންނަށް މުހިންމުވީ އެވެ.

ބޮޑެތި ޒަހަމުތަކާއެކު ރޭ ހިޔާ ޓަވަރު، އެޗް6 ގެ ތިރިއަށް ވެއްޓިފައި އޮތް ކުއްޖާ ކާރަށް އެރުވުމަށް ދެކޮޅު ހެދި ޓެކްސީ ޑުރައިވަރުގެ މައްސަލައާ ގުޅޭގޮތުން މިހައިތަނަށް ފުލުހުންގެ ފަރާތުން ބަހެއް ލިބިފައެއް ނުވެ އެވެ. އެ މައްސަލަ ބަލަމުންދާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ އިދާރާއިން މިހައިތަނަށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

އެ ކުއްޖާ ވެއްޓުނުއިރު އެ ސަރަހައްދުގައި ތިބި ހުރިހާ އެންމެން ވެސް ވަނީ އެ ޓެކްސީ ދުއްވަން އިން މީހާއަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ރަހުމު ކުޑަ މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ހިޔާ ޓަވަރުގެ އެޗް6 ގެ 12 ވަނަ ފަންގިފިލާގެ 15 ވަނަ އެޕާޓުމަންޓުގައި ދިރިއުޅެމުންދިޔަ އެ ކުއްޖާ ރޭ ވެއްޓި ލިބުނު ޒަހަމުތަކުގައި ނިޔާވިކަން ހުޅުމާލެ ހޮސްޕޮޓަލުން ކަށަވަރު ކޮށްދީފައި ވަނީ ރޭ 12:45 ހާއިރު އެވެ. އެ ހާދިސާ ހިނގައިދިޔަ ގޮތެއް މިހައިތަނަށް އަދި ޔަގީނަށް ބުނާކަށް ނޭނގެ އެވެ.