Advertisement

އިޒްރޭލުން ސީރިއާއަށް ހަމަލާދީ ފަސް މީހުން މަރާލައިފި

19 ފެބުރުވަރީ 2023 - 14:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުން ހަމަލާ ދިނީ ސީރިއާގެ ވެރިރަށް ދިމިޝްކަށް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިޒްރޭލުން ސީރިއާއަށް ހަމަލާދީ ފަސް މީހުން މަރާލައިފި

19 ފެބުރުވަރީ 2023 - 14:49 0

އިޒްރޭލުން ފޮނުވި މިސައިލް ހަމަލާތަކެއްގައި ސީރިއާގެ ވެރިރަށް ދިމިޝްކުން ފަސް މީހުން މަރުވެފައިވާ ކަމަށް ސީރިއާގެ ސިފައިން ބުނެފި އެވެ.

އޮފިޝަލުން ބުނީ ދިމިޝްކުގެ މެދުތެރޭގައި އޮންނަ ކަފްރް ސޫސާ ހިސާބުގަނޑުގެ އިމާރާތަކަށް މިސައިލް އެރުމުން މަރުވީ ސިފައިންގެ މީހަކާއި އާއްމުންގެ ހަތަރު މީހުން ކަމަށެވެ.

ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އެ ހިސާބުގައި ސެކިއުރިޓީ ވަރުގަދަ ސިފައިންގެ ބޮޑު މަރުކަޒެއް ހުރެ އެވެ. އެ ހަމަލާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން އިޒްރޭލުން ބޭނުމެއް ނުވެ އެވެ.

އިރާނާއި ހިޒްބުﷲ އާ ގުޅުން ހުރި ޓާގެޓުތަކަށް ކަމަށް ބުނެ އިޒްރޭލުން ގަވާއިދުން ސީރިއާއަށް ވައިގެ ހަމަލާތައް ފޮނުވަ އެވެ. އެކަމަކު އެ ހަމަލާތަކަށް ޒިންމާ ނަގަނީ މަދު ފަހަރެއްގަ އެވެ.

އާދީއްތަ ދުވަހު ދިން ހަމަލާއަކީ މީގެ 12 ދުވަސް ކުރިން ސީރިއާ އާއި ތުރުކީއަށް އައި 7.8 މެގްނިޓިއުޑް ބިންހެލުމަށް ފަހު ދިން ފުރަތަމަ ހަމަލާ އެވެ.

ހަމަލާ އަމާޒުކުރި ކަފްރު ސޫސާ ހިސާބުގައި ސެކިއުރިޓީ އެޖެންސީތަކާއި އިސް އޮފިޝަލުންގެ އޮފީސްތަކާއި ގިނަ އަދަދެއްގެ އާއްމު އިމާރާތްތައް ހުރެ އެވެ.

ސީރިއާގެ އޮފިޝަަލުން ބުނީ މިސައިލް ލޯންޗު ކުރީ 1981 ވަނަ އަހަރު އިޒްރޭލުން ވެރިވެގަތް ސީރިއާ ގޯލަން ހައިޓްސް ސަރަހައްދުން ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ބުނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރާ ކަމަށެވެ. އެއީ ސީރިއާގެ ވެރިރަށަށް އިޒްރޭލުން ދިން އެންމެ ބޮޑު ހަމަލާ ކަމަށް އެ ގްރޫޕުން ބުންޏެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް އިޒްރޭލުން ދިމިޝްކުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ހަތަރު މީހުން މަރާލި އެވެ. އޭގެ ތެރޭގައި ސިފައިންގެ ދެ މީހުން ހިމެނެ އެވެ.