23 ފެބުރުވަރީ 2023 - 11:57 0
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
23 ފެބުރުވަރީ 2023 - 11:57 0
ޔޫގާންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖުގެ ސިންގަލްސް އިވެންޓުގެ ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރި މެޗުތައް ކާމިޔާބުކޮށްފި އެވެ.
އިއްޔެ އިން ފެށިގެން މި މަހު 26 އަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިން ވާދަކުރެ އެވެ.
ގައުމީ ޗެމްޕިއަން ނިބާލް އަހުމަދު ކޮލިފައިންގެ ފުރަތަމަ ބުރުގައި ވާދަކުރީ އުގާންޑާގެ އަބްދުއްސުވަބުރު ސެޕީރީ އާ ދެކޮޅަށެވެ. މި މެޗު ނިބާލް ކާމިޔާބުކުރީ 21-17 އަދި 21-16 އިންނެވެ. ދެ ވަނަ ބުރުގައި ނިބާލް ވަނީ އިންޑިއާގެ ޝަޝްވަތު ދަލާލްއާ ވާދަކޮށް 10-21 އަދި 15-21 އިން ބަލިވެފަ އެވެ.
ގައުމީ ޓީމްގެ މުހައްމަދު އަޖުފާން ރަޝީދު ފުރަތަމަ ބުރުގައި ނިކުތީ މޮރީޝަސްގެ އައިޑެން ޔޫކިޔަޓް އާ ދެކޮޅަށެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަމުން އަންނަ މޮރީޝަސް ކުޅުންތެރިޔާ އަތުން އަޖުފާން މޮޅުވީ 21-18 އަދި 21-17 އިންނެވެ. ކޮލިފައިންގެ ދެ ވަނަ ބުރުގައި އަޖުފާން ބަލިވީ ތަރަންގާ ކެވިން އަތުން 8-21 އަދި 7-21 އިންނެވެ.
މުބާރާތުގައި ރާއްޖެއިން ވާދަކުރާ އަނެއް ދެ ފިރިހެން ކުޅުންތެރިން ކަމަށްވާ ރިވައިވަލް ސްޕޯޓްސް ކްލަބްގެ، އަހުމަދު ތޯއިފް އަދި ޒަޔާން ޒަކީ ވެސް ކެޓީ ދެ ވަނަ ބުރާ ހިސާބުންނެވެ. ފުރަތަމަ ބުރުގައި ދެ ކުޅުންތެރިން ވެސް ކުޅުނު މެޗުތައް ކާމިޔާބުކުރި އެވެ. ތޯއިފް ފުރަތަމަ ބުރުގައި ޔޫގާންޑާ އަހުމަދު އޮޑުކާ އަތުން 21-5، 21-17 އިން މޮޅުވިއިރު، ދެ ވަނަ ބުރުގައި ބަލިވީ އިންގްލެންޑްގެ ނަދީމް ޑަލްވީ އަތުން 11-21، 9-21 އިންނެވެ.
ޒަޔާން ފުރަތަމަ ބުރުގައި ޔޫގާންޑާގެ ޝިލްޓަން ޓަޔޭބްވާ އަތުން 21-9، 21-12 އިން މޮޅުވިއިރު، ދެ ވަނަ ބުރުގައި ވާދަވެރި ކުޅުމަކަށް ފަހު ބަލިވީ ޖަރުމަންގެ ކެމިލޯ ބޯސްޓް އަތުން 14-21، 19-21 އިންނެވެ.
އަންހެން ސިންގަލްސް އަށް ބަލާއިރު ކޮލިފައިން ބުރުގައި އަންހެން ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން މައިސާ ބޯޅަ ފޮނުވާލަނީ: އޭނާ އަންނަނީ މެދުކެނޑުމަކަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރަމުން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ ޓީމުގެ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ފުރަތަމަ ބުރުގައި ކުޅުނީ ޔޫގާންޑާގެ ކުޅުންތެރިންނާ ދެކޮޅަށެވެ. ޔޫގާންޑާގެ ހަރްޝިނީ ހިރާނީ އަތުން ނަބީ 21-3، 21-13 އިން މޮޅުވިއިރު، ދެ ވަނަ ބުރުގައި ބަލިވީ މުބާރާތުގައި ތިން ވަނަ އަށް ސީޑުކޮށްފައި އޮތް މެލޭޝިޔާގެ ސިތި ނޫރުސުހައިނީ އަތުން 11-21، 10-21 އިންނެވެ. ނަބާހާ ފުރަތަމަ ބުރުގައި ޔޫގާންޑާގެ ވަޔޯލާ ބިރިބާވާ އަތުން 21-1، 21-2 އިން މޮޅުވިއިރު، ދެ ވަނަ ބުރުގައި އިންޑިއާގެ ސްރެސްތާ ކަނަރެއްޑީ އަތުން ބަލިވީ 18-21 އަދި 13-21 އިންނެވެ.
ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު ބައިނަލްއަގްވާމީ މެޗަކަށް ނިކުތް މައިސާ ފަތުހުﷲ އިސްމާއިލް ފުރަތަމަ ބުރުގައި ގްރީސްގެ ދިއޮޑޯރާ ފްރަގޫލިޑޫ އަތުން 24-22 އަދި 21-11 އިން މޮޅުވިއިރު، ދެ ވަނަ ބުރުގައި ބަލިވީ އިންޑީއާގެ ސާކްޝީ ގެހްލާވަތު އަތުން 7-21، 9-21 އިންނެވެ.
ދެން މި މުބާރާތުގައި ކުޅޭ ރާއްޖޭގެ އަންހެން ކުޅުންތެރިޔަކީ އައިޝަތު އަފްނާން ރަޝީދު އެވެ. ފުރަތަމަ ބުރުގައި އޭނާ ކުޅެން އޮތް މެޗުން އަފްނާން މޮޅުވީ ޔޫގާންޑާ ކުޅުންތެރިޔާ މެޗަށް ހާޒިރު ނުވާތީ އެވެ. އޭނާ ދެ ވަނަ ބުރުގައި ކުޅުނު މެޗުން ބަލިވީ ޓަނީނާ ވިއޮލެޓް މަމޭރީ 8-21، 17-21 އިންނެވެ.
މުބާރާތުގައި މިއަދު ކުރިއަށްދަނީ ސިންގަލްސް މެއިން ޑްރޯގެ މެޗުތަކެވެ. ޑަބަލްސް އިވެންޓްތަކާއި މިކްސް ޑަބަލްސް މެޗުތައް މާދަމާ ފަށާނެ އެވެ. އަންހެން ޑަބަލްސްގައި ރާއްޖޭގެ ދެ ޕެއާ އަދި ފިރިހެން ޑަބަލްސްގައި ރާއްޖޭގެ ދެ ޕެއާ ކުޅޭނެ އެވެ. މިކްސް ޑަބަލްސްގައި ކުޅެނީ ނަބާހާ އާއި ޒަޔާންގެ ޕެއާ އެކަންޏެވެ.
Comment