21 ފެބުރުވަރީ 2023 - 11:26 2
އައިޝަތު ނުޒުހާ
އަމީނީ މަގުގައި އާރްޑީސީން ތަރައްގީކުރަމުން އަންނަ ސަރަހައްދު--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
21 ފެބުރުވަރީ 2023 - 11:26 2
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓަންޓަށް ހުށަހަޅާފައިނުވާ ފެން ހިންދާ ނިޒާމުގެ ތަފްސީލް ޕްލޭނިން މިނިސްޓަރު އަސްލަމް މިއަދު ދެއްވައިފި އެވެ.
އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މައިގަނޑު އެއް ކަންބޮޑުވުމަކީ ފެން ހިންދާ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ނުލިބިދާނެ ކަމެވެ.
އެންމެ ފުރަތަމަ ޕްލޭންގައި ހިމަނާފައި އޮތީ މިހާރު ހުރި ޕަމްޕުސްޓޭޝަންތަކުގެ އިތުރުން އެއް ޕަމްޕުސްޓޭޝަން ގާއިމް ކުރުމަށް ނަމަވެސް, އީއައިއޭއަށް ހުށަހެޅިިއިރު ފެން ހިންދާ ނިޒާމު ހިންގާނެ ގޮތުގެ ތަފްސީލު ހިމަނާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން މި ނިޒާމުގެ ނަތީޖާ ލަފާކުރުމަށް ދަތިތަކެއް ހުރި ކަން ފާހަގަކޮށްފައިވެ އެވެ.
"މި މަގުގައި ގާއިމްކުރާ ފެން ހިންދާ ނިޒާމު އެކަމަށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ މަޝްރޫއުގެ މަގްސަދު ހާސިލް ނުވާނެ ކަމަށް ބެލެވެ އެވެ. ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބި، މަގު ބޭނުން ކުރާ މީހުންނަށް އެކަމުގެ ދަތިތައް ކުރިމަތިވެ ޝަކުވާތައް އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.
ފެންހިންދާ ނިޒާމާ ގުޅޭ ގޮތުން ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ސުވާލުކުރެއްވުމަށް އަސްލަމް މިއަދު މަޖިލީހަށް ވަނީ ހާޒިރުކޮށްފަ އެވެ.
މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މިހާރު އަޅާފައިވާ ފެންހިންދާ ނިޒާމަކީ ގްރެވިޓީ ފްލޯއަކުން މަގުމައްޗަށް އެޅޭ ފެން ޕަންޕް ކުރާ ނިޒާމެއް ކަމަށެވެ. އެގޮތުން މިހާރު ވެސް ހަތަރު ސްޓޭޝަނެއް ހުންނަ ކަމަށް ވިދާޅުވި އެވެ. އަދި އެ ކަމުގައި ބޭނުންކުރާ ހޮޅިތަކުގެ ޑައިމިޓާ ވެސް ކުޑަކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ފެން ހިންދާ ނިޒާމުގެ ގްރެވިޓީ ފްލީގެ ޕައިޕްތައް 315 މިލިމީޓަރަށް ފުޅާކޮށް، ޕަންޕު ކުރާ 314 މިލިމިޓަރަށް ބަދަލު ކޮށްފައިވާ ކަަމަށެވެ.
"އަދި ޕަންޕްސްޓޭޝަނަށް އިތުރު ޕަންޕްސްޓޭޝަނެއް އެޑްކޮށްފައި، މިހާރު ހުރި ޕަންޕްސްޓޭޝަންތައް ކޮންމެ ޕަންޕުތަކުގެ ކެޕޭސީޓީއަކީ ކޮންމެ ޕަންޕަކުން 9 ކިލޯވޯޓް، އަލަށް މިކަން ނިމިގެން ދާއިރު ހުރިހާ ޕަމްޕްސްޓޭޝަނެއްގައި ހުރި ހުރިހާ ޕަންޕެއް 21 ކިލޯވޯޓަށް ވާނެ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ބަދަލާއެކު ގަޑިއަކު 1000 ކިޔުބިކް މީޓަރުގެ ފެން ބޭރުވާނެ ކަމަށެވެ.
Comment