23 ފެބުރުވަރީ 2023 - 09:48 0
23 ފެބުރުވަރީ 2023 - 09:48 0
ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތައް ވަރުގަދަ ކަމުގައި ވިޔަސް މިއީ ރާއްޖޭން މަސައްކަތް ކޮށްފިނަމަ މެޑަލް ހޯދޭނެ މުބާރާތެއް ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ތަރި، އާދަމް ފައިރޫޒް ބުނެފި އެވެ.
މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަަލަށް މާލޭގައި ހޯސްޓްކުރާ ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ސިންގަޕޫރާއި މެލޭޝިއާ އަދި އަފްގާނިސްތާން އެވެ. އެ ގޮތުން ރާއްޖޭން އެންމެ ފުރަތަމަ މިރޭ 20:30 ގައި މެލޭޝިއާއާ ކުޅުމަށް ފަހު، މާދަމާރޭ ހަމަ އެ ވަގުތުގައި ސިންގަޕޫރާ ބައްދަލުކުރާނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ 20:30 ގައި ކުޅޭނެ އެވެ.
ފޯ ނޭޝަންސް ކަޕަށް ތައްޔާރުވާން ރާއްޖޭން ވަނީ ތައިލެންޑްގައި މި މަހު 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕްގައި ފަސް ޕްރެކްޓިސް މެޗު ކުޅުނެވެ. މިދިޔަ އަހަރު ގައުމީ ފިރިހެން ވޮލީ ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއް ކުޅެލަން ނުލިބުނީ ބައެއް މުބާރާތްތައް ފަސްވެ، އަނެއްބައި މުބާރާތްތައް ނުބޭއްވި ކެންސަލްވުމުންނެވެ. ގައުމީ ޓީމުން ވަނީ މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ސައުދީ އަރަބިއްޔާގައި ކޭމްޕެއް ފުރިހަމަކޮށް، މެޗުތަކެއް ކުޅެފަ އެވެ.
އަހަރެއްހާ ދުވަހު މުބާރާތެއް ނުކުޅެ ތިބުމަށް ފަހު، ވަރުގަދަ ޓީމުތަކާ ކުޅެން ނުކުންނަން ޖެހުނަސް ޝަކުވާއެއް ނުކުރާނެ ކަމަށް ފައިރޫޒް ވަނީ ބުނެފަ އެވެ.
"މިދިޔަ އަހަރު މިދިޔައީ ވަރަށް ޓައިޓްކޮށް އަނެއްހެން އެއްވެސް ރެސްޓަކާ ނުލައި، މުބާރާތް އެހެނޭ ކިޔާފައި އެހެން އެކަހަލަ މެޗުތަކެއް ނުކުޅެއޭ ކިޔާފައި އެ އެކްސްކިއުޒަކަށް ނަގަން. މި ފަހަރު ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މެޑަލް ގަނޑެއް،" ފައިރޫޒް ބުންޏެވެ.
"ފޯ ނޭޝަންސް ކަޕް މިއީ ވަރަށް އަހަރެމެން އިންތިޒާރު ކުރި މުބާރާތެއް. ވަރަށް އަނެއްހެން ހިތްހަމަޖެހޭ ދެން މި މުބާރާތް އޮތީމަ، ދެން އަދި އިތުރު މުބާރާތްތަކެއް މި އަހަރު އޮތީމައާ އެކީގައި އަދި މެޑަލް އަކަށް ދިއުމަށް ވެސް ވަރަށް ސަޅި މުބާރާތެއް (ފޯ ނޭޝަންސް ކަޕަކީ)،"
ރާއްޖެއާ ދެކޮޅަށް ފޯ ނޭޝަންސް ކަޕްގައި ކުޅޭ ގައުމުތަކުގެ ތެރެއިން އަފްގާނިސްތާނަކީ ގިނަ ފަހަރުތަކެއް މަތިން ރާއްޖެއާ ދެކޮޅަށް ސެންޓްރަލް ޒޯން މުބާރާތުގައި ކުޅެފައިވާ ގައުމެކެވެ. ސިންގަޕޫރު ޓީމާ ހަވާލުވެ ހުރީ ރާއްޖެ އަށް މީގެ ކުރިން ކޯޗުކޮށްދިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ. ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ވާނީ އާ ކުރިމަތިލުންތަކަކަށެެވެ.
"ވަރުގަދަ ޓިމުތައް މިއޮތީ އަފްގާން ގަދަވާނެ، މެލޭ ގަދަވާނެ. ސިންގަޕޫރު ވަރުގަދަވާނެ. ދެން ވަރުގަދަ ޓީމުތައް މި އޮތީ. އެ މީހުންނާ ދެކޮޅަށް މި ނަތީޖާ ނެރެންޖެހެނީ، އެ އަށް މި ތައްޔާރުވަނީ،" ފައިރޫޒް ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގެ ފޯމެޓް ރޭވިފައިވާ ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު ހަތަރު ޓީމު ވެސް ސެމީގައި ކުޅޭނެ އެވެ. އެއް ސެމީގައި އެއް ވަަނަ ކުޅޭނީ ހަތަރު ވަނަ އާ އެވެ. ދެ ވަނަ ސެމީގައި ދެ ވަނަ ބައްދަލުކުރާނީ ތިން ވަނަ ޓިމާ އެވެ. ދެ ސެމީން މޮޅުވާ ދެ ޓީމު ފައިނަލްގައި ބައްދަލުކުރާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ.
ފޯ ނޭޝަންސް ކަޕަކީ ގައުމީ ފިިރިހެން ޓީމުގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯގެ އިރުޝާދުގެ ދަށުން އެ ޓީމު މިދިޔަ އަހަރެއްހާ ދުވަހު ކުރި ޕްރެކްޓިހަށް ފަހު ކުޅޭނެ ފުރަތަމަ މުބާރާތެވެ.
Comment