Advertisement

އޮޕަރޭޝަނަށް ފަހު ރިކަވަރީ އަށް އިތުރު ވަގުތު ބޭނުންވާތީ ޓޮޓެންހަމްގެ ބެންޗުން ކޮންޓޭ ނުފެންނާނެ

19 ފެބުރުވަރީ 2023 - 12:51 0


އޮޕަރޭޝަނަށް ފަހު ރިކަވަރީ އަށް އިތުރު ވަގުތު ބޭނުންވާތީ ޓޮޓެންހަމްގެ ބެންޗުން ކޮންޓޭ ނުފެންނާނެ

19 ފެބުރުވަރީ 2023 - 12:51 0

ލަންޑަން (ފެބްރުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި ވެސްޓް ހޭމް ބައްދަލުކުރާ މެޗުގައި ޓޮޓެންހަމްގެ ބެންޗުން އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނުފެންނާނެ އެވެ. އެއީ ގޯލްބްލެޑާ އޮޕަރޭޝަނަށް ފަހު ރިކަވަރީ އަށް އިތުރު ވަގުތު ބޭނުންވާތީ، ކޮންޓޭ ވަނީ އިޓަލީގައި މަޑުކޮށްފަ އެވެ.

ކޮންޓޭ ގޯލްބްލޭޑާގެ ސާޖަރީއެއް ހެދީ މި މަހުގެ އެއް ވަނަ ދުވަހެވެ. އޭގެ އަށް ދުވަސް ފަހުން، ކޮންޓޭ ޓޮޓެންހަމްގެ ބެންޗަށް ނުކުތެވެ. އެ ގޮތުން ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އަތުން ބަލިވި މެޗާއި ޗެމްޕިއަންސް ލީގުގައި އޭސީ މިލާން އަތުން ބަލިވި މެޗުގައި ކޮންޓޭ ޓީމަށް އިރުޝާދު ދިނެވެ.

އެހެން ނަމަވެސް، ކޮންޓޭ އޮޕަރޭޝަނަށް ފަހު އެނބުރި އާދެވުނީ މާ އަވަހަށް ކަމަށ ކޮންޓޭ ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ. އަދި ރިކަވަރީ އަށް އިތުރު ވަގުތު ބޭނުންވާތީ، ކޮންޓޭ ވަނީ ޗެމްޕިއަންސް ލީގުގައި މިލާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އިޓަލީގައި މަޑުކޮށްފަ އެވެ.

މިރޭ ވެސްޓް ހޭމްއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ ޓީމުގެ އެސިސްޓަންޓް ކޯޗު ކްރިސްޓިއަން ސްޓެލީނީ އެވެ.

މިރޭގެ މެޗުގެ ކުރިން ސްޓެލީނީ ބުނީ އެންމެ މުހިންމު ވާނީ މީހެއްގެ ސިއްހަތު ކަމަށާއި ކޮންޓޭ އަށް މި ވަގުތު އަރާމުކުރާނެ ވަގުތު ބޭނުންވާ ކަމަށެވެ. އެކަމަކު މިހާރު ވެސް ކޮންޓޭ ހުރީ އެނބުރި އަންނަން ކެތްމަދުވެފައި ކަމަށެވެ.

"ކޮންޓޭ އަހަންނަށް ގުޅާ ދުވާލަކު ދެ ތިން ފަހަރު. ކޮންމެ ފަހަރަކު ވެސް ބުނާނެ، އޭނާ ބެންޗަށް އެނބުރި އަންނަން ބޭނުންވާ ވާހަކަ. ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލާ،" ސްޓެލީނީ ބުންޏެވެ.

މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ކޯޗުގެ މަގާމުގައި ހުރި ކޮންޓޭ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކޮންޓޭގެ ބަދަލުގައި ޓޮޓެންހަމް އިން ގެންނަން މަސައްކަތް ކުރަނީ ބްރައިޓަންއާ މި ސީޒަނުގެ މެދުތެރެއިން ހަވާލުވި އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީ އެވެ.