Advertisement

އަފްގާނިސްތާނުގެ ކުރީގެ އަސްކަރީ މަރުކަޒުތައް ހާއްސަ އިގްތިސާދީ ޒޯންތަކަށް

20 ފެބުރުވަރީ 2023 - 20:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަގްރަމްގައި ހުންނަ ކުރީގެ އަސްކަރީ މަރުކަޒެއްގެ ބޭރުގައި ސިފައިންގެ މީހަކު މަޑުކޮށްގެން. -- ފޮޓޯ: ރޮއިޓާޒް


އަފްގާނިސްތާނުގެ ކުރީގެ އަސްކަރީ މަރުކަޒުތައް ހާއްސަ އިގްތިސާދީ ޒޯންތަކަށް

20 ފެބުރުވަރީ 2023 - 20:13 0

އަފްގާނިސްތާނުގައި ކުރިން ތިބި އެހެން ގައުމުތަކުގެ ސިފައިން ބޭނުންކުރި އަސްކަރީ ބައެއް މަރުކަޒުތައް ވިޔަފާރިތަކަށް ހާއްސަ އިގްތިސާދީ ޒޯންތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައީ އޯގަސްޓު 2021 ގަ އެވެ. އޭގެ ކުރިން 20 އަހަރު ވަންދެން އަފްގާނިސްތާނުގެ އިގްތިސާދު ކުރިއަށް ދިޔައީ ބޭރުގެ އެހީއަށް ބަރޯސާވެގެންނެވެ.

ތާލިބާނުން ވެރިކަމަށް އައުމާ އެކު އެހެން ގައުމުތަކުގެ ސިފައިން އަފްގާނިސްތާނުން ފައިބައި، ގިނަ އަދަދެއްގެ އެހީ ހިފެހެއްޓުމުން، އެ ގައުމަށް ވަނީ އިގްތިސާދީ އަދި އިންސާނީ ކާރިސާއެއް ކުރިމަތިވެފަ އެވެ.

އެހެން ގައުމުތަކުގެ ސިފައިން ބޭނުންކުރި އަސްކަރީ މަރުކަޒުތައް އިގްތިސާދީ ޒޯންތަކަށް ބަދަލުކުރާނެކަން އިއުލާނު ކުރެއްވީ އިގްތިސާދީ ކަންކަމަށް ހާއްސަ އެކްޓިން ޑެޕިއުޓީ ބޮޑު ވަޒީރު މުއްލާ އަބްދުލް ގަނީ ބަރާދަރް އެވެ.

އޭނާ އިއުލާން ކުރެއްވި ގޮތުގައި އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފަށާނީ ވެރިރަށް ކާބުލްގައި ހުރި ސައިޓުތަކުންނެވެ. އެހެން ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.

އަފްގާނިސްތާނުގައި އަތްނުލައި ހުރި ގުދުރަތީ ވަސީލަތްތަކުގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި އަގުހުރި މައުދަންތަކާއި، ކޮޕާ އަދި ގޭސް ހިމެނެ އެވެ.

އެ ވަސީލަތްތަކުގެ ބޭނުން ނުހިފައި ހުރީ ގައިމުގެ ދާހިލީ ހަމަނުޖެހުން ބޮޑުވެގެން ގޮސް، އިގްތިސާދީ މަސައްކަތްތައް ހުރަސް އެޅިފައި އޮތްތާ ގިނަ އަހަރުތަކެއް ވުމުންނެވެ.

ހުޅަނގުގެ ގައުމުތަކުން އަފްގާނިސްތާނާ އެކު އިގްތިސާދީ މުއާމަލާތް ކުރުން ހުއްޓާލާފައިވާ އިރު، އެ ފުރުސަތުގެ ބޭނުން ހިފަމުން ދަނީ ޗައިނާއިންނެވެ.

ޗައިނާއިން ރަސްމީކޮށް ތާލިބާން ސަރުކާރު ބަލައިނުގަތް ނަމަވެސް، އަފްގާނިސްތާނުގެ ބައެއް މަޝްރޫއުތައް ހިންގުމުގެ މަސައްކަތް ހުއްޓާލާފައެއް ނުވެ އެވެ.